ހުޅުމާލެ ފޭސް 2 ގައި ގާއިމުކޮށްފައިވާ "އަމާން ދޯދި" ޓަވަރާއި، ފިތުރޯނު މަގާއި ރީތިގަސް މަގުގައި ހުރި އެހެން ރެޒިޑެންޝަލް ޓަވަރުތައް ހިމެނޭ ސަރަހައްދުތަކުގައި ބަސް ސްޓޮޕް ގާއިމުކޮށްދިނުމަށް އެދި މާލެ ސިޓީ ކައުންސިލުން އެމްޓީސީސީގައި އެދިއްޖެ އެވެ.
އެމްޓީސީސީގެ އެމްޑީ އަހްމަދު ސައުދީއަށް އެޑްރެސްކުރައްވައި މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް ފޮނުއްވި ސިޓީއެއްގައި ވިދާޅުވީ ފިތުރޯނު މަގާއި ރީތިގަސް މަގު ހިމެނޭ ސަރަހައްދުގައި ދިރިއުޅޭ ގިނަ އަދަދެއްގެ ރައްޔިތުން ދަނީ އެ ސަރަހައްދުގެ މީހުންނަށް ފަސޭހައިން ދެވޭނެ ބަސް ސްޓޮޕެއް ނެތުމުގެ ކަންބޮޑުވުން ފާޅުކުރަމުން ކަމަށެވެ.
"ހުޅުމާލެއިން މާލެއަށް ދަތުރުކުރާ އުމުރުން ދުވަސްވީ މީހުންނާއި، ވަޒީފާ އަދާކުރާ ފަރާތްތަކުގެ އިތުރުން އާންމު ރައްޔިތުންނަށް ދަތުރުފަތުރު ކުރުމުގައި ބޮޑެތި ތަކުލީފުތަކާ ކޮންމެ ދުވަހަކުވެސް ކުރިމަތިލާންޖެހޭ. ވަކިން ހާއްސަކޮށް ބޯކޮށް ވާރޭވެހޭ ދުވަސްތަކުގައި ގަދަ އަވީގައި، އެންމެ ކައިރީގައި ހުންނަ އާރްޓީއެލް ބަސް ހުއްޓިއަށް ދިއުމަށްޓަކައި ގިނަ އިރުތަކެއް ވަންދެން ހިނގަން ޖެހުމަކީ މި ސަރަހައްދުގައި ދިރިއުޅޭ އާއިލާތަކަށް ކޮންމެ ދުވަހަކުވެސް ދިމާވެފައިވާ ބޮޑު ގޮންޖެހުމެއް،" މޭޔަރު ވިދާޅުވި އެވެ.
ފޭސް 2 ގައި ދިރިއުޅޭ އާބާދީ ބޮޑުތަނުން އިތުރުވެފައިވާއިރު އެއާ އެއްވަރަށް އާންމު ދަތުރުފަތުރުގެ ހިދުމަތަށް އޮތް ބޭނުންވެސް އިތުރުވެފައިވާކަން އާޒިމް ފާހަގަކުރެއްވި އެވެ. އޭނާ ވިދާޅުވީ އަމާން ދޯދި ޓަވަރާއި ކައިރީގައި ހުރި އެހެނިހެން ހައުސިން މަޝްރޫއުތަކުގައި ދިރިއުޅޭ ރައްޔިތުންގެ އަދަދަށް ބަލައި، އެ ސަރަހައްދުގައި ބަސް ސްޓޮޕް ގާއިމުކޮށްދިނުމަށް އެދޭ ކަމަށެވެ.
އާޒިމް ވިދާޅުވީ ބަސް ސްޓޮޕްތައް ގާއިމުކުރުމުން ދަތުރުފަތުރުގެ ފަސޭހަކަން އިތުރުވެ، ހާއްސަ އެހީއަށް ބޭނުންވާ މީހުންނާއި، އުމުރުން ދުވަސްވީ މީހުންނާއި، ދަރިވަރުން އުފުލަންޖެހޭ ތަކުލީފުތައް ކުޑަވެ، ރައްޔިތުންނަށް ރައްކާތެރި އަދި އަރާމު ދަތުރުފަތުރުގެ ނިޒާމެއް ލިބޭނެ ކަމަށެވެ.
އެ ސަރަހައްދުތަކުގައި އާރްޓީއެލް ބަހުގެ ހިދުމަތް ލިބޭނެ އިންތިޒާމު ކަމާބެހޭ ފަރާތްތަކާ ގުޅިގެން ހަމަޖައްސަން މާލެ ސިޓީ ކައުންސިލުން އިއްޔެ ބޭއްވި ރަސްމީ ޖަލްސާގައި ވަނީ ފާސްކޮށްފަ އެވެ.
މި ކަމަކީ ގިނަ ބައެއްގެ މަސްލަހަތާ ގުޅިފައިވާ މުހިންމު ކަމަކަށްވާތީ، އެކަމަށް ރިއާޔަތްކޮށް، ވީ އެންމެ އަވަހަކަށް އެ ސަރަހައްދުތަކުގައި ބަހުގެ ހިދުމަތް ލިބޭނެ ކަންކަން އިންތިޒާމުކޮށްދޭން ސިޓީ ކައުންސިލުން އެދެ އެވެ.
ހުޅުމާލެ ދެވަނަ ފިޔަވަހީގައި ބަސް ސްޓޮޕްތައް ގާއިމުކޮށްދޭން ސިޓީ ކައުންސިލުން އެމްޓީސީސީގައި އެދިއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ