ފުލުސް އޮފީސް ތެރޭ ގޯހެއް ނުހިނގާނެއޭ ބުންޏަސް މީހަކު ގަބޫލެއް ނުކުރާނެ: މެމްބަރު އީވާ

ފުލުސް އޮފީސް ތެރޭ ގޯހެއް ނުހިނގާނެއޭ ބުންޏަސް އެއްވެސް މީހަކު އެކަން ގަބޫލު ނުކުރާނެ ކަމަށް ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އީވާ މިފަދައިން ވިދާޅުވީ، 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ 2022 ވަނަ އަހަރުގެ ފުރަތަމަ ދައުރުގެ 23 ވަނަ ޖަލްސާގައި މިއަދު އޮތް ބަހުސެއްގައި ދެއްކެވި ވާހަކަފުޅުގައެވެ.
ގަސްދުގައި ގޯސް ހަދާ ފުލުހުން ފުލުހުންގެ މުއައްސަސާގައި އެބަތިބި ކަމަށް އެނާޓީ ޖެނެރަލް އިބްރާހިމް ރިއްފަތު ވިދާޅުވި ނަމަވެސް އެފަދަ ފުލުހުން ނެތް ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެފައި ވާތީ ދޮގު ހައްދަވަނީ މިތަނުން ކޮން ވަޒީރެއްތޯ ބެލުމަށް ގޮވާލައި މަޖިލީހަށް ހުށަހެޅި މައްސަލަ އެއް މިއަދުގެ ޖަލްސާގައި ވަނީ ބަލައިގެންފައެވެ.
ބަންޑާރަ ނައިބު ރިއްފަތާއި ހޯމް މިނިސްޓަރު އިމްރާނާއި ދެބޭފުޅުންގެ ތެރެއިން މަޖިލީހުގައި ދޮގު ހެއްދެވި ވަޒީރެއް ދެނެގަންނަން މަޖިލީހަށް މައްސަލައެއް ހުށަހެޅުއްވީ މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފެވެ. އާދަމް ޝަރީފް ހުށަހެޅުއްވި މައްސަލައަށް ބަހުސް ކުރައްވަން މަޖިލީހުގެ 18 މެންބަރުން ވޯޓް ދެއްވިއެވެ. މައްސަލަ ބޭރުކޮށްލަން ވޯޓް ދެއްވީ 13 މެންބަރުންނެވެ.
މި މައްސަލައިގެ ބަހުސްގައި މެމްބަރު އާދަމް ޝަރީފަށް ފަހު އެންމެ ފުރަތަމަ ބަހުސްގައި ވާހަކަދެއްކެވީ މެމްބަރު އީވާ އަބްދުﷲއެވެ. ރިޔާސަތުން ދެއްވި ފުރުސަތުގައި އީވާ ވިދާޅުވީ، މައްސަލަ ބަލައިގަތުމަށް ވޯޓުގައި "ފެއްސަށް" ފިއްތެވީ ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސްގެ ހައިސިއްޔަތުން މި މައްސަލަ ނުބަލާނަމޭ ބުނެވޭނެ ގޮތެއް ނުވިސްނުން ކަމަށެވެ. މިއީ ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒާ ގުޅިފައިވާ މައްސަލައެއް ކަމަށާއި ވަޒީރުން މަޖިލީހުގެ އިދާރާގައި ވާހަކަފުޅުދައްކަވަން ޖެހޭނީ ތެދުބަހުން ކަމަށްވެސް މެމްބަރު ވިދާޅުވިއެވެ.
މެމްބަރު އީވާ ވިދާޅުވީ، ގޯސްހަދާ މީހުން ފުލުހުންގެ ތެރޭގައި ނެތް ކަމަށް ހޯމް މިނިސްޓަރު ވިދާޅުވި ނަމަވެސް، މުޅި ދުނިޔޭގައި ވެސް ފުލުހުންގެ އިދާރާތަކާއި ކޯޓުތަކުގައި ގަސްދުގައި ގޯސް ހަދާ މީހުން އުޅޭ ކަމަށެވެ.
މެމްބަރު އިވާ ވިދާޅުވީ، ދިވެހިރާއްޖޭގެ ފުލުސް އޮފީހުގައި ގަސްދުގައި ގޯސް ހަދާ މީހުން ނެތް ކަމަށް ހޯމް މިނިސްޓަަރަށް ވިދާޅު ނުވެވޭނެ ކަމަށެވެ.
އެއަށް ފަހު މީގެ ފަސް ވަރަކަށް އަހަރު ކުރިން ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި، ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވި ވާހަކައެއް އީވާ ހަނދާން އައުކުރެއްވިއެވެ.
ދިވެހިރާއްޖޭގައި އެކްސްޓްރިމިސްޓުން އުޅޭ ކަމަށް އޭރު ރައީސް ނަޝީދު ވިދާޅުވުމުން "ތިޔަ އުޅެނީ ދައުލަތް ފަލީހަތް ކުރަން" ދައުލަތުގެ ވަޒީރަކަށް ހުންނެވި ބޭފުޅާ ވިދާޅުވި ކަމަށް އީވާ ވިދާޅުވިއެވެ.
މެމްބަރު އީވާ ވިދާޅުވީ، ކަމެއް ރަނގަޅުކުރަން ބަޔަކު ނޫނީ މީހަކު ބުނީމާ އެފަދައިން "ސަރުކާރު ފަލީހަތް ކުރަން" އުޅޭ ކަމަށް ވިދާޅުވުމަކީ ގޯހެއް ކަމަށެވެ.
އޭގެ ބަދަލުގައި ގޯހެއް އޮތިއްޔާ އެ ގޯސް އޮތްކަން ގަބޫލުކޮށް އެކަން ރަނގަޅުކުރަން އުޅުމުން ރައްޔިތުންގެ އިތުބާރު ލިބިގެން ދާނެ ކަމަށް އީވާ ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ