ޕެންޝަން އޮފީހުގެ ކުރީގެ ސީއީއޯއަށް ބަދަލުގެ ގޮތުގައި ދެ ލައްކަ ރުފިޔާދޭން އަންގައިފި
ސުލޫކީ މައްސަލައެއްގެ ސަބަބުން ވަޒީފާއިން ވަކިކުރި ޕެންޝަން އޮފީހުގެ ކުރީގެ ސީއީއޯ ޖޯން ގްރިންޑަލްއަށް ބަދަލެއްގެ ގޮތުގައި 14،000 އެމެރިކާ ޑޮލަރު (215،880ރުފިޔާ) ދޭން ވަޒީފާއާ ބެހޭ ޓްރިބިއުނަލުން އަމުރުކޮށްފިއެވެ. ޖޯން ހުށަހެޅި މައްސަލަ ބެލުމަށްފަހު ވަޒީފާއާ ބެހޭ ޓްރިބިއުނަލުން ނިންމި ނިންމުމުގައި ވަނީ އޭނާ ވަޒީފާއިން ވަކިކޮށްފައިވަނީ މުވައްޒަފަކު ވަޒީފާއިން ވަކިކުރުމުގައި ގާއިމުކުރަންޖެހޭއިޖުރާއީ އަދުލުވެރިކަން ގާއިމް ނުކޮށްކަމަށެވެ. އެހެންކަމުން ބަދަލެއްގެ ގޮތުގައި އޭނާ ޕެންޝަން އޮފީހުގައި އަދާކުރަމުން ދިޔަ ވަޒީފާގެ އެއް މަސްދުވަހުގެ އާސާސީ މުސާރައާއި އިނާޔަތުގެ ގޮތުގައި ލިބުނު 14،000 އެމެރިކާ ޑޮލަރު (215،880ރުފިޔާ) މިއަދުން ފެށިގެން ރަސްމީ ބަންދު ނޫން 30 ދުވަހުގެ ތެރޭގައި ދިނުމަށް ވަނީ އަމުރު ކޮށްފައެވެ. މި މައްސަލަ ޖޯން ޓްރައިބިއުނަލަށް ހުށަހެޅީ، އޭނާ ވަޒީފާއިން ވަކިކުރީ ވަޒީފާއިން ވަކިކުރުމުގައި ގާއިމުކުރަންޖެހޭ މައުޟޫއީ އަދުލުވެރިކަމާއި އިޖުރާއީ އަދުލުވެރިކަން ގާއިމުކުރުމަކާ ނުލާކަމަށް ބުނެއެވެ. ބަދަލެއްގެ ގޮތުގައި އޭނާ ވަނީ އޭނާގެ ވަޒީފާ އަނބުރާ ހޯދައިދިނުމަށް އެދިފައެވެ. ނަމަވެސް އޭނާ ވަޒީފާއިން ވަކިކުރީ ވަޒީފާއިން ވަކިކުރުމުގައި ގާއިމުކުރަންޖެހޭ މައުޟޫއީ އަދުލުވެރިކަން ގާއިމްކުރުމަށް ފަހު ކަމަށް ކަނޑައަޅައި، އޭނާއަށް އަނބުރާ ވަޒީފާ ދޭން ނުޖެހޭކަމަށް ޓްރައިބިއުނަލުން ނިންމިއެވެ. މީގެއިތުރުން ވެސް އޭނާ ވަޒީފާއިން ވަކިކުރުމުގައި ޕެންޝަން އޮފީހުން އަމަލުކުރިގޮތުގެ ސަބަބުން އޭނާގެ ކެރިއަރަށާއި ނަމަށް ލިބުނު ގެއްލުމުގެ ބަދަލު ހޯދައިދިނުމަށް ވެސް ޖޯން އެދުނެވެ. ނަމަވެސް އެ ބަދަލު ޓްރައިބިއުނަލުން ނަގައިނުދިނެވެ. ޖޯން ވަޒީފާއިން ވަކިކުރީ މިދިޔަ އަހަރު އޮކްޓޫބަރު މަހުގެ 12ވަނަ ދުވަހުއެވެ. އޭނާ ވަޒީފާއިން ވަކިކުރީ ސުލޫކީ މައްސަލަކާ ގުޅިގެނެވެ. އިނގިރޭސިވިލާތުގެ ބޭފުޅެއް ކަމަށްވާ ޖޯން ގްރިންޑަލް ޕެންޝަން އޮފީހުގެ ސީއީއޯގެ މަގާމަށް އައްޔަންކުރީ 2019ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައެވެ. އޭނާއަކީ އިނގިރޭސިވިލާތާއި މޯލްޓާގައި މީގެ ކުރިން މަސައްކަތްކުރައްވައި، ޕެންޝަނާއި އިންޝުއަރަންސް ދާއިރާގައި 25 އަހަރުގެ ތަޖުރިބާ ހުރި ބޭފުޅެއް ކަމަށް މީގެ ކުރިން ޕެންޝަން އޮފީހުން ވަނީ ބުނެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ