އުކުޅަހު ފަޅުގައި އޮތް ސަފާރީ ނެރުމަށް ކޯޓުން އަމުރުކޮށްފި

އއ.އުކުޅަސް ފަޅުތެރޭ އަޅާފައި އޮތް ސަފާރީއަކުން ރަށުގައި އުޅޭ ފަރާތްތަކަށް ބަނގުރާ ވިއްކަމުންދާތީ އެ ސަފާރީ ފަޅުތެރެއިން ނެރުމަށް އެރަށު ކޯޓުން މިރޭ އަމުރެއް ނެރެފި އެވެ.
"ދިޔަރެސް" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ކޯޓުގެ ނިންމުމާއެކު އެރަށު ރައްޔިތުން އަންނަނީ އުފާ ފާޅު ކުރަމުންނެވެ.
އެ ސަފާރީއިން ރަށުގައި އުޅޭ ފަރާތްތަކަށް ބަނގުރާ ވިއްކަމުންދާތީ ސަފާރީ ފަޅުތެރެއިން ބޭރުކުރުމަށް ރައްޔިތުން ގޮވާލުމުންވެސް އެރަށު ކައުންސިލުން އެކަން ނުކުރިއެވެ. އެހެންވެ ރަށު ރައްޔިތުން ވަނީ އިހުތިޖާޖު ކޮށްފައެވެ.
އެ ސަފާރީ ރަށަށް ގެނެސްގެން އުޅެނީ އެރަށު ކައުންސިލް މެމްބަރެއްގެ އާއިލާ މީހެއް ކަމަށް މައުލޫމާތު ލިބެއެވެ.
އެ ރަށު ކައުންސިލަކީ އެމްޑީޕީގެ މެޖޯރިޓީ ކައުންސިލެކެވެ. ބަނގުރާ ވިއްކާ މައްސަލާގައި ރައްޔިތުން އެދުނީ އެ ސަފާރީ ރަށުގެ ފަޅުތެރެއިން ނެރެދިނުމަށެވެ. އެހެން ނަމަވެސް ކައުންސިލް މެމްބަރުން ވަނީ އެކަން ނުކުރަން ތަފާތު ބަހަނާތައް ދައްކާފައެވެ.
މުޒާހަރާ ކުރި ފަރާތްތަކުން ވަނީ ކައުންސިލްތެރޭގައި ވެސް މުޒާހަރާ ކޮށްފައެވެ. އަދި ރައްޔޮތުން ނިންމީ އެ ސަފާރީ ފަޅުތެރެއިން ނުނެރެނީސް ގެއަށް ނުދިޔުމަށެވެ.
އުކުޅަހުގައި 26 ގެސްޓް ހައުސް ހުންނައިރު އެއީ ފަތުރުވެރިންގެ މެދުގައި މަގުބޫލު ރަށެކެވެ. ރާއްޖޭގައި ގެސްޓް ހައުސް ގިނަ ރަށްތަކުގެ ފަޅުތެރޭގައި ސަފާރީތަކުން މިގޮތަށް ބަނގުރާ ވިއްކުން މިހާރު ވަނީ ވަރަށް ބޮޑަށް އާންމުވެފައެވެ. ކަމާބެހޭ ފަރާތްތަކަށް އެކަން އެނގުނު ނަމަވެސް އެކަން ހުއްޓުވަން މާބޮޑު މަސައްކަތެއް ނުކުރެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ