ގާސިމް ފަދަ ހިތްތިރި ލީޑަރެއް ނުދެކެން: ރިޔާޒު

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ފަދަ ހިތްތިރި ލީޑަރެއް ނުދެކޭ ކަމަށް ގާސިމްގެ ސްޕެޝަލް އެޑްވައިޒަރު ވިލުފުށި ދާއިރާގެ ކުރީގެ މެމްބަރު ރިޔާޒު ރަޝީދު ވިދާޅުވެއްޖެ އެވެ.
ރިޔާޒު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އޭނާގެ ސިޔާސީ ހަޔާތުގައި ގާސިމް ފަދަ ހިތްތިރި، ޚުލްގުހެޔޮ، އިހްސާންތެރި، ހިތްހެޔޮ، ބަދަލުހިފުމުގެ ރޫޚެއްނެތް ދެވަނަ ލީޑަރެއް ނުދެކޭ ކަމަށެވެ.
"ޤާސިމް އިބުރާހިމް އަކީ ރަނގަޅު ރަހުމަތްތެރިއެއް، ނުހަނު ކެތްތެރި އެހާމެ އޯގާތެރި ބައްޕައެއް." ރިޔާޒު ވިދާޅުވި އެވެ.
އަޅުގަނޱުގެ ސިޔާސީ ހަޔާތުގަ އޮނަރަބަލް ޤާސިމު އިބުރާހިމް ފަދަ ހިތްތިރި، ޚުލްގުހެޔޮ، އިހްސާންތެރި، ހިތްހެޔޮ، ބަދަލުހިފުމުގެ ރޫޚެއްނެތް ދެވަނަ ލީޱަރެއް ނުދެކެން ! ޤާސިމް އިބުރާހިމް އަކީ ރަނގަޅު ރަހުމަތްތެރިއެއް، ނުހަނު ކެތްތެރި އެހާމެ އޯގާތެރި ބައްޕައެއް ! @qasimibrahim pic.twitter.com/W22XDD0Ca0
— Riyaz Rasheed (@riyaz_rasheed) April 15, 2023
މިއަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި ޖުމްހޫރީ ޕާޓީގެ ފަރާތުން ވާދަކުރުމަށް ނިންމާފައިވާއިރު އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓަކީ ގާސިމެވެ. ގާސިމް ވަނީ 2008 އަދި 2013 ގެ ރިޔާސީ އިންތިހާބުގައި ވެސް ވާދަ ކުރައްވައިފަ އެވެ. މިއިން އެއްވެސް ރިޔާސީ އިންތިހާބެއްގައި ދެވަނަ ބުރަށް ދެވޭ ވަރަށް ގާސިމަށް ވޯޓު ހޯއްދެވިފައެއް ނުވެ އެވެ.
ރިޔާސީ އިންތިހާބުގައި ވާދަކުރަން ސަރުކާރު ކޯލިޝަނުގައި ހިމެނޭ ޖޭޕީން ނިންމީ ކޯލިޝަން ހަދަން އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ދައުވަތު ދެއްވާފައިވަނިކޮށެވެ.
ރިޔާސީ އިންތިހާބާ ގުޅޭގޮތުން ގާސިމް ދާދިފަހުން ވަނީ ސަރުކާރު ކޯލިޝަނުގައި ހިމެނޭ އެމްއާރްއެމް އާއި ޖަމިއްޔަތުއްސަލަފް އާއި ބައްދަލުކޮށް މަޝްވަރާކޮށްފަ އެވެ. އަދި އެމްޑީޕީގައި އޮތް އެ ޕާޓީގެ ރައީސް މުހައްމަދު ނަޝީދުގެ "ފިކުރެއްގެ ދިރުން" ފެކްޝަނާއެކު ކޯލިޝަން ހެދުމަށް ވެސް ޖޭޕީން އަންނަނީ މަޝްވަރާ ކުރަމުންނެވެ.
ރިޔާސީ އިންތިހާބު އޮންނާނީ އަންނަ ސެޕްޓެމްބަރު މަހުގެ 9 ވަނަ ދުވަހު އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ