ފުނަދޫ އެއާޕޯޓު އިތުރަށް ތަރައްގީކޮށް ހިދުމަތް ފުޅާކުރުމުގެ މަޝްރޫއު ރަސްމީކޮށް އިފުތިތާހުކޮށް އެ ރަށުގައި ގިނަ މަޝްރޫއުތަކެއް ހިންގަން ނިންމައިފި އެވެ.
ރައީސުލްޖުމްހޫރިއްޔާ މިރޭ ވަނީ ފުނަދޫ ރައްޔިތުންނާއި ބައްދަލުކުރައްވާފަ އެވެ. ރައީސްގެ މި ދަތުރުފުޅުގައި ހިމެނިގެން، ފުނަދޫގައިވަނީ، އެމަނިކުފާނުގެ ރިޔާސީ ވައުދުތަކާ ގުޅުންހުރި ބޮޑެތި ބައެއް މަޝްރޫއުތައް އިފުތިތާހު ކުރައްވައި، އެއްބަސްވުންތަކުގައި ސޮއިކުރައްވާފަ އެވެ.
މީގެ އިތުރުން ފުނަދޫގެ މަގުތައް ތަރައްގީ ކުރުމުގެ ދެވަނަ ފިޔަވަހީގެ މަސައްކަތް ހަވާލުކުރުމުގެ އެއްބަސްވުމާއި، ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީގެ ކެމްޕަހެއް ފުނަދޫގައި ގާއިމުކުރުމުގެ އެއްބަސްވުމާއި، ފުނަދޫ ސްޕޯޓްސް ކޮމްޕްލެކްސް ގާއިމުކުރުމުގެ އެއްބަސްވުމާއި، ފުނަދޫ ބަނދަރު އަޕްގްރޭޑްކުރުމުގެ މަޝްރޫޢުގެ އެއްބަސްވުމާއި، ފުނަދޫ ހޮސްޕިޓަލުގެ އާ އިމާރާތުގެ އެއްބަސްވުމާއި، ފުނަދޫ ކުނި މެނޭޖުކުރުމުގެ މަސައްކަތް ވެމްކޯއާ ހަވާލުކުރުމުގެ އެއްބަސްވުމާއި، އަދި ފުނަދޫގައި އިސްލާމީ މަރުކަޒެއް ޤާއިމުކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި އެވެ.
މިރޭގެ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، މި މަޝްރޫއުތަކާއި، ރަށުގައި މިހާރު ކުރިއަށްދާ މަޝްރޫއުތަކާ ގުޅުންހުރި އިތުރު ތަފްސީލުތައް ރައްޔިތުންނާ ހިއްސާ ކުރައްވާފައިވެ އެވެ. އެގޮތުން، އެއާޕޯޓުގެ މަސައްކަތް ކުރިއަށްގެންދަވާނީ ދެ ފިޔަވައްސަކަށް ބަހާލައިގެން ކަމަށާއި، ފުރަތަމަ ފިޔަވަހީގައި ހިމެނޭ ލައިޓް ހަރުކުރުމުގެ މަސައްކަތް މިއަހަރު ފުރިހަމަ ކުރެވޭނޭ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
މާދަމާ އަމަލީ މަސައްކަތް ފަށާ ބިންހިއްކުމުގެ މަޝްރޫއު ނިމުނުހާ އަވަހަކަށް ފުނަދޫގައި 300 ހައުސިން ޔުނިޓުގެ ބޯހިޔާވަހިކަމުގެ މަޝްރޫއެއް ފައްޓަވާނޭ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. އަދި މި އަހަރުގެ ތެރޭގައި އެ ރަށުގައި ސްޕީޗް ތެރަޕީގެ ހިދުމަތް ތައާރަފުކުރައްވައި، މި އަހަރު ނިމުމުގެ ކުރިން ސްކޫލަށް އޮފީސް އިމާރާތެއް އިތުރުކުރުމުގެ މަސައްކަތް ފައްޓަވާނޭ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
މީގެ އިތުރުންވެސް ރަށުގައި ޖޫނިއާ ކޮލެޖެއް ގާއިމުކުރުމާއި، ރަށުގެ ގޮނޑުދޮށް ހިމާޔަތްކުރުމާއި، ފެނާއި ކަރަންޓު ނުލިބޭ ސަރަހައްދުތަކަށް އެ ހިދުމަތްތައް ފޯރުކޮށްދިނުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައްވެސް ކުރިއަށްދާކަމުގެ ޔަގީންކަން އެމަނިކުފާނު ދެއްވި އެވެ.
ފުނަދޫއަކީ އަބާދީ އާއި ތަރައްގީ އެއްފަސްކުރުމުގެ ލާމަސީލު ރަށެއްކަން ފާހަގަކުރައްވައި، ރަށުގެ ތަރައްގީގެ މަސައްކަތްތައް ރާއްވަވަމުން ގެންދަވަނީ ވެސް އެފަދަ ވިސްނުންފުޅެއްގައި ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
ފުނަދޫ އެއާޕޯޓް ތަރައްގީކޮށް އިތުރު 12 މަޝްރޫއުއެއް ހިންގަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ