ހިތުގައި ތިނަން ވާތީ... 12

"އޭނަގެ އެކްސްޕްރެޝަން ބަލަންތަ ތި ހުންނަނީ؟... ވަރަށް ދެރަވޭތޯ، ހިތް ފަޅައިގެންދޭތޯ.." އާކިލްގެ ކުރިމަތީގައި ހުއްޓިފައި، ރިމްޝާ ހިތްހަމަނުޖެހިގެން ބުނެލިއެވެ. "އަހަންނަށް އެނގޭ އީވް ދެރަވާނެކަން... އަހަރެން ބޭނުމެއް ނޫން އީވް..." އާކިލް އެއްޗެއް ބުނަން އުޅެފައި ހުއްޓައިލިއެވެ. ******** "ކޮންމެ ފަހަރަކު ތިހެން އީވްގެ ހިތަށް ތަދުކުރުމުގެ ހައްގެއް އާކިލްއަކަށް ނޯންނާނެ..." ރިމްޝާގެ އަޑު ކުރިއަށްވުރެ ބާރުވިއެވެ. "އައި ނޯ..." އާކިލް ދޫކޮށްލީ ފުން ނޭވާއެކެވެ. "އަހަރެން މީ އީވްނަމަ ދުވަހަކުވެސް އާކިލްއަކަށް މާފެއް ނުކުރާނަން..." ރިމްޝާގެ ދެލޮލަށް ކަރުނަ ޖަމާވީ އާކިލް ދިން ފަރުވާކުޑަ ޖަވާބުންނެވެ. "އައި ޑިޒާވް އިޓް..." އާކިލް ބުނެލިއެވެ. ރިމްޝާ އިތުރު އެއްޗެއް ބުނުމުގެ ކުރިން، އާކިލް ހަލުވި ފިޔަވަޅުތަކެއްގައި ގޮސް ކެފޭއަށް ވަނެވެ. އޭރު ރަތުނާ ހުރީ އިވްލީންގެ އަތްތެރި މަސައްކަތްތައް ބަލާށެވެ. "އާކް... އާދެބަލަ..." ރަތުނާއަށް އާކިލް ފެނުމުން، ފަރި ހިނގުމެއްގައި ގޮސް އަތުގެ މުލައްދަނޑީގައި ހިފައިލިއެވެ. "މަސައްކަތްތައް ވަރަށް ރީތި.... އެބަހުރި ކަމުދާ އެއްޗެހި... މި ފަށް ގަނެދީބަލަ..." އާކިލްގެ ނަޒަރު ހުއްޓުނީ އިވްލީނަށެވެ. އެ މަންޒަރު އިވްލީނަށް ފެންނަން އާކިލްގެ ހިތެއް ނޭދުނެވެ. އާކިލްގެ މޫނުން ރަތުނާގެ އަތަށް ނަޒަރު ހުއްޓުމާއިއެކު، އިވްލީނަށް އަވަސް އަވަހަށް އެހެން ދިމާއަކަށް ނަޒަރު ހުއްޓާލެވުނެވެ. އެ މަންޒަރުން އިވްލީންގެ ހިތަށް އުނދަގޫވިއެވެ. އާކިލްއަށް އެކަން އިހުސާސް ނުވެއެއް ނުދިޔައެވެ. އަވަހަށް ރަތުނާ އާއި ދުރަށް ޖެހިލިއެވެ. ގަދަކަމުން ކަހަލަ ގޮތަކަށް ރަތުނާގެ އަތް އޭނާގެ އަތުން ނައްޓުވައިލިއެވެ. "ފައިވް ޑޮލަރސް؟..." ފަށުގައި ޖަހާފައިވާ އަގަށް ބަލައިލަމުން ރަތުނާ ބުނެލިއެވެ. "އާކް އަބަދު މިތަނުން އެއްޗެހި ކާތީ މާލޭގަ ހުރެފަ ކެތްނުވެގެން އަހަރެންވެސް މިއައީ... އެކަމަކު ކެފޭއަށް ވަނީމަ، ކާ އެއްޗެއްސަށްވުރެ ބޮޑަށް އަހަރެން މި ލައިކްވީ އެހެން އެއްޗެހިދެކެ..." ރަތުނާ ތުއި ގޮތަކަށް ހީލިއެވެ. އާކިލްއަށް ބަލައިލިއެވެ. އާކިލް ގަދަކަމުން ހިނިތުންވެލަން އުޅުނު ނަމަވެސް އެކަމެއް ނުވިއެވެ. އޭނާއަށް ބެލުނީ އިސްޖަހާލައިގެން ހުރި އިވްލީނަށެވެ. "މި ފަށް ޕެކްކޮށްލަދީ!..." ރަތުނާ އެދުނެވެ. "ކޯއްޗެއް ކާން ނަގާނީ؟..." "އޯކޭވާނެ ކޮންމެ އެއްޗެއްވެސް..." އާކިލް ބޭނުންވީ އެތަނުން ދާށެވެ. ރަތުނާގެ ތުންފަތަށް ވެރިވީ މާނަފުން ހިނިތުންވުމެކެވެ. އާކިލްއަށް ނޭނގޭނޭހެން، އޭނާ އިވްލީންގެ ކައިރިއަށް ޖެހިލިއެވެ. މޫނާއި މޫނު ކައިރިކޮށްލިއެވެ. އިވްލީން ހާސްވާނެހައި ކައިރިއަށެވެ. އިވްލީން ހުރީ އެފަދަ ކަމަކަށް ވިސްނައިގެން ނޫންކަމުން، އޭނާއަށް ކުޑަކޮށް ފަހަތަށް ޖެހިލެވުނެވެ. "ތީ ދޯ އެކުއްޖަކީ؟... އާކް އަބަދު އެކުއްޖެއްގެ ވާހަކަ ދައްކާ ސްޕެޝިއަލް ކުއްޖާ....." ރަތުނާ ބުނެލީ އިވްލީންގެ ކަންފަތް ކައިރީ، ހަމައެކަނި އިވްލީނަށް އިވޭ ވަރަށެވެ. ކުރަން ބޭނުންވި ސުވާލު ކޮށްފައި ރަތުނާ އަވަހަށް އިވްލީންގެ ކައިރިން ދުރަށް ޖެހުނެވެ. އިވްލީންގެ ދެލޯ ބޮޑުވިއެވެ. ހާސްވީވަރުން ވަގުތުން މޫނު ރަތްވިއެވެ. ރަތުނާގެ މަގުސަދަކީ ކޮބައި ހެއްޔެވެ؟ ގަސްދުގައި އިވްލީންގެ ހިތަށް ތަދުކުރުން ހެއްޔެވެ؟ ނޫނީ އިވްލީނާއި އާކިލް އާއި ދެމެދު ކުރިން އޮތް ލޯބީގެ ގުޅުން އެނގޭކަން އަންގާލުން ހެއްޔެވެ؟ "ޓޫ ކޮފީ، ދެން ޓޫ ފިޝް ބަން..." ރަތުނާ ފާޑަކަށް ހީލާފައި މޭޒާއި ދިމާއަށް ހިނގައިގަތެވެ. "ބޭރަށް ނުކުންނަމާ؟..." އާކިލް އެދުނެވެ. "ނޫނޭ... މިގަޑީ އެންމެ ރަނގަޅުވާނީ މިތާ އެތެރެއެއްނު..." ކޮފީ ތަށި ހިފައިގެން އައި އިވްލީނަށް ބަލައިލަމުން ރަތުނާ ބުނެލިއެވެ. ތަބަކުގައި ހުރި ތަށިތައް މޭޒުމަތީގައި އަތުރަމުންދިޔަ އިވްލީން އެންމެ ފަހަރަކުވެސް އާކިލްއަށް ބަލައިނުލައެވެ. އާކިލްގެ ސިއްރު ނަޒަރުތައް އިވްލީނަށް ހުއްޓެމުންދިޔަކަން އޭނާއަށް އެނގުނުކަމުގައިވިޔަސް މެއެވެ. އިވްލީން ނުބަލާތީ އާކިލްގެ ހިތަށް ތަދުވިއެވެ. އާކިލްއަށް ނޭނގުނަސް، ރަތުނާ ދިޔައީ އެ މަންޒަރު ނުހަނު ގާތުން ބަލަމުންނެވެ. "ކުރުނބާފަނި ބޯހިތްވެއްޖެ... މިލްކްޝޭކްގޮތަށް..." ރަތުނާ ކުއްލިއަކަށް އާކިލްގެ ގައިގައި ލައްވެލިއެވެ. "އާކްއަށް އެނގޭދޯ ރަތޫއަށް މީރުގޮތް؟..." އިވްލީންގެ ނަޒަރު އާކިލްއަށް ހުއްޓުނީ އިހުތިޔާރުން ބޭރުގައެވެ. ރަތުނާ އާއި އާކިލްގެ ގާތްކަން ފެނި، އިވްލީންގެ ހިތަށް ތޫނު ހަންޖަރެއް ހަރާލިފަދަ އިހުސާސެއް ކުރެވުނެވެ. އިވްލީންގެ އަތުގައި މަޑު ތުރުތުރުލުމެއް އުފެދުނެވެ. ފަހު ތަށި މޭޒުމަތީގައި ބަހައްޓާފައި އޭނާ އަވަސް އަވަހަށް އަނެއް ފަރާތަށް އެނބުރުނެވެ. އަމިއްލަ ހިތުގެ އިހުސާސްތައް އާކިލްއަށް ހާމަވުމުގެ ކުރިން އޭނާ ބޭނުންވީ އެންމެންގެ ނަޒަރުން ދުރަށްދާށެވެ. ކައުންޓަރުގެ ކައިރިއަށް ގޮސްފައި އިވްލީން އޭނާ އަޅައިގެން ހުރި އޭޕްރޯން ނެގިއެވެ. ގޮނޑީގައި އަޅުވައިލިއެވެ. މަންޒަރު ބަލަން ހުރި މިރާހް ހަލުވި ފިޔަވަޅުތަކެއްގައި ގޮސް އިވްލީންގެ ކައިރީގައި ހުއްޓުނެވެ. ދެލޮލަށް ޖަމާވި ކަރުނަތައް ހިންދައިލުމުގައި ކާމިޔާބު ހޯދި ނަމަވެސް އިވްލީންގެ ދެލޮލުގައިވި މަޑު ރަތްކަން މިރާހަށް ސިއްރެއް ނުވިއެވެ. މިރާހަށް އިވްލީންގެ ކޮނޑުގައި އަތް ޖައްސައިލެވުނެވެ. "އީވް އޯކޭތަ؟..." މިރާހްގެ ހިތަށް ތަދުވިއެވެ. "ކުޑައިރުކޮޅަކު ކައުންޓަރުގަ މަޑުކޮށްލެވިދާނެތަ؟..." އިވްލީން ބޭނުންވީ ގެއަށް ދާށެވެ. "ޔެސް... އީވް ރެސްޓެއް ނަގާލާ.... އަހަރެން މަޑުކުރާނަން... ރިމްޝާވެސް އެބަ އާދޭ... އީވް އޯކޭ ހަވީރު އަޔަސް..." މިރާހް އެދުނެވެ. "އެއީދޯ އެ ގާލްދެކެ ލައިކްވާ ބޯއީ އަކީ؟... ހީ ރިއަލީ ލައިކްސް ހާ... ހާދަ ކިއުޓްކޮންނޭ އޭނައަށް އެ ބަލަނީ..." އާކިލްގެ މޫނުމަތީގެ އަސަރުތަކަށް ބަލަން އިން ރަތުނާ ބުނެލިއެވެ. "އެ ދެމީހުން ހާދަ ގާތޭ... ލައިކް ލަވަރސް..." ރަތުނާގެ ލުއި ހިނިގަނޑުގެ އަޑު އިވުމުންވެސް އާކިލްގެ އެތެރެހަށި ކެކިގަތެވެ. އެއްކޮޅުން އޭނާ އިނީ މިރާހުދެކެ ހިތްހަމަނުޖެހިފައެވެ. އަނެއްކޮޅުން ރަތުނާގެ ބަސްތަކުން އާކިލްގެ ހިތުގައި އުފެދުނު ނަފުރަތުގެ އަލިފާނަށް ދަރު އެޅި ކަހަލައެވެ. އެއީ ރަތުނާ ބޭނުންވިވެސް ގޮތެވެ. އިވްލީން ހަލުވި ފިޔަވަޅުތަކެއްގައި ގޮސް ރެސްޓޯރެންޓުން ނުކުތެވެ. ރަތުނާ ދުރުކޮށްފައި އާކިލްއަށް ގޮނޑިން ތެދުވެވުނެވެ. އިވްލީންގެ ފަހަތުން ހިނގައިގަންނަން އުޅުނު ވަގުތު ރަތުނާ އާކިލްގެ އަތުގައި ހިފެހެއްޓިއެވެ. "ދަނީތަ؟..." ރަތުނާ އިނީ އާކިލްގެ ފަރާތުން އެފަދަ ކަމަކަށް އުއްމީދުކޮށްގެން ނޫނެވެ. އާކިލް ރަތުނާގެ އަތް ފޮޅުވައިލާފައި އިވްލީންގެ ފަހަތުން ދިޔައެވެ. އޭރު ޕާކިންގް ޒޯންއިން ބައިސްކަލު ނެރެގެން އިވްލީން ބޭރަށް ނުކުތުމަށް ހިނގައިގަންނަނީއެވެ. "އީވް!..." ބޭރަށް ނުކުމެފައި އާކިލް އިވްލީނަށް ގޮވައިލިއެވެ. އިވްލީންގެ ފިޔަވަޅުތައް ހުއްޓުނެވެ. ފަސްއެނބުރި އާކިލްއަށް ބަލައިލިއިރު، އެ ނަޒަރުގައި ހިތާމަ އާއި އެއްވަރަށް ޝަކުވާ އެކުލެވިފައިވިއެވެ. "އަހަރެން ބޭނުން ވާހަކައެއް ދައްކާލަން... ވަގުތުކޮޅެއް ދެވިދާނެތަ؟..." އާކިލްއަށް އިވްލީންގެ މޫނު ފެނުމުން ހިތަށް އުނދަގޫ ގޮތެއް ވިއެވެ. ވާހަކަ ދެއްކުނީ ހުއްޓަމުން ކަހަލަ ގޮތަކަށެވެ. "މިގަޑީ ބިޒީ..." އިވްލީން އަނެއް ފަރާތަށް އެނބުރުނެވެ. "ކުޑަކުޑަ ވަގުތުކޮޅެއް... ޕްލީޒް..." އާކިލް އެދުނެވެ. "ބިޒީއޭ ބުނެފީމެއްނު..." އިވްލީން ބައިސްކަލަށް އަރައި ދުއްވައިލަން އުޅުނެވެ. އާކިލް އެރީ އިވްލީންގެ ކުރިމައްޗަށެވެ. އޭނާ ބައިސްކަލުގައި ހިފައި، ހުއްޓުވިއެވެ. "ކީއްވެތަ މިރާހް އަބަދު އީވްގެ ފަހަތުން އުޅެނީ؟... އޭނައަށް އެހެން ޖޮބެއް ނުލިބުނީތަ؟.." އާކިލް ހުރީ ދެބުމަ ގޮށްޖަހާލައިގެންނެވެ. އިވްލީން އާކިލްގެ ދެލޮލަށް ބަލައިލީ އިވުނު އަޑު ޔަގީން ނުވެގެން ބަލައިލާ ކަހަލަ ގޮތަކަށެވެ. އިވްލީންގެ ދިރިއުޅުމުގެ ކަންކަމާއި ޝަކުވާ ކުރަން އާކިލްއަށް އޮތީ ކޮން ހައްގެއް ހެއްޔެވެ؟ "މިރާހް އަހަންނަށް އެހީވީމަ، އާކިލްއަށް އެކަން މައްސަލައަކަށް ވަނީތަ؟...." އިވްލީން އަހައިލިއެވެ. "އެހެންވެއެއް ނޫން..." އާކިލް ދެކޮޅުހެދިއެވެ. "ދެން ކީއްވެ އެކަމާ ޖެލަސްވެގެން..." އިވްލީން ބޭނުންވީ ހަޅޭއްލަވައިގަންނާށެވެ. އެކަމަކު، ވަކި ހިސާބަކުން އޭނާގެ އަރު ބެދޭގޮތްވިއެވެ. "އީވް!... އީވް ބައްޔޭ... އެކަން ގަބޫލުކޮށްބަލަ..." އާކިލް ދެން ބުނި އެއްޗަކުން އިވްލީން ގަނޑުވިއެވެ. "އީވް އޯކޭއެއް ނޫނޭ... އަހަންނަށް އެނގޭ..." އިވްލީންގެ ދެލޮލަށް ކަރުނަ ޖަމާވިއެވެ. އާކިލްގެ އަޑުގައިވި ހަމްދަރުދީއަށް އިވްލީންގެ ހިތް ފެންބޮވައިގެންފައިވާތާ ދުވަސްކޮޅެއް ވެއްޖެއެވެ. އެކަމަކު، އެއީ އެ ހަޔާތުގައި އިތުރު އަންހެންކުއްޖަކު ހުރިކަން އެނގުނު ހިސާބާއި ހަމައަށެވެ. މިއަދު އާކިލްގެ ފަރާތުން އިވްލީން އުއްމީދު ކުރާނެ ކަމެއް ނެތެވެ. "އަހަރެންގެ ސިއްހަތާމެދު ވިސްނާނީ އަހަރެން... އެހެން މީހަކު ވިސްނާކަށް ނުޖެހޭނެ..." އިވްލީން އޭނާގެ އަޑަށް ހަރުކަށިކަން ގެނުވިއެވެ. "އަހަރެން ދެރަވޭ..." އާކިލްއަށް ބުނެވުނެވެ. "ކީއްވެ؟... އާކިލްގެ ލައިފް ގޮތަށް އަހަރެންގެ ލައިފް ސަކްސަސްފުލް ނުވީމަތަ؟..." އިވްލީން އަހައިލީ މަލާމާތުގެ ރާގަކަށެވެ. "ސަބަބަކީ އަހަރެން... އަހަރެން..." އާކިލްއަށް އޭނާގެ ޖުމުލަ ފުރިހަމައެއް ނުކުރެވުނެވެ. އާކިލްއަށް ބައިސްކަލުން އަތް ދޫކޮށްލެވުނެވެ. އަމިއްލަ ހިތުގެ ހާލު ބޭޒާރު ނުވަނީސް އާކިލްއަށް އޭނާގެ އަމިއްލަ ނަފުސު ހުއްޓުވުނީ ކިރިޔާއެވެ. ހިތުގައި އޮތް ޖުމުލަ ބޭރުކުރުމުގެ ހައްގެއް މިއަދު އާކިލްއަކަށް ނެތެވެ. އާކިލް ކަންތައްކުރި ގޮތުން އިވްލީނަށް ލިބުނީ އިތުރު ހިތްވަރެކެވެ. އާކިލްގެ ކުރިމަތީގައި ފިނޑިއަކަށްވާކަށް އޭނާ ބޭނުމެއް ނުވިއެވެ. ގެއަށް ދިޔުމުގެ ބަދަލުގައި އިވްލީން ނިންމީ އެތެރެއަށް ވަންނާށެވެ. "ދޭ އެތެރެއަށް... އާކިލްގެ ގާލްފްރެންޑަށް ލަސްވާނެ..." ބައިސްކަލުން ފައިބަމުން އިވްލީން ބުނެލިއެވެ. އިވްލީންގެ ޖުމުލައިން އާކިލްގެ ހިތް ތޮރުފައިލީ ހުދު އިވްލީނަށްވެސް އޭގެ ވޭން ނޭނގޭނޭ މިންވަރަށެވެ. އިވްލީނާއި ދުރުގައި އާކިލް ހުރީ އުފަލަކުން ނޫނެވެ. އެކަން އަމިއްލަ ހިތުގައި ވަންހަނާކޮށްގެން ހުރެހުރެ އާކިލް ވަރުބަލި ވެއްޖެއެވެ. އެގޮތުގައި އާކިލްއަށް ހުރެވޭނީ ކިހާ ދުވަހަކު ހެއްޔެވެ؟ އިވްލީން ހަލުވި ފިޔަވަޅުތަކެއްގައި ގޮސް ކެފޭއަށް ވަނެވެ. އެ މަންޒަރު ބަލަން ހުރި އާކިލްއަށް އުނދަގޫ ގޮތަކަށް ހިންދިރުވައިލެވުނެވެ. ބިއްލޫރިގަނޑުން ބޭރު ބަލަން ހުރި ރަތުނާ، އަވަސް އަވަހަށް ގޮނޑީގައި އިށީނެވެ. އެތެރެއަށް ވަން އިވްލީނަށް އޭނާ ބަލައިލީ، ދެލޯ ހަނިކޮށްލަމުންނެވެ. "އެންމެ ބޭނުންވާ އެތި ގެއްލުނީމަ، ހިތުގެ އިހުސާސްތައް ކޮންޓްރޯލް ކުރުމަކީ ކޮންމެ ކޮންމެ މީހަކަށް ކުރެވޭނެ ކަމެއް ނޫން..." ރަތުނާ ހިތާއިހިތުން ބުނެލިއެވެ. "ޕުއަރ ތިންގް... އެއްޗެއް ގެއްލޭއިރު ހިތުގަ ހާދަ ވޭނެއް އަޅާނެއޭ..." ރަތުނާ ބުނެލިއެވެ. އިވްލީން ހުއްޓުނެވެ. އޭނާގެ ފަހަތުން ވަން އާކިލްއަށްވެސް ރަތުނާގެ ފަހު ޖުމުލަ އަޑު އިވުނެވެ. "ރަތުނާ!... އިނަފް..." އާކިލްގެ ހަރުކަށި އަޑު މުޅި ކެފޭ ތެރޭގައި ގުގުމައިލިއެވެ. ރަތުނާ ދެލޯ ބޮޑުކޮށްލަމުން އާކިލްއަށް ބަލައިލިއެވެ. ރުޅި އައިސްގެން ގޮސް އާކިލްގެ ކަރުގެ ނާރުތައްވެސް ހުރީ ފުފިފައެވެ. ރަތުނާއަށް ގޮނޑިން ތެދުވެވުނެވެ. އެއީ އާކިލް އެހާ ހަރުކަށިކޮށް ރަތުނާ އާއި ވާހަކަ ދެއްކި ފުރަތަމަ ފަހަރެވެ. "އާކް..." ރަތުނާ އެއްޗެއް ބުނަން އުޅުނެވެ. "ހިނގާ ދާން..." އާކިލް ރަތުނާގެ އަތުގައި ހިފިއެވެ. ގަދަކަމުން ކަހަލަ ގޮތަކަށް ކެފޭއިން ބޭރަށް ނުކުތެވެ. "ކީއްވެތަ ތިހާ ރުޅިއައިސްގެން ތިއުޅެނީ؟..." ބޭރަށް ނުކުމެފައި ރަތުނާ އާކިލް އާއި ކުރިމަތިލިއެވެ. "ރަތުނާ ހަނދާންނައްތާ ނުލައްޗޭ އަހަރެމެން ކުރަން މިއުޅެނީ އެރޭންޖް މެރިއޭޖްއެއްކަން..." އާކިލްގެ އަޑުގައިވީ ހަރުކަށިކަމެވެ. "އަހަރެން ރަތުނާދެކެ ކުޑަކޮށްވެސް ލޯތްބެއް ނުވޭ..." އާކިލް އެހާ ފާޅުކަންބޮޑު ގޮތެއްގައި ބުނެލި ޖުމުލައިން ރަތުނާގެ ހިތް ފަޅައިގެން ދިޔައެވެ. އެއްވެސް ހިފެހެއްޓުމެއްނެތި ހޯސްލާފައި ކަރުނަތައް ކޯތާފަތް މައްޗަށް ފައިބައިގަތެވެ. އެއީ އާކިލްގެ ފަރާތުން ރަތުނާ ކުޑަކޮށްވެސް އުއްމީދުކުރި ޖުމުލައެއް ނޫނެވެ. (ނުނިމޭ)
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ