ހުޅުމާލޭ ސެންޓްރަލް ޕާކު ސަރަހައްދުގައި ހުންނަ ކޭޕާކު އެޕާޓުމަންޓުތައް ހަދަން އުޅުނު ހަންބޯ ކުންފުނި ވުޖޫދު "ގެއްލިގެން" އެ ކުންފުނި ހޯދުމުގައި ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ އެހީތެރިކަމެއް ބޭނުންވެގެން އެ ތަނުން އެޕާޓްމަންޓު ގަތް ބަޔަކު ބައްދަލުވުމަކަށް އެދިއްޖެ އެވެ.
މި ބައްދަލުވުމަށް އެދުނީ ކޭޕާކުން އެޕާޓުމަންޓުތައް ގަތުމަށް ފަހު ނުލިބުނު މީހުންގެ ތެރެއިން ގިނަ ބަޔަކު ތަމްސީލުކުރަން އައްޔަންކޮށްފައިވާ އެޑްވޮކަސީ ޗެމްބާސްއިންނެވެ.
އެޑްވޮކަސީ ޗެމްބާސްއިން ބުނި ގޮތުގައި ކޭޕާކު ޕްރޮޖެކްޓާ ގުޅިގެން ހުރި މައްސަލަތަކަށް ހައްލެއް ހޯދަން ކުރާ މަސައްކަތަށް އެޗްޑީސީން އެއްވެސް އެއްބާރުލުމެއް ނުދެ އެވެ. މި ސަބަބާ ހުރެ އެޕާޓުމަންޓުތައް ގަތް މީހުން ހުށަހަޅާފަ ހުރި މައްސަލަތަކަށް އެއްވެސް ކުރިއެރުމެއް ނާންނަ ކަމަަށް ވެސް އެ ލޯ ފާމުން ބުންޏެވެ.
މި ތަން ތަރައްގީކުރުމުގެ މަސައްކަތާ ފުރަތަމަ ހަވާލުކުރިއިރު ހަބަރުތަކުގައި ހުރީ އެ މަސައްކަތް ކުރާ ޑިވެލޮޕަރަކީ ދެކުނު ކޮރެއާ ކުންފުންޏެއް ކަމަށެވެ. ނަމަވެސް ފަހުން އެނގުނު ގޮތުގައި އެ ހުރިހާ ކަމެއް ހިނގާފައި ވަނީ ބޮޑު އޮޅުވާލުމެއްގެ ތެރެއިންނެވެ.
އެ ކަން ކުރީ ހަންބޯ ކުންފުނީގެ މައިނޯރިޓީ ހިއްސާދާރު ހަސަން މަމްދޫހު (މަންޑޭ) އެވެ. އޭނާ ވަނީ އެތައް ބަޔަކަށް އޮޅުވާލައިގެން އެޕާޓުމަންޓުތައް ވިއްކާ، ބައެއް ޔުނިޓުތައް ދެ ތިން މީހުންނަށް ވިއްކާފަ އެވެ. މި ކަމާ ގުޅޭ މައްސަލަތަކުގައި އޭނާ ހުރީ 397 އަހަރަށް ޖަލަށް ލާފަ އެވެ.
އެޑްވޮކަސީ ޗެމްބާސްއިން ބުނާ ގޮތުގައި، އެ ލޯ ފާމުން ތަމްސީލުކުރާ "ކޭޕާކް ވިކްޓިމްސް" ގެ ފަރާތުން ޑިވެލޮޕަރާ ބައްދަލުކޮށްގެން ވެސް މައްސަލަތަކަށް ހައްލެއް ލިބޭތޯ މަސައްކަތް ކުރި އެވެ. ނަމަވެސް އެ ކުންފުނި މިހާރު ވުޖޫދުން ގެއްލިފައިވާތީ މުއާމަލާތް ކުރެވޭނެ ހުރިހާ މަގެއް ބަންދުވެފައިވާ ކަމަށް ވެސް އެ ލޯފާމުން ބުންޏެވެ.
މިކަމުގައި އެޗްޑީސީގެ އެހީއަކަށް އެދުނީ، އެޑްވޮކަސީ ޗެމްބާސްއިން ބުނި ގޮތުގައި، ޑިވެލޮޕަރު ހުރި ތަނަކުން ހޯދައި، އެ މީހުންނާ ބައްދަލުކުރަން ބޭނުންވާތީ، އެ މައުލޫމާތު ހުރީ އެޗްޑީސީގައި ކަމުގައިވާތީ އެވެ.
އެޗްޑީސީން ވަނީ އާރުޑީސީއާ ހަވާލުކޮށްގެން ކޭޕާކުގެ މަސައްކަތް ނިންމާ ޔުނިޓުތައް ހަވާލުކުރަން ފަށާފަ އެވެ. ނަމަވެސް މި ތަނުން އެޕާޓުމަންޓު ގަތް ބައެއް މީހުން ވަނީ އެ މީހުންނާ ހެދި އެއްބަސްވުމުގައި ހިމެނޭ އެތައް ކަމެއް ނުހިމެނޭ އެޕާޓުމަންޓުތަކެއް ހަވާލުކުރުމުން ކަންބޮޑުވުން ފާޅުކޮށްފަ އެވެ.
ކޭޕާކު ހަދަން އުޅުނު ހަންބޯ ކުންފުނި "ގެއްލިގެން" އުޅޭތީ އެ ކުންފުނި ހޯދަން އެޗްޑީސީގެ އެހީއަކަަށް އެދިއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ