2026 ވަނަ އަހަރު އެމެރިކާ، މެކްސިކޯ އަދި ކެނެޑާގައި ބޭއްވުމަށް ހަމަޖެހިފައިވާ ފީފާ ވޯލްޑް ކަޕަށް ކޮލިފައިވެފައިވާ ޤައުމުތަކުގެ ތެރެއިން 15 ޤައުމެއްގެ ރައްޔިތުން އެމެރިކާއަށް އެތެރެވުން މަނާކުރަން ރައީސް ޑޮނަލްޑް ޓްރަމްޕް ނިންމައިފިއެވެ.
އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންތުން ބުދަ ދުވަހު ނެރުނު ރަސްމީ މެމޯގައި ވަނީ 75 ގައުމެއްގެ މީހުން އެމެރިކާ އަށް އެތެރެވުން މަނާކޮށްފަ އެވެ. ވައިޓް ހައުސްއިން ހާމަކުރި ގޮތުގައި، ޖެނުއަރީ 1 އިން ފެށިގެން އަމަލުކުރަން ފެށި މި ފިޔަވަޅަކީ "އެމެރިކާގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް" އެޅި ފިޔަވަޅެކެވެ. އަދި އެ ލިސްޓަށް މިފަހުން އިތުރު ކުރެވުނު ގައުމުތަކުން އެމެރިކާއަށް ވަނުން މަނާ ކުރުމުގެ އަމުރި ތަންފީޒުވާން ފަށާނީ މިމަހި 21 ގައި ކަމަށް ބުނެފައިވެއެވެ.
މި ދަތުރުފަތުރުގެ ހުރަސްތަކުގެ ތެރެއިން ބައެއް އިސްތިސްނާ ހާލަތްތައް ވަނީ ކަނޑައަޅާފައެވެ. އެގޮތުން، އެމެރިކާގެ ދާއިމީ ރެސިޑެންޓުންނާއި، މިހާރުވެސް ވިސާ އޮތް ފަރާތްތަކާއި، ޑިޕްލޮމޭޓުންނަށް މި ބޭންގެ އަސަރެއް ނުކުރާނެއެވެ. އަދި އެންމެ މުހިންމު ކަމަކަށް، ބޮޑެތި ކުޅިވަރު މުބާރާތްތަކަށް ދަތުރުކުރާ އެތުލީޓުން މި ނިންމުމުން އިސްތިސްނާވާނެތީ، އެ ޤައުމުތަކުގެ ޤައުމީ ޓީމުތަކަށް މުބާރާތުގައި ކުޅުމުގެ ފުރުޞަތު ލިބޭނެއެވެ.
މި ނިންމުމުގެ ސަބަބުން އެންމެ ބޮޑު އަސަރެއް ކުރާނެ އެއް ޤައުމަކީ ފުޓްބޯޅައިގެ ގަދަބާރު ބްރެޒިލްއެވެ. މީގެ އިތުރުން ސްކޮޓްލޭންޑް ހިމެނޭ ގްރޫޕް ސީ ގައި ހިމެނޭ ބްރެޒިލް، މޮރޮކޯ އަދި ހެއިޓީއަކީވެސް މި ލިސްޓުގައި ހިމެނޭ ޤައުމުތަކެވެ. މީގެ ސަބަބުން ފޮކްސްބަރޯ އަދި މިއާމީގައި ބޭއްވުމަށް ހަމަޖެހިފައިވާ މެޗުތަކުގައި ސްޓޭޑިއަމްތަކުން ސަޕޯޓަރުން މަދުވުމުގެ ކަންބޮޑުވުން ވަނީ އުފެދިފައެވެ.
ޓްރަމްޕްގެ މި ނިންމުމުގެ އަސަރުކުރާނެ އިތުރު ޤައުމުތަކުގެ ތެރޭގައި އަލްޖީރިއާ، ކޭޕް ވާޑޭ، ކޮލަމްބިއާ، ކޯޓް ޑިވުއާ (އައިވަރީ ކޯސްޓް)، މިޞްރު، ގާނާ، އީރާން، އުރުގުއޭ، ޖޯޑަން، ސެނެގާލް، ޓިއުނީޝިއާ އަދި އުޒްބެކިސްތާން ހިމެނެއެވެ. މީގެ ތެރެއިން ހެއިޓީ އަދި އީރާނުގެ ރައްޔިތުންނަށް އެމެރިކާއަށް އެތެރެވުން ވަނީ މުޅިން މަނާކޮށްފައެވެ.
އެހެންކަމުން ހެއިޓީ އަދި އީރާނު ފިޔަވައި ދެންހުރި ގައުމުތަކުގެ މީހުންނަށް އެމެރިކާ އަށް ވަދެވޭނީ އެމީހުންގެ ރެކޯޑްތައް ބަލައި ވަރަށް ރަނގަޅަށް ޗެކް ކުރުމަށްފަހު އެވެ.
އަދި މި ގައުމުތަކުން މީހަކު ވިސާ އަށް އެދި ހުށަހަޅައިފިނަމަ އެމެރިކާ އަށް އެތެރެވާން ހުއްދަ ދޭއިރު މުހިންމު ތިން ކަމަކަށް ވެސް ބަލަން ވަނީ ނިންމާފަ އެވެ. އޭގެ ތެރޭގައި އެ މީހެއްގެ އުމުރާއި ސިއްހަތާއި އިނގިރޭސި ބަސް އެނގުން ހިމެނެ އެވެ.
ވޯލްޑް ކަޕްގައި ކުޅޭ 15 ޤައުމަކަށް ވިސާ ނުދޭން ޓްރަމްޕް ނިންމައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ