ސަރުކާރާއި އިދިކޮޅު ފަރާތްތައް ވަރަށް ބޮޑަށް ކަންބޮޑުވެފައިވާ ކަމަށާއި އެމީހުން ވަރަށް ބޮޑަށް ހީނަރުވެފައިވާ ކަމަށް ކުރީގެ ރައީސް އަދި ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) ގެ ރައީސް އަލްއުސްތާޒް މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.
ޕީޕީއެމްއިން ސަލްސާ ރޯޔަލްގައި މިރޭ ބޭއްވި ތަރާވީހުގައި އެމްޑީޕީއަށް އިޝާރާތްކުރައްވާ ވާހަކަފުޅުދައްކަވަމުން ރައީސް މައުމޫން ވިދާޅުވީ އެމްޑީޕީގެ މަގްސަދަކީ ދޭތެރެ ޖެއްސުމާއި ބައިބައިކުރުމަށް މަސައްކަތް ކުރުން ކަމަށެވެ.
"އެކަމަށް އަޅުގަނޑުމެން ވިސްނުން ބަހައްޓަން ޖެހޭނެ، އެއްވެސް ހާލެއްގައި އަޅުގަނޑުމެންގެ މިއޮތް އެއްބައިވަންތަކަން ރޫޅިގެން ނުވާނެ، އަޅުގަނޑުމެން އެބަޖެހޭ ހުރިހާ ތަނެއްގައި ވެސް ކެތްތެރިވާން، އެކަކު އަނެކަކަށް އެހީތެރިވާން، އެކަކު އަނެކަކުގެ ވާހަކަ އަޑުއަހަން،" ރައީސް މައުމޫން ވިދާޅުވި އެވެ.
ރައީސް މައުމޫން ވިދާޅުވީ ސަރުކާރުން ރައްޔިތުންނަށް ވެފައިވާ ވައުދުތައް ފުއްދުމަށްޓަކައި އެކަތިގަނޑަކަށްވެ، އެއްބައިވާން ޖެހޭ ކަމަށާއި އޭރުން ސަރުކާރުގެ މަގްސަދުތައް ހާސިލްވާނެ ކަމަށެވެ.
ރައީސް މައުމޫން ވަނީ ޕީޕީއެމްގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި ކައުންސިލް މެންބަރުން ކޮށްދެއްވަމުން ގެންދަވާ މަސައްކަތްޕުޅުތަކަށް ޝުކުރު ދަންނަވާފައެވެ.
ރައީސް މައުމޫން ވިދާޅުވި ގޮތުގައި ރައްޔިތުންގެ މަޖިލީހުގެ "އެންމެ ސާފު މެޖޯރިޓީ" ލިބެނީ އަދި އެއް މެންބަރު ޕީޕީއެމާއި ގުޅިވަޑައިގަތުމުންނެވެ. ޕީޕީއެމްގައި މިވަގުތު 42 މެންބަރުން ތިއްބެވިއިރު ޕީޕީއެމް އާއި ކޯލިޝަން ހަދާފައިވާ އެމްޑީއޭގައި 5 މެންބަރުން އެބަތިއްބެވި އެވެ.
"43 ހަމަވީމަ ސާފު އަޣުލަބިއްޔަތު ލިބުނީ، (މަޖިލީހުގެ) މިވަގުތަށް ޕީޕީއެމަށް ސާފު އަޣުލަބިއްޔަތު ލިބެން އެއް މެންބަރަކަށް ވިޔަސް، ޕީޕީއެމާއި ގުޅިފައިވާ އެހެން ކޯލިޝަންގެ އެހެން މެންބަރުންނާއިއެކީގައި އަޅުގަނޑުމެންނަށް މިހާރު ވަރަށް ރަނގަޅު އަޣުލަބިއްޔަތެއް މަޖިލީހުގައި މިއޮތީ ލިބިފައި." މައުމޫން ވިދާޅުވި އެވެ.
ރައީސް މައުމޫން އިތުރަށް ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާގެ މަގާމާއި ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ޕީޕީއެމަށް ލިބިފައިވަނީ ވަރަށް ބޮޑެތި މަސައްކަތްތަކެއް ކޮށްގެން ކަމަށާއި މިކަމުގައި މާތް ﷲ ގެ ތައުފީގު ނުވި ނަމަ މިކަމަކީ ޕީޕީއެމަށް ވެގެންދާނެ ކަމެއް ނޫން ކަމަށެވެ.
އަދި ދިވެހި ރައްޔިތުން ޕީޕީއެމަށް ދިން ފުރުސަތު ވަރަށް ހެޔޮ ގޮތުގައި ބޭނުންކުރަން ޖެހޭ ކަމަށާއި ދިވެހި ރައްޔިތުން ޕީޕީއެމަށް މެންބަރުން އިންތިހާބުކުރެއްވީ ވަކި ބޭފުޅުންތަކަކަށް މެންބަރުކަން ދެއްވާ ވަކި ބޭފުޅުންނަށް ބޮޑު މުސާރަ ދެއްވާ އަރާމުގައި ދިރިއުޅުމަށްޓަކައި ނޫން ކަމަށް ވެސް ރައީސް މައުމޫން ވިދާޅުވި އެވެ.
"ދިވެހި ރައްޔިތުން މި ފުރުސަތު އަޅުގަނޑުމެންނަށް ދެއްވީ، ދިވެހި ރައްޔިތުންނަށް ހިދުމަތް ކުރުމަށް، އަޅުގަނޑުމެން މިވަނީ ވަރަށް ބޮޑެތި ވައުދުތަކެއް ވެފައި، އަޅުގަނޑުމެންގެ އެޖެންޑާގައި، ނުވަތަ އަޅުގަނޑުމެންގެ މެނިފެސްޓޯގައި އެ ވައުދުތައް ވަނީ ވަރަށް ސާފުކޮށް ބަޔާން ކުރެވިފައި، ރައްޔިތުން ބޭނުންވަނީ އެ ވައުދުތައް ފުއްދާދޭން،" މައުމޫން ވިދާޅުވި އެވެ.
ޕީޕީއެމްގެ ފަރާތުން މިރޭ ބޭއްވި ތަރާވީހުގައި ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް އާއި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޑރ.މުހައްމަދު ޖަމީލް އަހުމަދާއި ބައެއް ވަޒީރުންނާއި ރައްޔިތުންގެ މަޖިލީހުގެ ޕީޕީއެމް ބައެއް މެންބަރުންނާއި ޕީޕީއެމްގެ ކައުންސިލް މެންބަރުންނާއި އިސް ބައެއް ބޭފުޅުން ބައިވެރިވެވަޑައިގެންނެވި އެވެ.
އަޅުގަނޑުމެންނާއި ދެކޮޅުވެރި ފަރާތްތައް ވަނީ ހީނަރުވެފައި - މައުމޫން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ