ދެ ގައުމުގެ މެދުގައި ހިނގަމުންދާ ހަނގުރާމަ ހުއްޓާލުމަށް އަމާޒުކޮށް، ދެ ބޭފުލުން ބައްދަލުކުރައްވައިގެން ސުލްހައިގެ މަޝްވަރާތައް ބޭއްވުމަށް ޔޫކްރެއިންގެ ރައީސް ވޮލޮޑިމީރް ޒެލެންސްކީ އެދިވަޑައިގަތް އެދިވަޑައިގަތުމަށް ރަޝިޔާގެ ރައީސް ވްލަޑިމިއަ ޕޫޓިން ދެކޮޅު ހައްދަވައިފި އެވެ.
ޕޫޓިން ވިދާޅުވީ މިވަގުތަށް ބައްދަލުވުމެއް ބޭއްވުމުގެ އެއްވެސް ބޭނުމެއް ނެތް ކަމަށެވެ.
ޒެލެންސްކީ ވަނީ ސީދާ މަޝްވަރާތަކަށް އައުމަށާއި ހަމަލާ ބަދަލުކުރުން ހުއްޓާލުމަށް ގޮވާލައި ހުޅުވާލެވިފައިވާ ސިޓީއެއް ނެރުއްވާފަ އެވެ. އަދި މި ހަނގުރާމައަށް ބައިނަލްއަގުވާމީ ސަމާލުކަން އަލުން ލިބެންދެން ހަމައެކަނި އިންތިޒާރުގައި ތިބުމަކީ ކުށެއް ކަމަށް އޭނާ ވަކާލާތު ކުރެއްވި އެވެ.
ނަމަވެސް، ޕޫޓިން ވަނީ އެ ހުށަހެޅުމާ ދެކޮޅު ހައްދަވާފަ އެވެ. އޭނާ އެ ސިޓީ ސިފަކުރެއްވީ ބޭއަދަބީ ސިޓީއެއްގެ ގޮތުގަ އެވެ. އަދި އެއީ ބައްދަލުވުމަކަށް މަގުފަހިކުރުމުގެ އިހުލާސްތެރި ނިޔަތެއްގައި ކުރި ކަމެއްތޯ ސުވާލު އުފެއްދެވި އެވެ.
"މި ވަގުތަށް މީގެ އެއްވެސް ބޭނުމެއް އަޅުގަނޑަކަށް ނުފެނޭ،" ޕޫޓިން އިއްޔެ ވިދާޅުވި އެވެ.
ހަމަލާ ހުއްޓާލުމުގެ ކުރިން މާނަހުރި އަދި އަސާސީ މަޝްވަރާތަކެއް ކުރަންޖެހޭނެ ކަމަށް މޮސްކޯއިން ގެންގުޅޭ ސިޔާސަތު އޭނާ ތަކުރާރު ކުރެއްވި އެވެ. ޕޫޓިން ވަކާލާތު ކުރެއްވި ގޮތުގައި، ހަމަލާ ހުއްޓާލުމަކީ ޔޫކްރެއިންއަށް އަލުން ބާރުތައް އެއްކުރުމަށް ލިބޭނެ ފުރުސަތެކެވެ. އަދި އަސްކަރީ ހަރަކާތްތައް ހުއްޓޭނީ ރަޝިޔާގެ މަގްސަދުތައް ހާސިލުވުމުން އެކަނި ކަމަށް އޭނާ ވިދާޅުވި އެވެ.
ރަޝިޔާއިން އަދިވެސް ދަނީ ޑޮނެޓްސްކް، ލުހާންސްކް، ހެރްސަން އަދި ޒަޕޮރީޝިއާ ސަރަހައްދުން ޔޫކްރެއިން ސިފައިން ފޭބުމަށާއި ނޭޓޯއާ ގުޅުމަށް ޔޫކްރެއިންއިން ގެންގުޅޭ ހުވަފެންތައް ދޫކޮށްލުމަށް ޝަރުތުކުރަމުންނެވެ.
ކީވްއިން ވަނީ އެ ޝަރުތުތައް ގަބޫލުކުރަން ދެކޮޅު ހަދާފަ އެވެ. ޔޫކްރެއިނުން ބުނާ ގޮތުގައި ބިމުގެ ބައެއް ދޫކޮށްލުމަކީ ކުރިއަށް އޮތް ތަނުގައި ރަޝިޔާއިން އިތުރު ހަމަލާތަކެއް ދިނުމަށް ހިތްވަރު ލިބޭނެ ކަމެކެވެ.
ޕޫޓިންގެ ވާހަކަތަކަށް ރައްދުދެއްވަމުން ޒެލެންސްކީ ވިދާޅުވީ ރަޝިޔާއިން އަދިވެސް އިހްތިޔާރުކުރަނީ ހަނގުރާމަ ކަމަށެވެ.
"ޕޫޓިން ހަނގުރާމަ ހުއްޓާލާކަށް ބޭނުމެއް ނުވޭ. އަޅުގަނޑު ހީކުރަނީ ދުނިޔޭގެ ގިނަ ބަޔަކު މި ޖަވާބާ މެދު މާޔޫސްވާނެ ކަމަށް،" ޒެލެންސްކީ ވިދާޅުވި އެވެ.
ދެ ފަރާތުން މިފަދަ ބަހުގެ ހަމަލާތަކެއް ބަދަލުކޮށްފައި މިވަނީ ހަނގުރާމަ ވަރުގަދައަށް ކުރިއަށްދާ ދަނޑިވަޅެއްގަ އެވެ. ޔޫކްރެއިނުން ބުނި ގޮތުގައި، ހިފާފައިވާ ސަރަހައްދުތަކުން ގޮވާމާއި ތެލާ އަދި އަސްކަރީ ސާމާނު އުފުލުމުގައި ހަރަކާތްތެރިވި ރަޝިޔާގެ ފަސް ބޯޓަކަށް އެ ގައުމުން ވަނީ އަޒޮވް ކަނޑުގައި ހަމަލާދީފަ އެވެ.
ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި ރަޝިޔާއިން ޔޫކްރެއިންގެ އެކި ސަރަހައްދުތަކަށް ދިން ހަމަލާތަކުގައި މަދުވެގެން 13 މީހުން މަރުވެ، 70އަށް ވުރެ ގިނަ މީހުން ޒަހަމްވެފައިވާ ކަމަށް ރިޕޯޓްތައް ބުނެ އެވެ.
ސީދާ މަޝްވަރާތައް ބޭއްވުމަށް ރަޝިޔާއިން ދެކޮޅު ހެދުމުން، ސިޔާސީ ގޮތުން ހައްލެއް ހޯދުމަށް ކުރެވޭ އުންމީދުތަކަށް ވަނީ ބޮޑު ހުރަހެއް ކުރިމަތިވެފަ އެވެ. މިއީ ދެ ރައީސުން ބައްދަލުކުރެއްވުން ވަރަށް ރަނގަޅުވާނެ ކަމަށް ވިދާޅުވި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ތާއީދާ އެކު ވެސް ކުރިއަށް ނުގޮސް ހުއްޓުނު ކަމެކެވެ.
ޒެލެންސްކީއާ ބައްދަލުކުރާކަށް އަދި ނުވޭ: ޕޫޓިން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ