އެންވަޔަރަމަންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) ގެ އެންގުމާ ހިލާފަށް ސްޓެލްކޯއިން ހުޅުމާލޭގައި އެމްޑަބްލިއުއެސްސީގެ ފެން އުފައްދާ ޕްލާންޓަކާއި އިންވެގެން ހުރި ބިމުގައި ޑީސަލް ޖެނެރޭޓަރުތަކެއް ބޭނުންކޮށްގެން ޕަވަ ޕްލާންޓެއް ހަދައިފި އެވެ.
އެޗްޑީސީން ސްޓެލްކޯއަށް ހަމަޖައްސައިދިން އެ ބިމުގެ އީއައިއޭ ހެދުމަށްފަހު އީޕީއޭއަށް ފޮނުވުމުން އެ އިދާރާއިން ވަނީ ސްޓެލްކޯގެ ޕަވަ ޕްލާންޓެއް އެމްޑަބްލިއުއެސްސީގެ ފެން އުފައްދާ ޕްލާންޓެއް ކައިރީ ބެހެއްޓުމުގެ ބަދަލުގައި އެހެން ބިމެއްގައި އެ މަސައްކަތް ކުރިއަށް ގެންދަން އެދިފަ އެވެ.
"ތިމާވެއްޓަށް ކުރިމަތިވެދާނެ ނޭދެވޭ އަސަރުތައް ކުޑަ ކުރުމަށާއި އިސްވެ ދަންނަވާފައިވާ ނުރައްކާތެރި ހާދިސާތައް ދިމާވުން ކުޑަކުރުމަށްޓަކައި، މިހާރު ތިޔަ ފަރާތުން ޑީސެލް ޖެނެރޭޓަރުތައް ބޭނުންކޮށްގެން ޕަވަ ޕްލާންޓެއް ގާއިމުކުރުމަށް ނިންމަވާފައިވާ ޕްލޮޓަކީ އެކަމަށް އެކަށީގެންވާ ސަރަހައްދު ކަމަށް މި އެޖެންސީން ނުދެކެން،" އީޕީއޭއިން ސްޓެލްކޯއަށް ފޮނުވި ސިޓީގައި ބުންޏެވެ.
އީޕީއޭގެ ކަންބޮޑުވުންތަކާއި ގުޅިގެން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ވަނީ ސްޓެލްކޯއަށް ކަނޑައެޅި ބިމުގައި އެއްވެސް މަސައްކަތެއް ކުރިއަށް ނުގެންދަން ބުނެފަ އެވެ.
ނަމަވެސް ރޯދަ މަހު މާލެ އާއި ހުޅުމާލެއަށް ޕީކުގައި ދޭން ޖެހޭ އިތުރު ކަރަންޓު އުފައްދަން އެމްޑަބްލިއުއެސްސީގެ ފެން އުފައްދާ ޕްލާންޓާއި އިންވެގެން އޮތް ބިމުގައި ސްޓެލްކޯގެ ޕަވަ ޕްލާންޓް ވަނީ ގާއިމުކޮށްފަ އެވެ.
މިކަމާ ގުޅިގެން ސްޓެލްކޯގެ އެމްޑީ ހުސައިން ފަހުމީ އަދަދު އަށް ވިދާޅުވީ މާލޭގައި ޖެނެރޭޓަރުތައް ބަހައްޓާނެ ޖާގައެއް ނެތުމުން، ޖެނެރޭޓަރުތައް ދެން ބެހެއްޓޭނީ ހުޅުމާލޭގައި ކަމަށާއި ކަރަންޓު ފޯރުކޮށްދެވޭނީ ޖެނެރޭޓަރުތައް ބަހައްޓައިގެން ކަމަށެވެ.
"ބިން އޭރުވެސް މައްސަލައެއް ޖެހިފައި އޮތް ކަމަށް އެނގިފައެއް ނުވޭ. އީޕީއޭއިން ހިތްހަމަ ޖެހުނަސް ނުޖެހުނަސް. އަޅުގަނޑަކަށް ނޭގޭ އީޕީއޭގެ ކޮންސާނެއް. ކަރަންޓް ދެވޭނީ އިންޖީނުތައް ބަހައްޓައިގެން. މާލޭގައި އިންޖީނުތައް ބަހައްޓާނެ ޖާގައެއް ނެތް،" ފަހުމީ ވިދާޅުވި އެވެ.
ފަހުމީ އިތުރަށް ވިދާޅުވީ އެމްޑަބްލިއުއެސްސީގެ ހުޅުމާލެ ފެން ޕްލާންޓް އޮޕަރޭޓުކުރާ ބިމުގައި ވެސް ޖެނެރޭޓަރެއް ބަހައްޓާފައިވާ ކަމަށާއި އެކަމާ ގުޅިގެން ކަންބޮޑުވާން ޖެހޭ ކަމެއް ނުވިސްނޭ ކަމަށެވެ.
މިކަމާ ގުޅިގެން އީޕީއޭއާ އަދަދު އިން ސުވާލުކުރުމުން އެ އެޖެންސީން ބުނީ ނުރައްކާވާ ގޮތަށް ޖެނެރޭޓަރުތައް ބަހައްޓައިގެން ސްޓެލްކޯއިން މަސައްކަތްތައް ކުރަމުންދިޔުމާ ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލާނެ ކަމަށެވެ. އަދި އެ ބިމުގައި ޖެނެރޭޓަރުތައް ބަހައްޓަން ހުއްދަ ނުދޭ ކަމަށް ވެސް އެ އެޖެންސީން ބުންޏެވެ.
މިކަމާ ގުޅިގެން އެމްޑަބްލިއުއެސްސީގެ އެމްޑީ އަބްދުލްމަތީން މުހައްމަދު އަދަދު އަށް ވިދާޅުވީ އެމްޑަބްލިއުއެސްސީގެ ފެން އުފައްދާ ޕްލާންޓް ކައިރީގައި ސްޓެލްކޯގެ ޖެނެރޭޓަރުތަކެއް ބެހެއްޓުމުން، އެކަމާ ގުޅިގެން ހުރި ކަންބޮޑުވުންތައް ކަމާބެހޭ ފަރާތްތަކާ ހިއްސާކޮށްފައިވާ ކަމަށެވެ.
އީޕީއޭގެ އެންގުމާ ހިލާފަށް ސްޓެލްކޯއިން ޖެނެރޭޓަރުތަކެއް ބެހެއްޓީ ނުރައްކާވާ ގޮތަށް އީޕީއޭގެ އެންގުމާ ހިލާފަށް ސްޓެލްކޯއިން ޖެނެރޭޓަރުތަކެއް ބެހެއްޓީ ނުރައްކާވާ ގޮތަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ