ފިރިމީހާއަށް ލިބޭ މިންވަރުންވެސް އަނބިދަރިންނަށް ޚަރަދުނުކުރާ ކަމުގެ ޝަކުވާތައް ގިނަ ބައަކު ކުރަމުން އަންނާތީ މިގެނެސްދެނީ ކޮންމެ ފިރިއަކުވެސް ވިސްނައިލުން މުހިންމު ކަންތައްތަކެއް ހިމެނޭ ލިޔުމެކެވެ.
ކައިވެނީގެ ޢަޤުދު ކުރެވިފައިވާ ދެމަފިރިން އަނބިމީހާވެސް އަދި ފިރިހެންމީހާވެސް އެދެމީހުންގެވެސް އިސްލާމްދީނުގައި އެބައޮވޭ ޙައްޤުތަކެއް ކަނޑައަޅުއްވާފަ އެގޮތުން އަނބިމީހާއަށް ޚާއްޞަވެގެންވާ ޙައްޤުތަކެއް އޮވޭ، އަދި ފިރިމީހާޔަށް ޚާއްޞަވެގެންވާ ޙައްޤުތަކެއްވެސް އޮވޭ، މިގޮތުން އަނބިމީހާޔަށް ދޭންޖެހޭ ޙައްޤުތަކުގެ ތެރޭގައި މާލީ ޙައްޤުތަކެއް އެބަވޭ.
އޭގެތެރެއިން އެއްކަމަކީ ކާވެނީގެ ރަން، ކާވެނީގެ ރަނަކީ ކާވެނި އަޤުދުކުރުމުގެ ސަބަބުން އަނބިމީހާ ޔަށް ދޭންޖެހޭ މާލީ އެހީތެރިކަމެއް މިއެހީތެރިކަން ނުވަތަ ކާވެނީގެރަން ދިނުން އެއީ ފިރިމީހާގެ މައްޗަށް ވާޖިބުވެގެންވާކަމެއް އެހެންވެގެން މާތްﷲ ކީރިތި ޤުރްއާނުގައި ވަޙީކުރައްވާފަވަނީ، "وَآتُوا النِّسَاءَ صَدُقَاتِهِنَّ نِحْلَةً " އަންހެން ކަނބަލުންނަށް އެކަނބަލުންގެ ރަން ތިޔަބައިމީހުން ހިތުން ރުހުމުން ދޭ އެއްޗެއްގެ ގޮތުގަ ދޭށޭ އެހެންވީމާ ކާވެނީގެ ރަނުގެ ޙިކުމަތަކީ ކާވެނީގެ ޢަޤުދުގެ މަތިވެރިކަން އަންގައިދިނުން އަދި އަންހެނާގެ މަޤާމަކީ އެއީ މަތިވެރި މަޤާމެއްކަން އަންގާދިނުން، ކޮންމެވެސް އެއްޗެއް އަނބިމީހާޔަށް ދީފަ އޭނަޔާ މިކާވެނި ކުރެވެނީ ހަމަ ހުރެފަ ކާވެނި ކުރެވެނީކީ ނޫން.
އެހެންވީމާ އަންހެންމީހާގެ ވެލިއުގަ ނުވަތަ އަންހެންމީހާގެވެސް އަގެއް ހުންނަކަން އަންގައި ދިނުމުގެ ގޮތުން އަންހެންމީހާޔަށް ދޭންޖެހޭ އެއްޗެއް އެބައޮވޭ، ދެވަނަކަމަކީ، މިތަނުގަ އަދި އަޅުގަނޑު ހަމަ ފާހަގަކޮށްލަން ބޭނުން ކާވެނީގެ ރަންދިނުން ކާވެނި ޞައްޙަ ވުމުގެ ޝަރުޠެއްވެސް ނޫން އަދި ކާވެނީގެ ރުކުނެއްވެސްނޫން. ކާވެނީގެ ރަން ނުދީ އޮތްކަމުގައިވީނަމަވެސް ކާވެނި ޞައްޙަވާނެ. އެހެންނަމަވެސް ކާވެނީގެ ރަން ނުދީ އޮންނަހާ ހިނދެއްގަ އެއީ ފިރިމީހާގެ ބޮލުގައި އެޅިފައިވާ ދަރަންޏެއް.
އަނބިމީހާޔަށް ދޭންޖެހޭ މާލީ ޙައްޤުތަކުގެ ތެރެއިން ދެވަނަކަމަކީ އެއީ "ނަފަޤާ" ނުވަތަ ދިރިއުޅުމަށް ބޭނުންވާ ޚަރަދު. އަޅުގަނޑުމެންގެ މިރޭގެ ސުވާލުގަވެސް މައިގަނޑު ގޮތެއްގައި އައި އެއްކަމަކީ އެއީކަންނޭނގެ އަނބިމީހާޔަށް ނުވަތަ އަނބިންނާއި ދަރިންނަށް ދޭންޖެހޭ ޚަރަދުތައް ނުދީހުރުން އަނބިމީހާޔަށް ޚަރަދުކޮށްދިނުން އަދި ދަރިންނަށް ޚަރަދުކޮށްދިނުން އެއީ ފިރިމީހާގެ މައްޗަށްވާ ވާޖިބެއް އަނބިމީހާ ނުކިޔަމަންތެރިނުވެ ކިޔަމަންތެރި ކަމުގައި ފިރިމީހާޔަށް ކިޔަމަންތެރި ކަމެއްގައި ދެމިހުންނަހާ ހިނދެއްގައި އޭނާޔަށް ޚަރަދުކޮށްދިނުން އަނބިމީހާޔަށް ބޭނުންވާ ޚަރަދުތައް ކޮށްދިނުން އެއީ ފިރިމީހާގެ މައްޗަށް އޮތް ވާޖިބެއް.
ކޮންމެޔަކަސް އަނބިމީހާޔަށް ޚަރަދު ދިނުމުގެ ޙިކުމަތްތަކެއް އިސްލާމްދީނުގަ ލައްވާފަވޭ އޭގެތެރެއިން އެންމެ މުހިންމު އެއްކަމަކީ އެއީ ކާވެނީގެ ޢަޤުދު ކުރެވުމާ އެކީގަ ނުވަތަ ކާވެނި ކުރެވުމާ އެކީގަ އަންހެންމީހާ ހުންނާނީ ފިރިމީހާގެ މިލްކަކަށް ވެފަ. އޭގެކުރިން އޭނަޔަކީ އެއީ އޭނަގެ ވަލީވެރިޔާގެ ބެލުމުގެ ދަށުގަހުރި މީހެއް އެޔަށްފަހު އެވަލީވެރިކަން ނުވަތަ އެއަންހެންމީހާގެ ބެލެހެއްޓުން ތެރިކަން އެއަންހެންމީހާގެ ހުރިހާކަމެއް ފިރިމީހާޔަށް މިބަދަލުވެގެންދަނީ އެހެންވީމާ އެފެމިލީގެ ޢަޤުދު ކުރުމާއެކީގާ ފިރިމީހާގެ އިޒުނައަކާއި ނުލާ ގެއިން ނުކުތުން ނުވަތަ ފިރިމީހާ ނުރުހޭފަދަ ކަމެއްކުރުން މިއިން އެއްވެސް ކަމެއް އެއީ އެއީ އަނބިމީހާއަށް ހުއްދަވެގެންވާ ކަމެއްނޫން.
އެހެންވީމާ މިކަންކަމުގެ ބަދަލުގައި ފިރިމީހާގެ ފަރާތުން އަނބިމީހާއަށް ދޭންޖެހޭ އެއްޗެއް އެއީ ޚަރަދު ދިނުމަކީ، ހަމައެގޮތަށް އަނބިމީހާއަށް ބޭނުންވާ ކާއެއްޗިއްސާއި، އަނބިމީހާ ދިރިއުޅޭނެ ތަނަކާއި އަދި މިނޫންވެސް އަންހެންމީހާޔަށް ބޭނުންވާ ހުރިހާތަކެތި ހޯދައިދިނުން އެއީ ފިރިމީހާގެ މައްޗަށް އޮތް ވާޖިބެއް. އަދި ހަމަ އެގޮތަށް ދަރިން ލިބިއްޖެކަމަށްވަނީނަމަ ދަރިންނަށް ޚަރަދު ކޮށްދިނުން އެއީވެސް ފިރިމީހާ ކުރަންޖެހޭ ކަމެއް ﷲ ވަޙީ ކުރައްވާފައި ވަނީ " وَعَلَى الْمَوْلُودِ لَهُ رِزْقُهُنَّ وَكِسْوَتُهُنَّ بِالْمَعْرُوفِ" މާނަޔަކީ އެކަށީގެންވާ ހެޔޮގޮތުގައި އެކަނބަލުނނަށް ކާންދިނުމާއި އަންނައުނު ދިނުމާއި އެއީ ކުއްޖާގެ ބަފާގެ މައްޗަށް ވާޖިބުވެގެންވާ ކަމެކޭ.
އަދި ހަމައެގޮތަށް އެހެން އާޔަތެއްގައި ﷲ ވަޙީކުރައްވަނީ " لِيُنفِقْ ذُو سَعَةٍ مِّن سَعَتِهِ ۖ وَمَن قُدِرَ عَلَيْهِ رِزْقُهُ فَلْيُنفِقْ مِمَّا آتَاهُ اللّه " މާނަޔަކީ: ތަނަވަސްކަމުގެ ވެރިޔާ އޭނާގެ ތަނަވަސްކަން ހުރި މިންވަރަކުން ހޭދަކުރާހުށި ކަމެވެ. އަދި އެމީހެއްގެ ރިޒްޤު ދަތިކުރައްވާ ނުވަތަ އަތްމަތި ދަތިމީހުން އެމީހަކަށް ﷲ ދެއްވި ތަކެތިން އެމީހަކަށް ﷲ ދެއްވާފައިވާ މިންވަރަކުން ހޭދަކޮށް ހަދާށެވެ.
އެއްދުވަހަކު އަބޫސުފްޔާނުގެ އަނބިކަނބަލުން ހިންދު ބިނަތު ޢަތަބާ ރަޟިޔަﷲ ޢަންހާ އެކަމަނާ ވަޑައިގެން ކީރިތި ރަސޫލާ ﷺ ގެ އަރިހުގައި ޝަކުވާ ކުރައްވަނީ ވިދާޅުވަނީ އަބޫސުފްޔާނު އެކަމަނާޔަށް ބޭނުންވާ ޚަރަދެއް ނުދެއްވާ ކަމަށް އެހެންވީމާ އެކަމަނާ ރަސޫލުﷲ ﷺ ގެ އިޒުނަޔަށް އެދިވަޑައިގަންނަވަނީ އަބޫސުފްޔާނަށް ނޭނގި އޭނަގެ މުދަލުން ނެގުމަށް އެހިނދުގައި ރަސޫލުﷲ ﷺ ޙަދީޘް ކުރައްވަނީ " خُذي ما يَكفيه وولدَكِ بالمعروفِ" ކަމަނާއަށާއި، ކަމަނާގެ ދަރިފުޅަށް ބޭނުންވާ މިންވަރަށް ޢާންމު ގޮތެއްގައި ބޭނުންވާ މިންވަރު އެމިންވަރު ނަގާށޭ އެޔަށް ވުރެ އިތުރަށް ނުނަގާށޭ މާނަޔަކީ: ދިރިއުޅުމަށް ބޭނުންވާ ޢާއްމު ޙާލަތެއްގައި ބޭނުންވާނެ މިންވަރު އެމިންވަރު ނަގާށޭ، އެޔަށްވުރެ އިތުރަށް ނުނަގާށޭ.
ޚުޠުބަތުލް ވަދާޢުގައި ރަސޫލުﷲ ﷺ ކުރެއްވި ހަމައެކަނި ޙައްޖު. ޙައްޖަތުލްވަދާއުގައި އެކަލޭގެފާނު ދެއްވި ޚުޠުބާގަވެސް އެކަން ވަރަށްބޮޑަށް ބާރުއަޅުއްވާ ޙަދީޘް ކުރައްވާފަވޭ " اتقوا الله في النساء " ތިޔަބައިމީހުން އަންހެނުންނާ މެދުގައި ނުވަތަ އަނބިންނާމެދުގައި ﷲ އަށް ތަޤުވާވެރިވާށޭ " فإنكم أخذتموهن بأمانة الله، واستحللتم فروجهن بكلمة الله " ތިޔަބައިމީހުން ނަށްޓަކައި އެކަނބަލުން ޙަލާލުވެފަވަނީ ﷲ ގެ އަމާނާތެއްގެ ގޮތުގައެވެ. އަދި އަދި އެކަނބަލުންގެ ހަށިތައް ހުއްދަ ކުރައްވާފައިވަނީ ﷲގެ ޝަރީޢަތާ އެއްގޮތަށޭ " ولكم عليهنَّ ألَّا يُوطِئْنَ فُرُشَكم أحدًا تكْرهوانه " އެކަނބަލުންގެ މައްޗަށްވާ ތިޔަބައިމީހުންގެ ޙައްޤަކީ ތިޔަބައިމީހުންގެ ގެޔަށް ތިޔަބައިމީހުން ނުރުހޭމީހަކު ނުވައްދާށޭ އެކަނބަލުން އެގޮތަށް ކަންތައް ކޮށްފިނަމަ މާނަޔަކީ: ތިޔަބައި މީހުން ނުރުހޭ މީހަކު ގެޔަށް ވައްދައިފިކަމަށް ވަނީނަމަ އަނިޔާ ނުވާވަރަށް އެކަބަލުންގައިގާ ޖަހާށޭ އަދި ތިޔަބައިމީހުންގެ މައްޗަށްވާ އެކަނބަލުންގެ ޙައްޤަކީ އެކަނބަލުންގެ ކެއިންބުއިމާއި އަންނައުނު ހޯދައިދިނުން.
ކޮންމެއަކަސް މިޙަދީޘުންވެސް އަޅުގަނޑުމެންނަށް ވަރަށް ސާފުކޮށް އެގިއްޖެ ފިރިމީހާގެ މައްޗަށްވާ ވާޖިބެއްކަން އެއީ އަނބިމީހާޔަށް ޚަރަދުކޮށްދިނުން. ހަމަ އެގޮތަށް އަނބިމީހާ ދިރިއުޅޭނެ ތަނެއް ހޯދައިދިނުން ފިރިމހާގެ ކުޅަދާނަކަން އޭނާގެ ތަނަވަސްކަން ހުރި މިންވަރަކުން އަނބިމީހާޔަށްހަމަޖެހިގެން ދިރިއުޅެވޭނެތަނެއް ހޯދައިދިނުމަކީ އެއީ އިސްލާމްދީނުގައި ފިރިމީހާގެ މައްޗަށް އޮތް ވާޖިބެއް އެހެންވެގެން ސޫރަތުއްޠަލާޤުގެ 6ވަނަ އާޔަތުގައި ﷲ ވަޙީ ކުރައްވަނީ " أَسْكِنُوهُنَّ مِنْ حَيْثُ سَكَنْتُمْ مِنْ وُجْدِكُمْ " ތިޔަބައިމީހުންގެ ތަނަވަސްކަން ހުރި މިންވަރަކުން ތިޔަބައިމީހުން އުޅޭތަނެއްގައި އެކަނބަލުން އެބަހީ: ވަރިކޮށްފަ ޢިއްދައިގެ ތެރޭގައި ހުންނަ އަނބިމީހާވެސް ބަހައްޓާށޭ އެހެންވީމާ ކޮންމެޔަކަސް އަނބިންނަށް ޚަރަދު ކުރުން އެއީ ފިރިމީހާގެ މައްޗަށް އޮތް ވާޖިބެއް.
ހަމަ އެޔާއި އެކީގާ އަނބިމީހާއާއި އެކީގައި ރިވެތި ދިރިއުޅުމަކުން ދިރިއުޅުން އަދި އަނބިމީހާޔަށް އޯގަތެރިވުން އަނބިމީހާޔަށް ހެޔޮކޮށް ހިތުން އަނބިމީހާޔާ ދޭތެރޭގައި އޯގާތެރިކަން ބެހެއްޓުން އެއީވެސް ފިރިމީހާގެ ވާޖިބެއް.
ދެން މިބަލާލަނީ އަނބިމީހާގެ ފަރާތުން ފިރިމީހާއަށް ކޮށްދޭން ޖެހޭ ކަންތައްތައް: ﷲ އަށް އުރެދުމެއްނުވާ ކޮންމެ ކަމެއްގައި އަނބިމީހާ ފިރިމީހާޔަށް ކިޔަމަންތެރިވާންޖެހޭ އަދި ފިރިމީހާ އެއްދާން ކުރަން އެދިއްޖެ ކޮންމެ ޙާލަތެއްގައި އަނބިމީހާ އެކަމަށް އިޖާބަދޭންޖެހޭ، އަދި މިކަމަކީ އެއީ އަނބިމީހާ އެދުނު ކަމެއްކަމަށް ވަނީނަމަ ފިރިމީހާވެސް ކޮށްދޭންޖެހޭނެ ކަމެއް، ދެމަފިރިންކުރެ ކޮންމެމީހަކުވެސް އަނެކާގެ ޢިއްފަތްތެރިކަން ސަލާމަތް ކޮށްދިނުމަށް މަސައްކަތްކުރުމަކީ އެއީ ކުރަން ޖެހޭނެކަމެއް. ހަމަ އެގޮތަށް ފިރިމީހާގެ ހުއްދަނެތި އޭނާގެ ގެޔަށް އެއްވެސް މީހކު ވައްދައިގެން ނުވާނެ ފިރިމީހާގެ އިޒުނަޔާއި ނުލާ ގެއިން ނިކުމެގެން ނުވާނެ އަނބިމީހާ ފިރިމީހާޔަށް ނުކިޔަމަންތެރި ވެއްޖެކަމަށް ވަނީނަމަ އަދަބު ދިނުމުގެ ޙައްޤު ފިރިމީހާޔަށް ލިބިގެންވޭ ފިރިމީހާޔަށް ޚިދުމަތްކޮށްދީ ފިރިމީހާޔަށް ބޭނުންވާ ޚިދުމަތްތައް ފުރިހަމަ ގޮތުގައި އަދާކޮށްދޭން ވާނެ ފިރިމީހާޔާ އެކުގާ ރިވެތި ދިރިއުޅުމެއް އުޅެވޭތޯ މަސައްކަތް ކުރުމަކީ އެއީ އަނބިމީހާގެ ފަރާތުން ކޮށްދޭންޖެހޭ ކަންތައްތައް.
އެހެންވީމާ ޚުލާޞާ ގޮތެއްގައި ބުނާކަމަށްވަނީނަމަ ފިރިމީހާގެ މައްޗަށް އޮތް ވާޖިބެއް އެއީ އަނބިމީހާގެ ޚަރަދު ތައް ބަލަހައްޓައިދިނުން އެޚަރަދުތައް ބަލަހައްޓައިނުދީ އެހެން ގޮތްގޮތަށް އޭނަގެލާރި ބޭކާރު ގޮތުގައި ޚަރަދުކުރާ ކަމަށް ވަނީނަމަ އެކަން ކަން ރަނގަޅު ކުރުމަށްޓަކައި އަނބިމީހާ ފިރިމީހާޔަށް ނަޞޭޙަތްދީ އަދި އެގޮތުންވެސް ރަގަޅު ނުވެއްޖެ ކަމަށްވަނީނަމަ ވަރިއަށް އެދުމުގެ ޙައްޤު އެބައޮތެވެ!
- ޑރ. މުޙައްމަދި އިޔާޟް ޢަބްދުއްލަޠީފް
- ޝައިޚް މިފަދައިން ބަޔާންކުރައްވާފައިވަނީ " އަނބިދަރިންނަށް ޚަރަދުނުކޮށް ހިލޭ އަންހެނުންނާއި ރައްޓެހިންނަށް ޚަރަދު ކުރާނަމަ ފިރިމީހާގާތުން ވަރިޔަށް އެދެވިދާނެތޯ؟" މީހަކު ކުރި ސުވާލެއްގެ ޖަވާބުގައެވެ.
ލިބޭ މިންވަރަކުން އަނބިދަރިންނަށް ޚަރަދުކުރުމަކީ ﷲ ގެ އަމުރުފުޅެއް! ޢަމަލުކުރާ މީހުންނަށް ރިޒްޤް އިތުރުކޮށް ދެއްވަވާނެ! އިން ޝާ ﷲ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ