ޑޮލަރު 25 އަށް އަރާނެ، ރައްޔިތުން އެކަން ތަހަންމަލެއް ނުކުރާނެ: ޔާމީން
ދިވެހި އިގުތިސާދު އޮތީ ވެންޓިލޭޓަރުގައި ކަމަށާއި ކިރިޔާ ވެސް މަސައްކަތެއް ހިނގާނަމަ ޑޮލަރުގެ އަގު 25 ރުފިޔާއާ ހަމައަށް އުފުލޭނެ ކަމަށް ވިދާޅުވެ، އެއީ ރައްޔިތުން ތަހަންމަލުކުރާނެ ކަމެއް ނޫން ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ރޭ ވިދާޅުވެއްޖެއެވެ. ޑޮލަރު ލިބުން ދަތިވެ، ކަޅު ބާޒާރުގައި ޑޮލަރުގެ އަގު ހުރީ 20.20 ރުފިޔާއަށެވެ. އެއީ، މި ފަހުގެ ތާރީޚެއްގައި ޑޮލަރުގެ އަގު އެރި އެންމެ މައްޗެވެ. އަމިއްލަފުޅު ޕާޓީ، ޕީއެންއެފުން ކޮންމެ ހަފުތާއަކު ބާއްވާ ސިލްސިލާ ޖަލްސާތަކުގެ ތެރެއިން ރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ޔާމީން ވިދާޅުވީ، މިހާރު ޑޮލަރުގެ އަގު 20 ރުފިޔާގައި ވެސް އެ ހުރީ އެއަށް އޮތް ޑިމާންޑް ދަށްވުމުގެ ސަބަބުން ކަމަށެވެ. ކިރިޔާ ވެސް ތަރައްގީގެ މަޝްރޫއުތަކާއި އިގުތިސާދީ މަސައްކަތްތައް ހިނގަން ފަށައިފި ނަމަ، ޑޮލަރުގެ އަގު މާ މައްޗަށް އަރާނެ ކަމަށް އެ މަނިކުފާނު އަންދާޒާކުރައްވައެވެ. "އިގުތިސާދު ވެންޓިލޭޓަރުން ނެގި، މިތާ ހަރަކާތްތަކެއް ހިނގާ ކަމަށްވަންޏާ ޑޮލަރު ނުލިބޭނެ 20.25 އަކަށް. އެއަށްވުރެ މާ އަގުބޮޑުވާނެ،" ޓްރޭޑް މިނިސްޓަރުކަން ވެސް ކުރިން ކުރެއްވި ޔާމީން ވިދާޅުވިއެވެ. "މިއަދު ހަރަކާތްތަކެއް ނުހިނގާ. ހުރިހާ ބިޒްނަސްތަކެއް ޝަޓް. ރިއަލްއެސްޓޭޓެއް ނުހިނގާ. އެހެން ބޮޑު ކަމެއް ނުހިނގާ. އެހެންވެ ބޭރުން މުދާ އިމްޕޯޓު ކުރާކަށް ވެސް އެހެން ކަމެއް ކުރާކަށް ވެސް މަދު ކަމެއްގައި ޑޮލަރު މި ބޭނުންވަނީ،" ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް: އެ މަނިކުފާނު ގެންދަވަނީ ސިލްސިލާ ޖަލްސާތައް ބާއްވަވަމުން -- ސަން ފޮޓޯ/ މޫސާ ނަދީމް އެ މަނިކުފާނު ވިދާޅުވީ، މިހާރު ޑޮލަރު ގަންނަނީ ރާއްޖޭން ބޭރަށްދާ މީހުންނާއި އާސަންދައިން ފައިސާ ނުލިބިގެން ބޭސް ފަރުވާއަށްދާ މީހުން ކަމަށެވެ. ޚާއްސަކޮށް ވިޔަފާރިތައް ވަރަށް ބޮޑަށް ދަށްވުމުގެ ސަބަބުން ޑޮލަރަށް އެހާ ބޮޑު ޑިމާންޑެއް މި ވަގުތު ނެތް ކަމަށް އެ މަނިކުފާނު ގަބޫލުކުރައްވައެވެ. "އެހެންވެގެން ޑޮލަރު 20 ގައި އެ އުޅެނީ. މިއީ އަސްލުގައި ޑޭމްޕެންޑް، ޑިޕްރެސްޑް ޑިމާންޑެއް. މި ދެންނެވި ކަހަލަ މަސައްކަތްތަކެއް މިތާ ކުރާ ކަމަށްވަންޏާ ޑޮލަރު މިހާރު އަތްފޯރާ ހިސާބަކު ނޫން ހުންނާނީ. 22، 23، 25 އާ ހަމައަށް އަރާނެ،" އިގުތިސާދީ ބަހުރުވައިން ޔާމީން ވިދާޅުވިއެވެ. މީގެ އިތުރުން، އެ މަނިކުފާނު ވަނީ މިއީ ސަރުކާރުން ހަދާ ގޯހެއް ކަމަށް ދޭހަވާ ފަދަ މޭރުކަމުން ވާހަކަދައްކަވާފައެވެ. އެ ގޮތުން، އިގުތިސާދީ ކަންކަމުގައި ރައްޔިތުންނަށް ދޮގު ހަދާ، އޮޅުވާލުމުގެ ނަތީޖާ ހިތިވާނެ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ. އެއީ، އެހެން ހެދުމުން ރައްޔިތުން ބޭނުންވާނީ އެ ދައުލަތެއް ހަލާކުވާން ނޫނީ ވެރިކަން ބަދަލުވާން ކަމަށެވެ. އީރާނުން ވެސް މިހާރު ފެންނަނީ އެ މަންޒަރު ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ. އިގުތިސާދީ ހާލަތު ވަރަށް ބޮޑަށް ގޯސްވެފައި އޮތް އީރާނުގައި ވެސް އަންނަނީ އެ ގައުމުގެ ސަރުކާރާ ދެކޮޅަށް ބޮޑެތި މުޒާހަރާތަކެއް ބާއްވަމުންނެވެ. މުޒާހަރާތަކާ ގުޅިގެން އިންޓަނެޓް ވެސް އެ ގައުމުން ކަނޑާލާފައިވާއިރު، މުޒާހާގައި ބައިވެރިވި 45 މީހުންނަށް ވުރެ ގިނަ މީހުން މަރުވެފައިވާ ކަމަށް ބޭރުގެ މީޑިއާތަކުން ރިޕޯޓްކޮށްފައިވެއެވެ. https://sun.mv/215421 "އިގުތިސާދީ ކަންކަމުގައި ރައްޔިތުންނަށް އޮޅުވާލާ ދޮގު ހަދާ ކަމަށްވަންޏާ އެއީ ދައުލަތް ބަނގުރޫޓުވުން ނޫނީ ދައުލަތެއް ހަލާކުވުން ނޫނީ ދައުލަތުގެ ވެރިކަން ބަދަލުވުމަކީ ރައްޔިތުން އެންމެ އެދޭނެ ގޮތް. އެކަން ބަދަލުކުރާނެ. އެ ނޫން އެހެން ތަކުލީފުތަކުގައި ވެސް ރައްޔިތުންނަށް އުނދަގޫވާ ގޮތަށް ކަންތައްތަކެއް ދެމެހެއްޓެނިވި ގޮތެއްގައި ކުރާ ކަމަށްވަންޏާ ރައްޔިތުންނަކަށް އެ ބެއާއެއް [ތަހަންމަލެއް] ނުކުރެވޭނެ،" ޔާމީން ވިދާޅުވިއެވެ. "އީރާންގައި ވެސް އެ ރެޖީމް ޗޭންޖްވަނީ ދެއްތޯ؟" އެއަށް ފަހުގައި، އީރާންގެ ވާހަކައަށް ވަޑައިނުގެން ޔާމީން ވަނީ މަޖާޒީ ގޮތެއްގައި ވެނެޒުއޭލާގައި ހިނގި ކަންކަމަށް އިޝާރާތްކުރައްވާފައެވެ. އެމެރިކާއިން ވަނީ ވެނެޒުއޭލާގެ ރައީސް ނިކްލަސް މަޑޫރޯ 'ރަހީނު'ކޮށްގެން އެމެރިކާއަށް ގެންގޮސް، ޑުރަގު ޓްރެފިކިން ފަދަ ބޮޑެތި ދައުވާތަކެއް ކުރަން ނިންމާފައެވެ. އެހެންވެ، އެ ގައުމުގެ ނައިބު ރައީސް ވަނީ ވެރިކަމުގެ ހުވާކުރައްވާފައެވެ. ބޭރުގެ ބައެއް ގައުމުތަކުން އެމެރިކާގެ އަމަލުތަކަށް ވަރަށް ބޮޑަށް ފާޑުކިޔާއިރު، އެމެރިކާއިން އަންނަނީ އެ އަމަލުތައް ދިފާއުކުރަމުންނެވެ. "ހަމައެކަނި ދެރަކަމަކީ [އެމެރިކާގެ ރައީސް ޑޮނަލްޑް] ޓްރަމްޕަށް މަޑޫރޯ އެކަނި ފެނުނީ. މި ތަނެއް ނުފެނުނު އޭނާއަކަށް،" ހިނިފުޅު ވަޑުވަމުން އެ މަނިކުފާނު ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ