ގައުމީ ވޮލީބޯޅަ މުބާރާތުގެ ފައިނަލަށް ސިފައިންގެ ކުލަބު
ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް)އިން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ ގައުމީ ވޮލީބޯޅަ މުބާރާތް 2025ގެ ފިރިހެން ޑިވިޝަނުގެ ފައިނަލަށް ދިވެހި ސިފައިންގެ ކުލަބު ދަތުރުކޮށްފިއެވެ. މުބާރާތުގެ ފައިނަލަށް ސިފައިން ދަތުރުކޮށްފައިވަނީ މުބާރާތުގެ ސެމީ ފައިނަލުގެ ދެވަނަ މެޗުގައި ރޭ ދަނޑިމަގު ސްޕޯޓްސް އެންޑް ރެކްރިއޭޝަނާ ވާދަކޮށް ސީދާ ތިން ސެޓުން މެޗު ކާމިޔާބުކޮށްގެންނެވެ. މެޗުގެ ސެޓުތައް ސިފައިންގެ ކުލަބުން ގެންގޮސްފައިވަނީ 25-19، 25-15 އަދި 25-16 އިންނެވެ. މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ސިފައިންގެ ކުލަބުގެ ބިދޭސީ ކުޅުންތެރިޔާ ޗިރާގެވެ. ޒުވާނުންގެ މަރުކަޒުގެ އެތެރޭ ކޯޓުގައި ރޭ ކުޅުނު މެޗުގައި ދަނޑިމަގުގެ ފަރާތުން އާދައިގެ ކުޅުމެއް ފެނުނުއިރު، ދެ ޓީމުގެ ފަރާތުންވެސް މި މެޗުގައި ގިނަ ގޯސްތަކެއް ފެނުނެވެ. ޚާއްސަކޮށް ދަނޑިމަގުގެ ފަރާތުން މި މެޗުގައި ފެނުނީ ދަށް ކުޅުމެކެވެ. ދިވެހި ސިފައިންގެ ކުލަބު މެޗުން ބަލިވި ދަނޑިމަގު ދެން ޖެހޭނީ ސެމީ ފައިނަލް ތިންވަނަ މެޗުގައި ވާދަކުރާށެވެ. އިއްޔެ ކުޅުނު ސެމީ ފައިނަލް ފުރަތަމަ މެޗުގައި ސީދާ ތިން ސެޓުން ހުރާ ކޮމިއުނިޓީ ކުލަބު ބަލިކޮށް، ތިންވަނަ ސެމީގެ ޖާގައެއް ކުލަބު އެޗްޑީސީން ވަނީ ހޯދާފައެވެ. ގައުމީ ވޮލީބޯޅަ މުބާރާތުގައި ހަތަރު ޓީމެއް ވާދަކުރެއެވެ. މި ހަތަރު ޓީމަކީ ނިމުނު ލީގުގެ ގަދަ ހަތަރު ޓީމެވެ. އެއީ އެންމެ ފަހުގެ ގައުމީ ލީގުގެ ޗެމްޕިއަން ދިވެހި ސިފައިންގެ ކުލަބާއި، ލީގުގެ ދެވަނަ ޓީމު ދަނޑިމަގު ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކުލަބާއި، ހުރާ ކޮމިއުނިޓީ ކުލަބުގެ އިތުރުން ކުލަބު އެޗްޑީސީއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ