ގާނޫނު އަސާސީ އާއި މާލިއްޔަތު ގަވާއިދާ ހިލާފަށް، 2023 ވަނަ އަހަރު ބަޖެޓުކުރި ވަރަށް ވުރެ އިތުރަށް ދެ ބިލިއަން ރުފިޔާ ހަރަދުކޮށްފައިވާ ކަމަށް ދައުލަތުގެ މާލީ ބަޔާންތަކުގެ އޮޑިޓުން ދައްކައިފި އެވެ.
ނިމުނު ސަރުކާރުގެ ދައުރުގެ ފަހު އަހަރުގައި ބަޖެޓަށް ވުރެ އިތުރަށް ދެ ބިލިއަން ރުފިޔާ ހަރަދުކުރި ވާހަކަ ފެންމަތިކުރީ، ފިނޭންސް މިނިސްޓަރު މޫސާ ޒަމީރެވެ. މިދިޔަ އޮކްޓޯބަރު 19، ގައި ބަންޑާރަ ނައިބު އަހުމަދު އުޝާމްއާ އެކީ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޒަމީރު ވިދާޅުވީ ކުރީ އަހަރުގެ ހަރަދުތައް ރެކޯޑުކޮށްފައި ނެތް ކަމަށެވެ.
މިއީ ގާނޫނޫ އަސާސީއާ ހިލާފު ކަމަކަށް ވާތީ މި ކަމުގައި ޒިންމާވާން ޖެހޭ ބައެއްގެ މައްސަލަތައް ބަލައި، ގާނޫނީ ގޮތުން އަޅަން ޖެހޭ ފިޔަވަޅުތައް އަޅާނެ ކަމަށް ސަރުކާރުން އެއިރު ބުންޏެވެ.
މާލީ ބަޔާންތަކުގެ އޮޑިޓުގައިވާ ގޮތުގައި، ރައްޔިތުންގެ މަޖިލީހުން ފާސްކޮށްދިން ބަޖެޓަށް ވުރެ އިތުރަށް ހަރަދުކުރި 2.1 ބިލިއަން ރުފިޔާއާއެކީ 2023 ގައި 57.8 ބިލިއަން ރުފިޔާ ހަރަދުކޮށްފައިވެ އެވެ. މިއީ އެ އަހަރަށް ބަޖެޓުކުރި 49.3 ބިލިއަން ރުފިޔާ އާއި އަހަރު ނިމެން ކައިރިވެފައި ވަނިކޮށް ސަޕްލިމެންޓަރީ ބަޖެޓުގެ ގޮތުގައި ފާސްކުރި 6.5 ބިލިއަން ރުފިޔާއަށް ވުރެ ބޮޑު އަދަދެކެވެ.
މި ދެ ބިިލިއަން ރުފިޔާއަކީ ބޭރުގެ ލޯނުތަކުން ހަރަދުކޮށްގެން ހިންގާ ކޮންޓްރެކްޓަރުންނަށް ދިން ފައިސާ އެވެ. އެކަމަކު މި ފައިސާ ދިނުމަށް ފަހު، އެ އަހަރުގެ ބަޖެޓުގައި ހަރަދުކުރި ކަމަށް ޖަހާފައި ނެތެވެ. އޮޑިޓަރުން ބުނި ގޮތުގައި، މިއީ ގާނޫނު އަސާސީގެ 96 ވަނަ މާއްދާއާ ހިލާފު ކަމެކެވެ.
އޮޑިޓު އޮފީހުން ފާހަގަކުރި ގޮތުގައި މި ހަރަދުތައް ކުރި ކަމަށް ދަރަނީގެ ތަފުސީލުތައް ބަލަަހައްޓާ ސިސްޓަމުގައި ރެކޯޑުކޮށްފައި ހުއްޓަސް ޕަބްލިކް އެކައުންޓިން ސިސްޓަމް (ސެޕް) ގައި ރެކޯޑުކޮށްފައި ނެތެވެ. އަދި 2023 ވަނަ އަހަރުގެ މާލީ ބަޔާންތަކުގެ ތެރޭގައި ވެސް ހިމަނާފައި ނެތެވެ.
މި ހަރަދުތައް ނުހިމަނައި މާލީ ބަޔާންތައް ތައްޔާރުކުރިއިރު، މާލީ ބަޔާންތައް ހުށަހަޅަން ޖެހޭ ސުންގަޑި ކަމުގައިވާ އޭޕްރިލް 14، 2024، ގެ ކުރިން މި ހަރަދުތަކާ ގުޅޭ ތަފުސީލުތައް ފިނޭންސް މިނިސްޓްރީއަށް އެނގިފައިވާ ކަން ކަށަވަރުކުރެވިފައިވާ ކަމަށް ވެސް އޮޑިޓަރުން ބަޔާންކޮށްފައިވެ އެވެ.
ބަޖެޓަށް ވުރެ އިތުރަށް ހަރަދުކުރި މައްސަލައިގައި، އޮޑިޓާ ޖެނެރަލް ދެއްވި ލަފަޔަކީ ހަރަދު ކުރާ އަހަރުގައި އެ ހަރަދު ރެކޯޑުކުރުމަށާއި އޮންނަ އުސޫލުތަކާ އެއްގޮތަށް ގަވާއިދުން ހަރަދުުތައް ރެކޯޑުކޮށް، ބަލަހައްޓަމުން ދިޔުމަށެވެ.
ފާސްކުރި ބަޖެޓަށް ވުރެ އިތުރަށް ދެ ބިލިއަން ރުފިޔާ 2023 ގައި ހަރަދުކުރި: އޮޑިޓު ފާސްކުރި ބަޖެޓަށް ވުރެ އިތުރަށް ދެ ބިލިއަން ރުފިޔާ 2023 ގައި ހަރަދުކުރި: އޮޑިޓު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ