ދުނިޔޭގެ ބޮޑެތި ކުށްވެރިންނަށް އެކި ޤައުމުތަކުގެ ޕާސްޕޯޓް ވިއްކާ އެޖެންސީއަކުން ރައީސް ނަޝީދު އެވޯޑެއް ބައްލަވައިގެންފި. ޔޫރަޕިއަން ޕާލިމެންޓުން ވަނީ މިކަން ކަށަވަރު ކޮށްދީފައި!

ދުނިޔޭގެ ބޮޑެތި ކުށްވެރިންނަށް އެކި ޤައުމުތަކުގެ ޕާސްޕޯޓް ވިއްކާ އެޖެންސީއަކުން ރައީސް ނަޝީދު އެވޯޑެއް ބައްލަވައިގެންފިއެވެ.
ހެންލީ އެންޑް ޕާޓްނާރސްއަކީ ދުނިޔޭގެ އެންމެ ނުފޫޒުގަދަ އިންވެސްޓްމަންޓް މައިގްރޭޝަން ކޮންސަލްޓަންސީއެވެ. މި ކުންފުނިން އެކި ގައުމުތަކުގެ ސަރުކާރުތަކަށް “ގޯލްޑަން ޕާސްޕޯޓް” ނުވަތަ “ސިޓިޒެންޝިޕް-ބައި-އިންވެސްޓްމަންޓް” ޕްރޮގްރާމްތައް ފަރުމާކޮށްދެއެވެ. މި ޕްރޮގްރާމްތަކަކީ މުއްސަނދިންނަށް ފައިސާ ދައްކައިގެން ޤައުމުތަކުގެ ރައްޔިތެއްކަން ހޯދޭގޮތަށް އޮންނަ ނިޒާމެކެވެ.
މިނިވަން ނޫސްވެރިންނާއި، އެކި ޖަމާއަތްތަކުން ރައީސް ނަޝީދަށް މި އެވޯޑް ދިން ކުންފުނިން ހިންގާފައިވާ، ބޮޑެތި ކުށްތައް ރިޕޯޓް ކޮށްފައިވެއެވެ. އެގޮތުން މި ކުންފުނީގެ އަމަލުތައް ރިޕޯޓްކޮށްފައިވާ ބައެއް ފަރާތްތައް ހިމަނާލާނަމެވެ.
އޯސީސީއާރްޕީ (OCCRP): އޯގަނައިޒޭޝަން އޮފް ކްރައިމް އެންޑް ކަރަޕްޝަން ރިޕޯޓިންގ ޕްރޮޖެކްޓް އިން ވަނީ 2019-2023 އާ ދެމެދު މި ކުންފުނީގެ މައްޗަށް ފުޅާ ތަޙްޤީޤެއް ހިންގާފައެވެ. މި ތަޙްޤީޤުން “ޕާސްޕޯޓްސް ޓު ދަ ޝެޑޯސް” ގެ ނަމުގައި ރިޕޯޓެއް ނެރެ، ކުންފުނިން ކްރިމިނަލުންނަށް އައު އައިޑެންޓިޓީ ހޯދައިދިނުމުގައި އަދާކުރި ދައުރު ހާމަކޮށްފައިވެއެވެ.
ދަ ގާޑިއަން: އިނގިރޭސިވިލާތުގެ ނޫހުން 2019 ގައި މި ކުންފުނީގެ މައްޗަށް އިންވެސްޓިގޭޓިވް ރިޕޯޓެއް ނެރެ، މަނީ ލޯންޑްރިންގ އާއި ޓެކްސް އެވޮއިޑެންސްއާ ގުޅުންހުރި މުޢާމަލާތްތައް ހާމަކޮށްފައިވެއެވެ.
ރޮއިޓަރސް: ބައިނަލްއަޤްވާމީ ނޫސް އޭޖެންސީން ވަނީ 2022 ގައި ރަޝިއާގެ އޮލިގާކުންނާއި މި ކުންފުނީގެ ގުޅުން ދައްކުވައިދޭ ތަފްސީލީ ރިޕޯޓެއް ނެރެފައެވެ.
ދަ ޝިފްޓް ނިއުސް: މޯލްޓާގެ މިނިވަން ނޫސް މެދުވެރިކޮށް ޑަފްނީ ކަރުއާނާ ގަލީޒިއާ އިން މި ކުންފުނީގެ ކަރަޕްޝަނާ ގުޅޭ ގިނަ މަޢުލޫމާތުތަކެއް ހާމަކުރިއެވެ. އޭނާގެ މަރުވުމުގެ ފަހުން، ދަ ޝިފްޓް ނިއުސްއިން އިތުރު ތަޙްޤީޤީ ރިޕޯޓުތަކެއް ނެރެފައިވެއެވެ.
ޔޫރަޕިއަން ޕާލިމެންޓް: 2022 ގައި ޔޫރަޕިއަން ޔޫނިއަންގެ ޕާލިމެންޓުން މި ކުންފުނީގެ ހަރަކާތްތަކާ ގުޅޭ ތަޙްޤީޤީ ރިޕޯޓެއް ނެރެ، މެންބަރު ޤައުމުތަކުގައި “ގޯލްޑަން ޕާސްޕޯޓް” ޕްރޮގްރާމްތައް ހުއްޓުވުމަށް ގޮވާލާފައިވެއެވެ.
އިންޓަރނޭޝަނަލް ކޮންސޯޓިއަމް އޮފް އިންވެސްޓިގޭޓިވް ޖާނަލިސްޓްސް (ICIJ): މި ޖަމްޢިއްޔާއިން “ޕަނަމާ ޕޭޕަރސް” އަދި “ޕެންޑޯރާ ޕޭޕަރސް” ގެ ނަމުގައި ނެރުނު ރިޕޯޓުތަކުގައި ހެންލީ އެންޑް ޕާޓްނާރސް މެދުވެރިކޮށް އޮފްޝޯ ކުންފުނިތަކާއި ޕާސްޕޯޓްތައް ހޯދާފައިވާ ގޮތުގެ ތަފްސީލު ހާމަކޮށްފައިވެއެވެ.
ފައިނޭންޝަލް އެކްޝަން ޓާސްކް ފޯސް (FATF): މި ބައިނަލްއަޤްވާމީ މާލީ ޖަމްޢިއްޔާއިން މަނީ ލޯންޑްރިންގ އާ ދެކޮޅަށް މަސައްކަތްކުރާއިރު، “ސިޓިޒެންޝިޕް-ބައި-އިންވެސްޓްމަންޓް” ޕްރޮގްރާމްތަކުގެ ރިސްކްތައް ފާހަގަކޮށް، މި ކުންފުނީގެ ހަރަކާތްތަކާމެދު ސުވާލު އުފައްދާފައިވެއެވެ.
ހެންލީ އެންޑް ޕާޓްނާރސް އިން ހިންގާފައިވާ ބޮޑެތި ކުށްތައް
މޯލްޓާގެ ޕާސްޕޯޓް ސްކޭންޑަލް: 2014 ގައި މޯލްޓާގެ ސަރުކާރާއެކު ހެންލީ އެންޑް ޕާޓްނާރސްއިން ވަނީ ސިޓިޒެންޝިޕް ޕްރޮގްރާމެއް ތަޢާރަފްކޮށްފައެވެ. މި ޕްރޮގްރާމްގެ ދަށުން 650،000 ޔޫރޯ ދެއްކުމުން މޯލްޓާގެ ރައްޔިތެއްކަން ލިބެއެވެ. މިއީ އިއްތިހާދު ޔޫރަޕްގެ ޕާސްޕޯޓެކެވެ. މި ޕްރޮގްރާމްގެ ތެރެއިން ގިނަ ރަޝިއާގެ މުއްސަނދިންނާއި، ޗައިނާގެ ވިޔަފާރިވެރިންނާއި، މެދުއިރުމަތީގެ ތެޔޮ މުއްސަނދިންނަށް މޯލްޓާގެ ޕާސްޕޯޓް ލިބިފައިވާކަމަށް ބެލެވެއެވެ. މި މައްސަލައިގައި ނޫސްވެރިޔާ ޑަފްނީ ކަރުއާނާ ގަލީޒިއާ ވަނީ ކުންފުންޏާއި ސަރުކާރުގެ އިސްވެރިންގެ މައްޗަށް ބޮޑެތި ތުހުމަތުތަކެއް ކޮށްފައެވެ. އޭނާ 2017 ގައި މަރާލެވުނު އިރު، މި މައްސަލަތަކާ ގުޅޭ ގިނަ މަޢުލޫމާތުތަކެއް ހާމަކުރަމުން ދިޔައެވެ.
ކެރިބިއަންގެ ޕާސްޕޯޓް ވިޔަފާރި: 2017 ގައި ކެރިބިއަންގެ ޤައުމުތަކުގައި ހިންގުނު ތަޙްޤީޤުތަކުން ދައްކާގޮތުގައި، ހެންލީ އެންޑް ޕާޓްނާރސްއިން އެކި ޤައުމުތަކުގައި ހިންގި ޕްރޮގްރާމްތަކުގެ ސަބަބުން ގިނަ ކުށްވެރިންނަށް އައު އައިޑެންޓިޓީތައް ލިބިފައިވެއެވެ. މީގެތެރޭގައި ޑްރަގް ޓްރެފިކިންގ އާއި މަނީ ލޯންޑްރިންގ އާ ގުޅުންހުރި މީހުންވެސް ހިމެނެއެވެ. މި ޕްރޮގްރާމްތަކުގައި ޑިއު ޑިލިޖެންސް ނުވަތަ ފަރުދުންގެ ވަނަވަރު ބަލާ މިންވަރު ވަރަށް ދަށްކަމަށް ފާހަގަކުރެވުނެވެ.
ގްރެނޭޑާގެ ޑިޕްލޮމެޓިކް ޕާސްޕޯޓް މައްސަލަ: މި މައްސަލައިގައި އުކްރެއިންގެ ވިޔަފާރިވެރިއަކު ގްރެނޭޑާގެ ޑިޕްލޮމެޓިކް ޕާސްޕޯޓް ހޯދުމަށް 1 މިލިއަން ޑޮލަރު ދިނެވެ. މި މުޢާމަލާތުގައި ހެންލީ އެންޑް ޕާޓްނާރސްގެ މެދުވެރިއެއް ބައިވެރިވިއެވެ. ނަމަވެސް މި ވިޔަފާރިވެރިޔާއަށް ޕާސްޕޯޓް ނުލިބުމުން، އޭނާ ވަނީ މައްސަލަ ހާމަކޮށް، ގްރެނޭޑާގެ ސަރުކާރަށް މައްސަލަ ހުށަހަޅާފައެވެ. މީގެ ސަބަބުން ގްރެނޭޑާގެ ސިޔާސީ ވެރިންނާއި ކުންފުނީގެ މެދުގައި އޮތް ގުޅުން ހާމަވެ، ސަރުކާރަށް ބޮޑު މާލީ ގެއްލުމެއް ލިބުނެވެ.
1އެމްޑީބީ ސްކޭންޑަލް: މެލޭޝިއާގެ 1އެމްޑީބީ ސްކޭންޑަލްގައި ބައިވެރިވި މައިގަނޑު ފަރާތްތަކުގެ ތެރެއިން ޖޯ ލޯ ފަދަ މީހުންނަށް ހެންލީ އެންޑް ޕާޓްނާރސް ހިންގާ ޕްރޮގްރާމްތަކުގެ ތެރެއިން އެކި ޤައުމުތަކުގެ ޕާސްޕޯޓް ލިބިގަތުމުގެ ފުރުސަތު ލިބުނުކަމަށް ބެލެވެއެވެ. މި މައްސަލައިގައި ބިލިއަން ޑޮލަރުގެ ސަރުކާރުގެ ފައިސާ ވަގަށް ނެގުމަށްފަހު، އެކި ޤައުމުތަކުގެ ޕާސްޕޯޓް ބޭނުންކޮށްގެން ފިލައިގެން އުޅުމުގެ ފުރުސަތު ލިބުނުކަމަށް ތުހުމަތުކުރެވެއެވެ.
ރަޝިއާގެ އޮލިގާކުންގެ މައްސަލަ: 2022 ގައި ރަޝިއާއިން އުކްރެއިނަށް ހަނގުރާމަ އިޢުލާނުކުރުމާ ގުޅިގެން، ރަޝިއާގެ މުއްސަނދި އޮލިގާކުންނަށް ދެވުނު ދަޢުވާތަކުން ސަލާމަތްވުމަށް ގިނަ ޕާސްޕޯޓްތަކެއް ހޯދުމުގައި ހެންލީ އެންޑް ޕާޓްނާރސްގެ ދައުރު އޮތްކަމަށް ބެލެވެއެވެ. މި ފަރާތްތަކަށް އެކި ޤައުމުތަކުގެ ރައްޔިތެއްކަން ލިބުމުގެ ސަބަބުން، އެމީހުންގެ މުދަލާއި ފައިސާ ދަޢުވާތަކުން ސަލާމަތްކުރުމަށް ފުރުސަތު ލިބިފައިވާކަމަށް ތުހުމަތުކުރެވެއެވެ.
ނޫސްވެރިންނަށް އިންޒާރުދިނުން: މޯލްޓާގެ ނޫސްވެރިޔާ ޑަފްނީ ކަރުއާނާ ގަލީޒިއާ އާއި އެހެން ނޫސްވެރިންނަށް ހެންލީ އެންޑް ޕާޓްނާރސްއިން ޝަރީޢަތަށް ދާނެކަމުގެ އިންޒާރުދީފައިވެއެވެ. މި އިންޒާރުތަކަކީ ކުންފުނީގެ ވިޔަފާރިއާ ގުޅޭ މަޢުލޫމާތު ހާމަކުރުން ހުއްޓުވުމަށް ދެވުނު އިންޒާރުތަކެއް ކަމަށް ބެލެވެއެވެ. މި އިންޒާރުތައް ދިނުމުގެ ކުރިން އަދި ފަހުން ވެސް ޑަފްނީ ވަނީ ކުންފުންޏާ ގުޅޭ ގިނަ މަޢުލޫމާތުތަކެއް ހާމަކޮށްފައެވެ. އޭނާގެ މަރާލެވުމާ ހަމައަށްވެސް މި މަސައްކަތް ކުރިއަށް ގެންދިޔައެވެ.
ރައީސް ނަޝީދު މި ކުންފުންޏާއި އެކު ގާތް ގުޅުންތަކެއް ބާއްވަމުން ގެންދާތާ އަހަރު ތަކެއް ވެއްޖެއެވެ. އަދި މިފަދަ އެވޯޑެއް، ޔޫރަޕިއަން ޕާލިމެންޓުން ކުށްވެރިން ގޮތުގައި ސިފަކޮށްފައިވާ ކުންފުންޏަކުން ބައްލަވައި ގަތުމަކީ ރައީސް ނަޝީދު އޭނާގެ ސިޔާސީ ހަޔާތް ރާއްޖޭގައި ގަދަ ކުރުމަށް ކޮންމެ ފަދަ ކަމެއް ވެސް ކޮށްފާނެ ކަމުގެ ސާބިތު ހެއްކެކެވެ. ރައީސް ނަޝީދު ވަނީ އެމްޑީޕީ ރޫޅާލާނެ ކަމުގެ ވައުދު ޑިމޮކްރެޓްސްގެ މެމްބަރުންނަށް ވެފައެވެ.
ނޯޓް: މި ލިޔުމުގައި ޝާއިޢު ކޮށްފައިވާ މިވާ ހުރިހާ މައުލޫމާތަކީ ރޮއިޓާރސް އާއި، ގާޑިއަން ފަދަ ދުނިޔޭގެ އެންމެ މަގުބޫލު ނޫސްތަކުން ނަގާފައިވާ މައުލޫމާތު ތަކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ