ލިބޭ އިނާޔަތާ އެއްވަރަށް އިންސާފު ލިބޭކަމުގެ އިޙްސާސް ރައްޔިތުންނަށް ވާންޖެހޭނެ: އަހުމަދު ޒާހިރު

ފަނޑިޔާރުންނަށް އެލިބޭ އިނާޔަތާ އެއް ހަމައެއްގައި އިންސާފު ލިބޭ ކަމުގެ އިހުސާސް ރައްޔިތުންނަށް ވާން ޖެހޭނެކަމަށް ރައްޔިތުންގެ މަޖުލީހުގެ ގައްދޫ ދާއިރާގެ މެމްބަރު އަހުމަދު ޒާހިރު ވިދާޅުވެއްޖެއެވެ.
ޒާހިރު މިފަދައިން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރުގެ ތިންވަނަ ޖަލްސާގައި ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނަށް ހުށަހަޅާފައިވާ އިސްލާހުގެ ބިލުގެ ބަހުސްގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ގައްދޫ ދާއިރާގެ މެންބަރު އަހުމަދު ޒާހިރު ވިދާޅުވީ ފަނޑިޔާރުންނަށް އިނާޔަތާއި އިތުރު ހިމާޔަތް ފޯރުކޮށްދިނުމަށް މަޖިލީހުން ދެކޮޅުނޫން ކަމަށެވެ. ނަމަވެސް އެލިބޭ އިނާޔަތާ އެއް ހަމައެއްގައި އިންސާފުލިބޭ ކަމުގެ އިހުސާސް ރައްޔިތުންނަށް ވާން ޖެހޭނެކަމަށް ޒާހިރު ވިދާޅުވިއެވެ.
މިއަދުގެ ޖަލްސާގައި ވާހަކަދައްކަވަމުން މެމްބަރު ޒާހިރު ވިދާޅުވީ ފަނޑިޔާރު ގެތަށް އިސްލާހުކޮށް ފަނޑިޔާރުންނާއި މެދު ރައްޔިތުންގެ މެދުގައި އޮންނަ އިތުބާރު ދެމެހެއްޓުމަކީ އެމްޑީޕީގެ އެއް ވައުދު ކަމަށާއި އެގޮތުގެ މަތިން މަޖްލީހުން ވަރަށް ގިނަ ކަންތައްތަކެއް ކޮށްދެވިއްޖެކަން ފާހަގަކުރެއްވިއެވެ.
އެހެން ނަމަވެސް މިކަންކަން ކޮށްދެވުނީމާ ފަނޑިޔާރުންނާއިމެދު ރައްޔިތުންގެ އިތުބާރު އޮތްތޯ އާއި މައްސަލަތައް އިންސާފުން ނިމޭތޯވެސް މެމްބަރުވަނީ ސުވާލުއުފައްދަވާފައެވެ.
މެންބަރު ޒާހިރު ވިދާޅުވީ މައްސަލައެއްގައި އަަކުރަކާ ފިއްޔަކާހެދި މުޅި މައްސަލަ ފުރޮޅިގެން ދިއުމަކީ ގަބޫލުކުރައްވާ ކަމެއްނޫން ކަމަށާއި އެކަމާމެދު ޖޭއެސްސީންވެސް ފާރަވެރިވާން ޖެހޭނެ ކަމަށެވެ. އަދި މިކަންކަމާމެދު ރައްޔިތުން ސުވާލު ކުރާކަމަށް ޒާހިރު ވިދާޅުވިއެވެ.
އަދިވެސް ފުރިހަމައަށް ފަނޑިޔާރުންނަށް ރައްޔިތުން އިތުބާރު ނުކުރާ ކަމަށާއި އަދި ބައިވަރު މަސައްކަތްކުރަން ހުރިކަމަށް ގަބޫލު ކުރައްވާކަމަށްވެސް މެމްބަރު ޒާހިރު ވިދާޅުވިއެވެ.
ހަމައެކަނި އޮންނަ ނިޒާމަކުން އޮންނަގޮތަކުން ފަނޑިޔާރުން ގޮތް ނިންމައިފިނަމަ އިންސާފު ގެއްލިގެންދާތީ އަދިވެސް ބައިވަރު ކަންކަން އިސްލާހު ކުރަން ހުރިކަން ގަބޫލުކުރައްވާ ކަމަށާއި މި ނޫން ގޮތަކަށް ފަނޑިޔާރުގެތަކުން ފަނޑިޔާރުން ރައްޔިތުންނަށް އިންސާފު ހޯދައިދިނުން ބަދަލުވާން ޖެހޭ ކަމަށް މެމްބަރު ޒާހިރު ވިދާޅުވިއެވެ.
މެމްބަރު ޒާހިރު ވިދާޅުވީ އެންމެ ބޮޑުކަމަކަށް ފަނޑިޔާރުންގެ ވިސްނުންވެސް ބަދަލުވާން ޖެހޭ ކަމަށެވެ.
ފަނޑިޔާރުންގެ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހުގައި ބުނެފައިވަނީ، ވިހެއުމާ ގުޅިގެން ނުވަތަ ދަރިއަކު ލިބުމާ ގުޅިގެން ދޭ ޗުއްޓީ ލިބުމުގެ ހައްގު، ކޮންމެ ފަނޑިޔާރަކަށްވެސް ލިބިގެންވާ ކަމަށެވެެ. އެގޮތުން ވިހެއުމާ ގުޅިގެން އަންހެން ފަނޑިޔާރުންނަށް 6 މަސް ދުވަހުގެ ޗުއްޓީއެއް އަދި ދަރިއަކު ލިބުމާގުޅިގެން ފިރިހެން ފަނޑިޔާރަކަށް އެއް މަސްދުވަހުގެ ޗުއްޓީއެއް ލިބޭނެކަމަށް އިސްލާހުގައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ