އަހުމަދު ކަތުރާދާ: މަންޑޭލާގެ ރަހުމަތްތެރިޔާ

މަންޑޭލާ އޭ ބުނުމުން އެއީ ކާކުކަން ނޭނގޭ މީހަކު ނުހުންނާނެއެވެ. އެހެނަސް އަހުމަދު ކަތުރާދާ އޭ ބުނުމުން އެއީ ކާކުކަން ނޭނގޭ މީހުން ބައިވަރު ތިބޭނެއެވެ. އަހުމަދު ކަތުރާދާ އަކީ މަންޑޭލާ އާއި އެކު ދެކުނު އެފްރިކާގައި ދޮން ނަސްލުގެ މީހުން ކަޅު ނަސްލުގެ މީހުންގެ މައްޗަށް ހިންގި ނަސްލީ ތަފާތުކުރުން ބޮޑު ވެރިކަން ނިމުމަކަށް ގެނެސް އެ ގައުމުން ނަސްލީ ތަފާތުކުރުން ނައްތާލަން ހިންގި ހަރަކާތުގައި މަންޑޭލާ އާއި އެކު ހަރަކާތްތެރިވި އިސް ފަރާތްތަކުގެ ތެރޭގައި ހިމެނޭ އެކަކެވެ. އިންޑިއާގެ މުސްލިމް އާއިލާއެއްގެ މުސްލިމެއްކަމުގައިވާ އަހުމަދު ކަތުރާދާ ވަނީ ވަރަށް ކުޑައިރު އެފްރިކާއަށް ހިޖްރަކޮށް އެފްރިކާގައި ވަޒަންވެރިވެފައެވެ.އަހުމަދު ކަތުރާދާ ނުވަތަ އާންމު ނަމުން ނަމަ “ކަތީ” އަށް މަންޑޭލާ ތަޢާރަފްވެފައިވަނީ 1940 ގައެވެ. އަހުމަދު ކަތުރާދާ އަކީ އެފްރިކަން ނެޝަނަލް ކޮންގްރެސް އަދި ސައުތް އެފްރިކަން ކޮމިއުނިސްޓް ޕާރޓީގެ އެކްޓިވިސްޓެކެވެ. ނަސްލީ ތަފާތުކުރުމާއި ދެކޮޅަށް ކުރަމުން އައި މަސައްކަތުގެ ތެރޭގައި މަންޑޭލާ އާއި އަހުމަދު ކަތުރާދާ ދެބޭފުޅުންގެ ގުޅުން ގާތްވެ ރަހުމަތްތެރިކަމަށް ބަދަލުވެގެން ދިޔައެވެ.އެފްރިކާގެ ސަރުކާރާއި ދެކޮޅަށް ހިންގަމުން ދިޔަ ހަރަކާތްތަކުގެ ނަތީޖާ އަކަށްވެގެން ދިޔައީ އަހުމަދު ކަތުރާދާ އާއި މަންޑޭލާ އަދި އެހަރަކާތުގައި އިސްކޮށް އުޅުއްވި 7 ބޭފުޅެއްގެ މައްޗަށް ދައުވާ ކުރުމެވެ. 1964 ވަނަ އަހަރުގެ ތެރޭގައި ހިންގި އިސްލާހީ މިހަރަކާތް އޭރުގެ ސަރުކާރުން ސިފަކުރީ ހަމަނުޖެހުން ހިންގައިގެން ގަދަ ބާރުން ވެރިކަން ބަދަލުކުރަން އުޅުނު ކަމަށެވެ. އަދި އެކުށުގައި މަންޑޭލާ އާއި އަހުމަދު ކަތުރާދާ އަދި އިސްބޭފުޅުން އުމުރަށް ޖަލަށްލިއެވެ. އަދި އަހުމަދު ކަތުރާދާ 22 އަހަރު ޖަލުގައި ހޭދަކުރެއްވިއެވެ.ޖަލުގައި ހޭދަކުރެއްވުން: ކަޅު މީހުންގެ ހައްގުގައި މަސައްކަތް ކުރުމުގެ ސަބަބުން ޖަލުގެ ކުޑަގޮޅިއަށް އަހުމަދު ކަތުރާދާ އާއި މަންޑޭލާ ވަންނަން ޖެހުމާއި ގުޅިގެން މިދެބޭފުޅުންގެ އެކުވެރިކަން އިތުރަށް ބަދަހިވެގެން ދިޔައެވެ. އުމުރު ދުވަހުގެ ހުކުމެއްގައި ރޮބެން އައިލެންޑްގައި ހުރި ޖަލެއްގައި މިބޭފުޅުން ބަންދުކުރިއެވެ. އެޖަލުގައި ހޭދަކުރި ފުރަތަމަ ދުވަހުގެ ވާހަކަ އަހުމަދު ކަތުރާދާ ވަނީ މީޑިއާގައި ހިއްސާކޮށްފައެވެ. އަދި މަންޑޭލާއަށް ވަރަށް ބޮޑަށް ތައުރީފް ކޮށްފައެވެ.“އެންމެ ފުރަތަމަ ޖަލަށް ގޮސް މަންޑޭލާ ބުނީ “އަހަރެމެންނަކީ މިހާރު ލީޑަރުންނެއް ނޫން. އަހަރެމެންނަކީ އާދައިގެ ޤައިދީން.” މަންޑޭލާ އުޅުއްވީ އާދައިގެ ޤައިދީއެއްގެ ގޮތުގައި.” ކަމަށްވެސް އަހުމަދު ކަތުރާދާ ވިދާޅުވެފައިވެއެވެ. އަހުމަދު ކަތުރާދާ ނަޒަރުގައި މަންޑޭލާ އަކީ އޭރުވެސް ލީޑަރެކެވެ.އަހުމަދު ކަތުރާދާ އާއި އަހުމަދު ކަތުރާދާ ގެ އެކުވެރި މަންޑޭލާ ޖަލުން މިނިވަން ކުރީ 1990 ގައެވެ. އަދި ސައުތު އެފްރިކާގެ ފުރަތަމަ ކަޅު ނަސްލުގެ ރައީސްގެ ގޮތުގައި ރައީސްކަމުގެ ހުވާ ކުރެއްވީ 1994 ވަނަ އަހަރުގައެވެ.މަންޑޭލާގެ ވެރިކަމަށް ފަހު އަހުމަދު ކަތުރާދާ: ސައުތު އެފްރިކާގައި ހުރިހާ ނަސްލެއް ބައިވެރިވެގެން އޮތް ފުރަތަމަ އިންތިޚާބު ކާމިޔާބުކުރައްވާ ރައީސަކަށް މަންޑޭލާ ވަޑައިގަތުމާއި އެކު އަހުމަދު ކަތުރާދާ އަށް ވަނީ ކެބިނެޓްގެ މަގާމެއް ހުށައަޅާފައެވެ. އެހެނަސް އަހުމަދު ކަތުރާދާ ވަނީ މަންޑޭލާގެ އެ ހުށައެޅުން ގަބޫލު ނުކޮށްފައެވެ. އެހެންކަމުން މަންޑޭލާ ވަނީ އަހުމަދު ކަތުރާދާ އަށް “ރައީސްގެ އެޑްވައިޒަރުކަން” ދީފައެވެ. އެންމެފަހުން މަންޑޭލާގެ އެދުމުގެ މަތިން އެމަގާމާއި ހަވާލުވީއެވެ.މަންޑޭލާ އާއި އަހުމަދު ކަތުރާދާ އަކީ މުސްކުޅި އުމުރުގައިވެސް ދެ ރަހުމަތްތެރިންނެވެ. އެކަމާއި ބެހޭ ގޮތުން އަހުމަދު ކަތުރާދާ ބުނެފައިވަނީ “މަންޑޭލާ ބަލިވެއްޖެނަމަ ގަވައިދުން ޒިޔާރަތްކުރަން. މަންޑޭލާ އަކީ މާޒީގެ ވާހަކަތައް ދެއްކުމަށް ލޯބި ކުރެއްވި ބޭފުޅެއް.”ކަމަށެވެ.މަންޑޭލާގެ ގާތް ރަހުމަތްތެރިއެއްގެ ގޮތުގައި ހޭދަކުރެއްވި އިރު އަހުމަދު ކަތުރާދާ މަންޑޭލާގެ އެންމެ ފާހަގަ ކުރާ އެއް ކަމަކީ މަތީ ފަންތީގެ މީހުންނާއި ގުޅުން ބޭއްވިޔަސް ތައުލީމީ ގޮތުން ދަށް ބޭފުޅުންނާއި ޒުވާނުންގެ މަތިން ހަދާން ނައްތާ ނުލައްވާކަމެވެ.“މީހުން އަހަމުންދޭ މަންޑޭލާ ލީޑަރަކަށް ވީ ކޮންކަމަކުންހޭ؟ އަޅުގަޑުގެ ޖަވާބަކީ: މަންޑޭލާ އުފަންވީ ޝާހީ އާއިލާއެއްގެ ތެރޭގައި. ވެރިންގެ ތެރޭގައި. އެހެންކަމުން ކުޑައިރު ފެށިގެން ލީޑަރޝިޕް ވަނީ ދަސްވެފައި. އެކަމުގެ ތަމްރީންވަނީ މާކުރިން ލިބިފައި”ކަމަށް އަހުމަދު ކަތުރާދާ ވިދާޅުވެފައިވެއެވެ.އަހުމަދު ކަތުރާދާ އަމިއްލަ ހަޔާތް: އިންޑިއާ ނަސްލުގެ އަހުމަދު ކަތުރާދާ އެފްރިކާއަށް ހިޖުރަ ކުރުމަށްފަހު ވަރަށް ބޮޑެތި ގޮންޖެހުންތައް ކުރިމަތިވިއެވެ. “އިންޑިއާގެ ނަސްލު”ކަމުގައިވުމުން އަހުމަދު ކަތުރާދާ ސްކޫލަށް ވަނުމުގެ ދޮރު ބަންދުވިއެވެ. ދޮން މީހުންގެ ސްކޫލަށް ނުވަދެވުނުތާގައި ކަޅު މީހުންގެ ސްކޫލަށްވެސް އަހުމަދު ކަތުރާދާ ވަނުމުގެ ފުރުސަތެއް ނުލިބުނެވެ. އެހެންކަމުން އިންޑިއާ ދަރިކޮޅުގެ މުސްލިމުންގެ މަދަރުސާތަކުން ތައުލީމް ހާސިލްކުރުމަށްފަހު ނަސްލީ ތަފާތު ކުރުމާއި ދެކޮޅަށް އަޑު އުފުލަން ފެށީއެވެ.އުމުރުން 17 އަހަރުގައި މަދަރުސީ ހަޔާތް ދޫކޮށް މަސައްކަތުގެ މައިދާނަށް އަހުމަދު ނުކުތެވެ. އެގޮތުން އިންޑިއާ ދަރިކޮޅުގެ މީހުންނަށް ކުރިމަތިވަމުން އައި ގޮންޖެހުމާއި ދެކޮޅަށް އަޑު އުފުލަން ފެށިއެވެ. އެދުވަސްވަރު މަންޑޭލާ ފަދަ ބޭފުޅުންނާއި ގާތްކަން ބާއްވާ ނަސްލީ އިމްތިޔާޒް އާއި ދެކޮޅަށް ގުޅިގެން މަސައްކަތް ކުރައްވަން ފެއްޓެވިއެވެ. މިހަރަކާތްތަކުގެ ނަތީޖާއަކަށްވީ މަންޑޭލާ އާއި އެކު އަހުމަދު ކަތުރާދާ ވެސް އުމުރަށް ޖަލަށް ލުމެވެ. 1990 ވަނަ އަހަރު ޖަލުން މިނިވަން ވުމާއި އެކު އަހުމަދު ކަތުރާދާ ވަނީ އެފްރިކަން ނެޝަނަލް ކޮންގްރެސް ތަމްސީލް ކުރުމަށް މަޖިލީހުގެ ގޮޑިއަށް ހޮވިފައެވެ.އަހުމަދު ކަތުރާދާ މަތީ ތައުލީމް ހާސިލް ކޮށްފައިވަނީ ޖަލުގައި ހޭދަކުރި ދުވަސްވަރުގައެވެ.ސިޔާސީ މައިދާނުގައި އަހުމަދު ކަތުރާދާ ވަނީ ގިނަ ކާމިޔާބުތަކެއް ހޯދާފައެވެ. އެގޮތުން އަހުމަދު ކަތުރާދާ ބަންދު ކުރި ޖަލު ހުންނަ ރަށް ކަމުގައިވާ ރޮބެން އައިލެންޑް ގެ ކައުންސިލްގެ ޗެއަރޕާރސަން ކަން 1994 އަދި 1995 ގައި ކޮށްފައިވެއެވެ. މިހާރުވެސް ހުންނެވީ ރޮބެން އައިލެންޑް ގެ އިސްމަގާމެއްގައެވެ.އަހުމަދު ކަތުރާދާ ޢަކީ މަންޑޭލާ އެކޭ އެއްފަދައިން އެފްރިކާގެ ނަސްލީ ތަފާތު ކުރުމާއި ދެކޮޅަށް މަސައްކަތް ކުރި ޤައުމީ ބަތަލެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ