މިހާރު ކުރިއަށްދާ އެފްއޭއެމް ވެޓަރަންސް ކަޕްގައި މިއަދު ކުޅުނު ސެމީ ފައިނަލް ފުރަތަމަ މެޗުން، ޕޮލިސް ކްލަބް 2-1 އިން ބަލިކޮށް ވިލިމާލެ ޔުނައިޓެޑުން ފައިނަލުގެ ފުރަތަމަ ޖާގަ ހޯދައިފި އެވެ.
ސެމީ ފައިނަލަށް ދަތުރުކުރި ހަތަރު ޓީމުގެ ތެރެއިން ގްރޫޕް ސްޓޭޖުގެ ހަތަރު މެޗުން ވެސް މޮޅުވެގެން، ނޮކައުޓް ބުރަށް އައި ހަމައެކަނި ޓީމަކީ ވިލިމާލެ އެވެ. އެ ޓީމަށް ސެމީ ފައިނަލުގައި ޕޮލިހާ ދެކޮޅަށް އުނދަގޫ މެޗެއް ކުޅެން ޖެހުނު ނަމަވެސް، ފުރިހަމަ ރެކޯޑަކާ އެކު ފައިނަލަށް ވަނީ ދަތުރުކޮށްފަ އެވެ.
ޓާފް އެއް ނަމްބަރު ދަނޑުގައި މިއަދު ހަވީރު ކުޅުނު މެޗުގައި ހަތް ވަނަ މިނިޓްގައި މުހައްމަދު ޖުނައިދު ވަނީ ވިލިމާލެ އަށް ލީޑުނަގައިދީފަ އެވެ. މިއީ، އޭރިއާ ރޮގުމަތިން ކަހަލަ ގޮތަކަށް ލިބުނު ބޯޅައެއް މެއިން ކޮންޓްރޯލް ކުރުމަށްފަހު ގޯލުގެ ކައިރީ ކަަނަށް ފޮނުވާލައިގެން ޖުނައިދު ކާމިޔާބުކުރި ލަނޑެކެވެ.
މިއަދުގެ މެޗުގެ ތެރެއިން ވިލިމާލެ ޓީމުގެ ސޮލާހު ބޯޅަ ފޮނުވާލަނީ.---- ފޮޓޯ: އަދަދު ސްޕޯޓްސް / އިމޭޖަސް.އެމްވީ
މެޗުގެ ބޮޑުބައި، އެއް ލަނޑުން ކުރީގައި އޮވެގެން ކުޅުނު ވިލިމާލޭން ވަނީ ދެ ވަނަ ހާފުގެ ފަހުކޮޅުގައި އިތުރު ލަނޑެއް ޖަހައިފަ އެވެ. މެޗުގެ 54 ވަނަ މިނިޓްގައި މި ލަނޑު ޖެހީ ހަސަން ސޮލާހު (ހައްޓޭ) އެވެ. މިއީ، އޭރިއާތެރެއަށް ހުރަސްވި ބޯޅައެއް ޕޮލިހުގެ ކީޕަރު، މުހައްމަދު ނައީމް އަތުގައި ޖެހިފައި ނުކުތް ވަގުތު ރީބައުންސަކުން ސޮލާހު ޖެހި ލަނޑެކެވެ.
ވިލިމާލޭން ދެ ވަނަ ލަނޑު ޖެހިތާ މިނިޓެއް ފަހުން، ޕޮލިހުން މެޗުގައި ޖެހި ހަމައެކަނި ލަނޑު ކާމިޔާބުކުރި އެވެ. މެޗުގެ 56 ވަނަ މިނިޓްގައި މި ލަނޑު ޖެހީ، އާޔަތުﷲ އިބްރާހިމް އެވެ. މިއީ، ޕޮލިހުގެ ކެޕްޓަން، އަލީ ރިސްވާން އަހުމަދު (ރިސޭ) ނެގި ހުރަަހަކުން އާޔަތުﷲ ބޮލުން ޖެހި ގޯލެކެވެ.
މުބާރާތުގައި މާދަމާ ހަވީރު ކުޅޭ ދެ ވަނަ ސެމީ ފައިނަލުގައި، ހުޅުމާލެ ވެޓަރަންސް އިން ބައްދަލުކުރާނީ ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބްއާ އެވެ.
ޕޮލިސް ބަލިކޮށް އެފްއޭއެމް ވެޓަރަންސް ކަޕް ފައިނަލްގެ ފުރަތަމަ ޖާގަ ވިލިމާލެ ޔުނައިޓެޑަށް ޕޮލިސް ބަލިކޮށް އެފްއޭއެމް ވެޓަރަންސް ކަޕް ފައިނަލްގެ ފުރަތަމަ ޖާގަ ވިލިމާލެ ޔުނައިޓެޑަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ