ހައިބަތުބޮޑު މައިދާނެއް އަޅައި، ބައިބަލާގެ މޫނު މަތި ބަދަލުކުރަން ކުރަމުންދާ މަސައްކަތަކީ، މި ކުޅިވަރާ މެދު މީހުން ދެކޭ ގޮތް ނުވަތަ ކުޅިވަރާ މެދު އުފެދިފައިވާ ނުރަނގަޅު ތަސައްވުރު ބަދަލުކުރުމުގެ މަގްސަދުގައި ކުރާ ކަމެއްކަމަށް، ބައިބަލާ އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ސެކެޓްރީ ޖެނެރަލް ސައީދު އަލީ ވިދާޅުވެއްޖެއެވެ.
ޢީދު ބައިބަލާ ޗެލެންޖް 1446ގެ ނަމުގައި 2025 ވަނަ އަހަރު ބޭއްވި މުބާރާތުގައި މި ކުޅިވަރު ކުޅޭ މައިދާނަށް ވަނީ ބޮޑެތި ބަދަލުތަކެއް ގެނެސްފައެވެ.
ކުރިން ހަމައެކަނި ރިންގު ނުވަތަ ބުރު ތެރެ ރީތިކޮށްލައި، އަންނަ ޙާއްސަ މެހުމާނުން ތިބޭ ތަންކޮޅު ރީތިކޮށްލުން ފިޔަވާ މާ ބޮޑު ކަމެއް ބައިބަލާ ޗެލެންޖުގެ މައިދާނުން ނުފެނެއެވެ.
އެހެންނަމަވެސް މިދިޔަ އަހަރުގެ މުބާރާތުގައި މި މައިދާން ފެނިގެންދިޔައީ، ބޮޑު ހަރަކާތެއް ކުރިއަށް ގެންދާ "އެރީނާ" އެއްގެ ގޮތުގައެވެ. ރާއްޖޭގައި އެއްވެސް ކުޅިވަރަކަށް ޙާއްސަ މައިދާނެއް ނުހަދާހާ ފުރިހަމައަށް، ޒަމާނީ ވަސީލަތްތަކުގެ އެހީގައި މިދިޔަ އަހަރުގެ ބައިބަލާ މައިދާން ހަދާފައިވެއެވެ.
މި ގެނައި ބަދަލާ ގުޅޭގޮތުން "ޕީއެސްއެމް ނިއުސް" އިން ކުރި ސުވާލަށް ޖަވާބުދެއްވަމުން ބައިބަލާ އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ސެކެޓްރީ ޖެނެރަލް ސައީދު އަލީ ވިދާޅުވީ، ފެށުނީއްސުރެ ބައިބަލާއާ މެދުގައި އާންމުންގެ މެދުގައި އުފެދިފައި އޮތީ ނުރަނގަޅު ތަސައްވުރެއް ކަމަށާއި، މި ބަަދަލުތަކަކީ، އެކަން ބަދަލުކޮށް، މިއީ ކޮންމެ އުމުރުފުރައެއްގެ ކޮންމެ މީހަކަށް ވެސް، އުފަލާއި ހިތްހަމަޖެހުމާއެކު ބަލާލެވޭނެ ފަދަ ކުޅިވަރަކަށް ހެދުމަށް ގެނައި ބަދަލުތަކެއް ކަމަށެވެ.
"ފެށުނީއްސުރެ ބައިބަލާއަށް އޮންނަ އިމޭޖަކީ ވަރަށް ހަޑި އިމޭޖެއް. މިހާރު އަޅުގަނޑުމެން ޕްރޫވް ކޮށްދޭން ބޭނުންވަނީ ހުރިހާ ބޭފުޅުންނަށް ވެސް ބައިބަލާ އަކީ ކޮންމެ އުމުރެއްގެ ކޮންމެ ބޭފުޅަކަށް ވެސް، އެ ބޭފުޅެއްގެ އަމިއްލަ މިނިވަންކަމުގައި އައިސް ބޭނުންގޮތަކަށް އެންޖޯއި ކޮށްލެވޭނެ ކުޅިވަރެއްކަން ދައްކާލަން. މިހާރު އަޅުގަނޑުމެން މި މައިދާން މިހެން ތައްޔާރުކުރާތީ މިއަށް ލުކްފޯވާޑް ކުރާ ވަރަށް ބައިވަރު މީހުން މިހާރު ރާއްޖޭގައި އުޅޭނެ. ކުދިބޮޑު، މާލެއާއި ރަށްރަށުގައި އުޅޭ މީހުން ވެސް ވަރށް ލުކްފޯވާޑް ކުރޭ މި މުބާރާތަށް މިހާރު". ބައިބަލާ މައިދާނަށް ގެނައި ބަދަލުތަކާއެކު، އާންމުންގެ މެދުގައި ކުޅިވަރަށް އޮތް ލޯބި އިތުރުވެ، ބަލާހިތްވާ ކުޅިވަރަކަށް ބައިބަލާ ވެފައިވާކަން ހާމަކުރައްވާ ސައީދު ވިދާޅުވިއެވެ.
ފާޙަގަކޮށްލަން ޖެހޭ ގޮތުގައި ބައިބަލާ މައިދާނަށް މި އައި ބަދަލުގައި އެންމެ ބޮޑު މޭސްތިރިއަކީ މުބާރާތުގެ އިވެންޓް މެނޭޖްމަންޓް ޕާޓްނަރ ސްޓޭޖް ކޯ އެވެ. މިދިޔަ އަހަރު ވެސް އަދި މި އަހަރުވެސް މައިދާން ތައްޔާރުކުރުމުގެ މަސައްކަތްކުރަނީ ސްޓޭޖް ކޯ އިންނެވެ.
ބައިބަލާ އެސޯސިއޭޝަނާއި ސްޓޭޖް ކޯ ގެ ޓީމުން ގުޅިގެން ކުރި މަސައްކަތުން ގެނައި އައު ބައިބަލާ މައިދާނުން ދައްކައިދޭން ބޭނުންވަނީ، މިއީ ހަމައެކަނި ކުޅިވަރު މުބާރާތެއް ނޫން ކަމާއި މިއީ ބޮޑު ފެސްޓިވަލެއްކަން ކަމަށް ސައީދު ވިދާޅުވިއެވެ.
"އަޅުގަނޑުމެންގެ ޓާގެޓަކަށް އަސްލު މިވަނީ، މިއީ ހަމައެކަނި ކުޅިވަރު މުބާރާތެއް ނޫނޭ. ފެސްޓިވަލެކޭ މިއީ. އަސްލު ބޭނުންވަނީ ބޭރުގައި ވެސް މި ފެންނަނީ މިސާލަކަށް ރެސްލިން އެއްޗެހި ބަލާއިރުގައި ވެސް ވަރަށް ގްރޭންޑް އެރީނާއެއްގައި ދެއްތޯ އޮންނަނީ. އެއީ އަޅުގަނޑުމެންގެ އަސްލު ޓާގެޓަކީ. މި ކުޅިވަރަކީ ހަމައެކަނި މިތަނަށް އައިސްފަ ދާއެއްޗެއް ނޫނޭ، މތަނަށް އައިސް އެންޖޯއި ކޮށްލާ، މިތާ އޮންނާނެ މިއުޒިކާއި ބައިބަރު އެކަހަލަ ކަންކަން ވެސް. ފެސްޓިވަލް ސްޓައިލަށް އަސްލު އަޅުގަނޑުމެން މިކަން މި ކުރަނީ މިހާރު". ބައިބަލާއާ މެދު މީހުން ދެކެން ބޭނުންވާގޮތް ހިއްސާކުރައްވައި ސައީދު ވިދާޅުވިއެވެ.
ޒުވާނުންގެ މެދުގައި ބޮޑު މަގުބޫލުކަމެއް ހޯދާފައިވާ ޢީދު ބައިބަލާ ޗެލެންޗުގެ މި އަހަރުގެ އެޑިޝަން ނުވަތަ ޢީދު ބައިބަލާ ޗެލެންޖް 1447 ފެށުމަށް ހަމަޖެހިފައި ވަނީ މި މަހުގެ 21 ވަނަ ދުވަހުގެރެއެވެ. މުބާރާތް ކުރިއަށް ދާނީ 10 ދުވަހުގެ މުއްދަތަކަށެވެ.
މުބާރާތުގައި ބައިވެރިވުމަށް ފޯމު ހުށަހެޅުމުގެ ސުންގަޑި ހަމަވެފައިވާއިރު، 38 ކުލަބަކުން މުބާރާތުގައި ބައިވެރިވެފައިވެއެވެ.
މި ފަހަރުގެ މުބާރާތުގެ ކުއާޓަރ ފައިނަލާ ހަމައަށް ކުރިއަށް ދާނީ ޑަބަލް އެލިމިނޭޝަން ފޯމެޓަށެވެ. ކުއާޓަރ ފައިނަލުން ފެށިގެން ދާނީ ނޮކްއައުޓް އުސޫލުންނެވެ.
ބޭނުންވަނީ ބައިބަލާއާ މެދު އުފެދިފައިވާ ނުރަނގަޅު ތަސައްވުރު ބަދަލުކުރަން: ސައީދު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ