ހުވަދު އަތޮޅު އުތުރުބުރީ ކަނޑުހުޅުދޫއަށް ކުރިމަތިވެފައިވާ ބަނދަރުގެ ޖާގައިގެ ދަތިކަމަށް ޙައްލު ހޯއްދަވައިދެއްވުމަށްޓަކައި ސަރުކާރުގެ ބަޖެޓުގެ ތެރެއިން މި އަހަރު ޢަމަލީ މަސައްކަތްތައް ފަށްޓަވައި، ބަނދަރުގެ ޖާގައިގެ ދަތިކަން ޙައްލުކޮށްދެއްވާނެ ކަމުގެ ޔަޤީންކަން، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، އެ ރަށުގެ ރައްޔިތުންނަށް ދެއްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ މި ޔަޤީންކަން ދެއްވާފައި ވަނީ، ހުވަދު އަތޮޅުގެ ބައެއް ރަށްތަކަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން، މިއަދު މެންދުރު ގއ. ކަނޑުހުޅުދޫއަށް ވަޑައިގެން، ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވާ ވާހަކަފުޅުދައްކަވަމުންނެވެ. ބަނދަރުގެ ޖާގައިގެ ދަތިކަމަށް ޙައްލު ހޯއްދަވައިދެއްވާނީ ސަރުކާރާއި ކައުންސިލާ ދެމެދު މަޝްވަރާތަކެއް ކުރެވި، ކައުންސިލުން އެދިވަޑައިގެންނެވި ގޮތަށް ކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ، ގއ. ކަނޑުހުޅުދޫގެ ރައްޔިތުންނާ ބައްދަލުކުރައްވަމުން ގެންދެވި އެ ރަށު ސްކޫލަށް ދިމާވެފައިވާ ޖާގައިގެ ދަތިކަމުގެ މައްސަލައާއި، ސްކޫލަށް ބޭނުންވާ ތަރައްޤީގެ ކަންކަމަށް ޢަމަލީ ސިފަގެނައުން މަޑުޖެހިފައި އޮތް އޮތުން ނިމުމަކަށް ގެންނަވައި، މިހާރު ހުއްޓިފައިވާ މަޝްރޫޢުތައް ހިންގަވައިދެއްވާނެ ކަމުގެ ޔަޤީންކަން ރަށުގެ ރައްޔިތުންނަށް ދެއްވިއެވެ. ހިންގަން ފަށައި، މަޑުޖެހިފައިވާ މަޝްރޫޢުތައް ހިންގެވުމުގެ އިތުރަށް، ޢުމްރާނީ ގޮތުން އިތުރު ތަރައްޤީތަކެއް ސްކޫލަށް ގެނެސްދެއްވާނެ ކަމުގެ ޔަޤީންކަންވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ ރަށުގެ ރައްޔިތުންނަށް ދެއްވާފައެވެ.
ތަޢުލީމީ ދާއިރާއާއެކު ޞިއްޙީ ދާއިރާ ތަރައްޤީ ކުރެއްވުމަކީވެސް ސަރުކާރުން ޚާއްޞަ އިސްކަމެއް ދެއްވާ ކަމެއްކަން ފާހަގަކުރައްވައި ރައީސުލްޖުމްހޫރިއްޔާ ވަނީ، ގއ. ކަނޑުހުޅުދޫގެ ޞިއްޙީ މަރުކަޒަށް ދިމާވެފައިވާ ގޮންޖެހުންތަކަށްވެސް ޙައްލު ހޯއްދަވައިދެއްވާނެ ކަމަށް ވިދާޅުވެފައެވެ. އެގޮތުން އެ މަނިކުފާނު ވަޢުދުވެވަޑައިގެންފައިވާ ގޮތަށް، 24 ގަޑިއިރު ޚިދުމަތް ދެވޭ ފެންވަރަށް ޞިއްޙީ މަރުކަޒު ތަރައްޤީ ކުރުމާއި، އެ މަރުކަޒުން ހުށަހަޅުއްވާފައިވާ އިތުރު ކަންކަން ފުރިހަމަކޮށްދެއްވުމުގެ ޢަމަލީ މަސައްކަތްތައް މި އަހަރުގެ ތެރޭގައި ކޮށްދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ޞިއްޙީ އިތުރު ފަރުވާއަށް ބޭނުންވާ ބަލި މީހުން އުފުލުމަށް ބޭނުންކުރާ ސީ-އެމްބިއުލާންސްގެ ޚިދުމަތް ފޯރުކޮށްދިނުމުގައި ގއ. ކަނޑުހުޅުދޫ ހިމެނޭހެން ރާއްޖޭގެ އެކި ހިސާބުތަކަށް ކުރިމަތިވެފައިވާ ދަތިތައް ޙައްލު ކޮށްދެއްވުމަށް، މާލެ ވަޑައިގެން ކަމާބެހޭ ފަރާތްތަކާއެކު މަޝްވަރާތައް ފަށްޓަވާނެ ކަމުގެ ޔަޤީންކަންވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ ދެއްވާފައެވެ.
ކުޅިވަރުގެ ދާއިރާއަކީ ގއ. ކަނޑުހުޅުދޫއަށް މުހިންމު ދާއިރާއެއްކަން ފާހަގަކުރައްވައި ރައީސުލްޖުމްހޫރިއްޔާ ވަނީ ރަށުގެ ފުޓްސަލް ދަނޑަށް ގެންނަންޖެހޭ ތަރައްޤީ ގެނެސްދެއްވައި، ފުޓުބޯޅަ ދަނޑުގެ ޓަރފް ބަދަލުކޮށް، އެތުލެޓިކްސްއަށް ބޭނުންކުރެވޭ ގޮތަށް ތަން ތަރައްޤީ ކުރުމުގެ މަސައްކަތްތައްވެސް މި އަހަރު ތެރޭގައި ފުރިހަމަކޮށްދެއްވާނެ ކަމަށް ވިދާޅުވެފައެވެ.
މި ފެށުނު 2025 ވަނަ އަހަރު، ސަރުކާރުން އެންމެ ބޮޑު އިސްކަމެއް ދެއްވަނީ ބޯހިޔަވަހިކަމުގެ މަޝްރޫޢުތަކަށް ކަމުގައި ވާއިރު، ރައީސުލްޖުމްހޫރިއްޔާ ވަނީ ގއ. ކަނޑުހުޅުދޫއަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ ދަތިކަމުގެ މައްސަލައަށްވެސް އަލިއަޅުއްވާލައްވާފައެވެ. އެގޮތުން ރަށަށް ބޭނުންވެފައިވާ އިތުރު ހައުސިންގ ޔުނިޓްތައް އެޅެން އޮތީ ބިން ހިއްކައިގެން ކަމަށާ، ނަމަވެސް މި އަހަރު ތެރޭގައި އެ މަޝްރޫޢު ފެށިދާނެކަމަށް ޤަބޫލުފުޅުނުކުރައްވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. ކަން އެހެން ދިމާވި ނަމަވެސް، 2026 ވަނަ އަހަރުގެ ބަޖެޓުގެ ތެރެއިން ބިން ހިއްކުމުގެ މަޝްރޫޢު ހިންގަވައިދެއްވާނެ ކަމަށާ، އެ މަޝްރޫޢު ނިމުމާއެކު އެންމެ ލަސްވެގެން ދެން އަންނަ އަހަރެއްގައި ރޯ-ހައުސްގެ މަޝްރޫޢު ހިންގަވައިދެއްވާނެ ކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ ވިދާޅުވެފައެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅު ނިންމަވާލައްވާފައި ވަނީ ރައްޔިތުންގެ އުންމީދުތަކުގައި ޙަޤީޤީ ކުލަޖެހި، އަދުގެ ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކަށް ކާމިޔާބު މިންވަރުކުރެއްވުން އެދި މާތް ﷲގެ ޙަޟްރަތުގައި ދުޢާދަންނަވަމުންނެވެ.
ގއ. ކަނޑުހުޅުދޫ ބަނދަރުގެ ޖާގައިގެ ދަތިކަމުގެ މައްސަލައަށް ޙައްލު ހޯއްދެވުމުގެ ޢަމަލީ މަސައްކަތް މި އަހަރު ފަށްޓަވާނެ ކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ދެއްވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ