ޖޭޕީގެ ވެރިކަމެއްގައި ހުރިހާ ސުކޫލަކާއި ސިއްހީ ފަރުވާދޭ ތަންތަނުގައި އޭސީ ކުރާނަން: ގާސިމް

ޖުމްހޫރީ ޕާޓީގެ ވެރިކަމެއްގައި ރާއްޖޭގެ ހުރިހާ ސުކޫލުތަކަކާއި، ސަރުކާރުގެ ދަށުން ހިންގާ ހުރިހާ ސިއްހީ ފަރުވާ ދޭ ތަންތަނެއް އެއާކޮންޑިޝަން ކޮށްދެއްވާނެ ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރިޔާސީ ކެންޑިޑޭޓް އޮނަރަބަލް ޤާސިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.
ރިޔާސީ ކެންޕެއިނަށް ޖޭޕީން ށ އަތޮޅަށް ކުރައްވަމުންދާ ދަތުރުފުޅުގައި އެ އަތޮޅު މިލަންދޫއަށް ވަޑައިގެން ރޭ ބޭއްވި ކެމްޕޭން ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ޤާސިމް ވިދާޅުވީ، މީގެ ވިއްސަކަށް އަހަރު ކުރީން، ރާއްޖޭގެ ގިނަ ސުކޫލު ތަކުގައި ކޮންޕިއުޓަރ ލެބް ނެތުމުން، އެތަންތަން ހެދުމަށް އެހީވެ ދިނުމަށް އެ ހުރިހާ ތަނަކަށްވެސް އެމަނިކުފާނުގެ އަމިއްލަ ޚަރަދުގައި ކޮމްޕިއުޓަރ ސިސްޓަމާއި މޭޒާއި ގޮނޑިތައް ފޯރުކޮށްދެއްވާފައިވާ ކަމަށެވެ. 
އޭގެ އިތުރުން، މިފަހަކަށް އައިސް ރަށްރަށުގެ ސުކޫލުތަކާއި އެކި ފަރާތްތަކުން، ސުކޫލުގެ ކިލާސްރޫމުތައް ހޫނު ކަމުން އެކަމުގެ ޝަކުވާތައް ކޮށް، އެކަމަށް އެހީވެދިނުމަށް އެދެމުން އަންނަ ކަމަށް ގާސިމް ވިދާޅުވި އެވެ. 
Advertisement
މިއާއެކު ގާސިމާ ވިދާޅުވީ، ޖޭޕީގެ ވެރިކަމެއްގައި ރާއްޖޭގެ ހުރިހާ ސުކޫލުތަކަކާއި، ބަލި މީހުން ބާއްވާ ހޮސްޕިޓަލްތަކުގައި ނުވަތަ ކްލިނިކުތަކާއި އަދި ބަލިމީހުން އެޑިމެޓްކޮށްގެން ބާއްވާ ތަންތަނުގައި އެއާކޮންޑިޝަން ކުރެވިފައި ނުވާ ހުރިހާ ތަންތަން އެއާ ކޮންޑިޝަން ކޮށްދެއްވާނެ ކަމަށެވެ.
"އަޅުގަނޑުމެންގެ ވެރިކަމެއްގައި الله ވާގިފުޅާއިއެކު، މާ ގިނަ ދުވަސްތަކެއް ނުވެ ރާއްޖޭގެ ހުރިހާ ސްކޫލުތަކެއްގެ ކުލާސްރޫމުތައް އެއާކޮންޑިޝަން ކޮށްދޭނަން. ހަމައެހެންމެ، ރާއްޖޭގެ ރަށްރަށުގެ ބަލި މީހުން ބާއްވާ ހޮސްޕިޓަލު ތަކުގައި، ނުވަތަ ކްލިނިކް ތަކުގައި، މިދެންނެވީ ސަރުކާރުގެ ހެލްތު ސެންޓަރު ތަކުގައި، ބަލިމީހުން އެޑްމިޓް ކޮށްފައި ހުންނަ ތަންތަނާއި، އެތަންތަން ވެސް އެއާކޮންޑިޝަން ކޮށްދީފައި ނެތް ނަމަ، އެތަންތަން ވެސް އެއާކޮންޑިޝަން ކޮށްދޭނެ ވާހަކަ." 
ގާސިމް އިބްރާހިމް 
ގާސިމް ވިދާޅުވީ އެކަންކަމަކީ އިންސާނާގެ ސަލާމަތްކަމާއި ރައްކާތެރިކަމަށްޓަކައި ކުރަން ޖެހޭނެ ކަންތައްތައް ކަމަށާ އިންސާނަކަށް އެންމެ ފުރަތަމަ ބޭނުންވަނީ ރަނގަޅު ސިއްހަތެއް ކަމަށާ އެއަށްފަހު ތައުލީމް ކަމަށެވެ. 
މީގެ އިތުރުން ޤާސިމް ވިދާޅުވީ، ޖުމުހޫރީ ޕާޓީގެ ވެރިކަމެއްގައި އަނިޔާވެރިކަމުގެ އެއްވެސް އަމަލެއް ނުކުރަށްވާނެ ކަމަށެވެ. އަދި ތަރައްގީގެ މަސައްކަތްތައް ހިންގަވާނީ ރައްޔިތުންނަށް އެންމެ ތަކުލީފް ކުޑަވާގޮތަށް ބަލައިގެން، ކަމަށާ ރައްޔިތުންނަށް ސިއްރުން އެއްވެސްކަމެއް ނުކުރައްވާނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ