ދިވެހި ޙައްޖުވެރިން ތިބީ މިނާގައި، އަރަފާތު ބިމަށް މިރޭ ފުރާނެ
ދިވެހި ޙައްޖުވެރިން މިއަދު މިނާގައި މަޑުކުރުމަށް ފަހު، މިރޭ އަރާފަތަށް ދާން ފުރާނެ ކަމަށް ޙައްޖު މިޝަންއިން މިއަދު ބުނެފިއެވެ. ޙައްޖުވެރިން މިނާއަށް ދާން ދަތުރުފެށީގައި ރޭގައެވެ. ޙައްޖު މިޝަންއިން ބުނީ، ހުރިހާ ޙައްޖުވެރިން މިހާރު ތިބީ މިނާގައި ކަމަށެވެ. އަދި، އަރަފާތަށް ދާން ފުރާނީ މިރޭ ކަމަށާއި ހުރިހާ ޙައްޖުވެރިންގެ ހާލު ރަނގަޅު ކަމަށް ބުންޏެވެ. އެކަމަކު، ޑައިލެސިސް ހަދާ ޙައްޖުވެރިއަކު އެބަހުރި ކަމަށާއި އެ މީހާގެ ކަންކަން ވަރަށް ގާތުން ބަލަމުން އަންނަ ކަމަށް ޙައްޖު މިޝަންއިން ވަނީ ބުނެފައެވެ. ޙައްޖުވެރިންނަށް މިނާއިން ހޫނު މަރުހަބާއެެއް ވަނީ ކިޔާފައެވެ. ހައްޖުވެރިން މިނާގައި ތިބޭ ޓެންޓެއް ---- ފޮޓޯ/ މިނިސްޓަރު ޝަހީމް އަރަފާތު ދުވަހު ޙައްޖުވެރިން ތިބޭނީ އަރަފާތު ބިމުގައެވެ. އެ ދުވަހުގެ މެންދުރު ނަމާދަށް ފަހު ޙައްޖުވެރިން ދުއާކުރުމުގައި އިރުއޮއްސެންދެން ތިބޭނެއެވެ. އެ ދުވަހުގެ އިރު އޮއްސުމުން އަރަފާތް ދޫކޮށް، ހިނގާފައި އެ މީހުން ދާނީ މުޒްދަލިފާއަށެވެ. މުޒްދަލިފާގައި ރޭކުރުމަށް ފަހު އަނެއް ދުވަހުގެ އިރުއެރުމުން މިނާއަށް ގޮސް ޖަމަރަތުލް އަގަބާއަށް ހިލަ އުކާނެއެވެ. ދެން އެނބުރި މައްކާއަށް އައިސް ޠަވާފުކުރުމަށް ފަހު، ގުރުބާނީ ގަތިލައި ބޯބާލާނެއެވެ. އަދި، ކުރިއަށް އޮތް ތިން ދުވަހު އެ މީހުން މިނާގައި މަޑުކޮށްގެން ތިބޭއިރު ތިން ޖަމްރާއަށް ހިލަ އުކާނެއެވެ. ދިވެހި ހައްޖުވެރިން ----- ފޮޓޯ/ ހައްޖު މިޝަން ޙައްޖުގެ އަޅުކަމަށް މި އަހަރުގެ ވެސް ރާއްޖެއިން ފުރީ 1000 މީހުންނެވެ. މައްކާ ރޫޓު އިނީޝިއޭޓިވްގެ ދަށުން ޙައްޖުވެރިން ދަތުރުކުރުމުގެ އިންތިޒާމުތަކަށް ވަރަށް ބޮޑު ލުއިފަސޭހައެއް މި އަހަރު ވަނީ ލިބިފައެވެ. އެގޮތުން، ޖިއްދާ އެއާޕޯޓުގައި ހައްޖުވެރިން ހޭދަކުރަން ޖެހޭ ވަގުތު ވަރަށް ބޮޑަށް ކުޑަވިއިރު އެކަމުގެ ހިތްހަމަޖެހުން ހައްޖުވެރިން ފާހަގަކުރާ ކަމަށް ޙައްޖު މިޝަނުން ބުނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ