ގާޒާގައި ހިނގަމުންދާ ހަނގުރާމަ ހުއްޓާލުމަށާއި، ބަންދުގައި ތިބި މީހުން ދޫކޮށްލުމަށް ފަލަސްޠީނުގެ ހަމާސް ޖަމާއަތާއެކު ވެވުނު އެއްބަސްވުން އިސްރާއީލުގެ ވަޒީރުންގެ މަޖިލީހުން ހޮނިހިރު ދުވަހު ފާސްކޮށްފިއެވެ.
ހިފަހައްޓާފައިވާ މީހުން ދޫކޮށްލުމުގެ މަސައްކަތް އާދީއްތަ ދުވަހު ފެށުމަށް ހަމަޖެހިފައިވާއިރު، ވަޒީރުންގެ މަޖިލީހުގެ 6 ގަޑިއިރުގެ ދިގު ބައްދަލުވުމަކަށްފަހު މި އެއްބަސްވުން ފާސްކުރި ކަމަށް ބެންޖަމިން ނަތަންޔާހޫގެ އޮފީހުން ބުނެފި އެވެ.
ސަރުކާރުގެ ބައެއް އިސް ފަރާތްތަކުން ވަރަށް ބޮޑަށް ދެކޮޅު ހެދި މި އެއްބަސްވުމުގެ ދަށުން އާދީއްތަ ދުވަހުން ފެށިގެން 6 ހަފުތާއަށް ހަނގުރާމަ ހުއްޓާލެވޭނެ އެވެ. އަދި 15 މަސްދުވަސް ވެފައިވާ މި ހަނގުރާމަ ނިމުމަކަށް ގެނައުމުގެ މަގު ތަނަވަސްވެގެން ހިނގައިދާނެ ހިފަހައްޓާފައިވާ މީހުން ބަދަލުކުރުމުގެ ސިލްސިލާ މަސައްކަތެއް ވެސް ފެށޭނެއެވެ.
މީޑިއާ ރިޕޯޓުތަކުގައިވާ ގޮތުން ނަތަންޔާހޫގެ ސަރުކާރުގެ 24 ވަޒީރުން މި އެއްބަސްވުމަށް ތާއީދުކުރި އިރު، އަށް ވަޒީރުން ވަނީ ދެކޮޅު ހަދާފަ އެވެ.
ގާޒާ ހަނގުރާމައިގައި މިހާތަނަށް 46،000 އަށް ވުރެ ގިނަ މީހުން މަރުވެފައިވާއިރު، ގަޒާގެ އާބާދީގެ ބޮޑު ބައެއް ކަމުގައިވާ 2.3 މިލިއަން މީހުން އެކި ފަހަރު މަތިން ހިޖުރަކުރަން މަޖުބޫރުވެފައިވާ ކަމަށް ގާޒާގެ އިދާރާތަކުން ބުނެ އެވެ.
މި ސީސްފަޔާ އެއްބަސްވުމުގެ ދަށުން ހަމާސްއިން ދޫކުރާ އިސްރާއީލުގެ 33 މީހުންގެ ތެރޭގައި އަސްކަރީންނާއި އާންމު އަންހެނުންނާއި، ކުޑަކުދިންނާއި، 50 އަހަރުން މަތީގެ ފިރިހެނުން ހިމެނެއެވެ. އަދި އިސްރާއީލުން ބަންދުކޮށްފައި ތިބި 19 އަހަރުން ދަށުގެ އަންހެން ކުދިންނާއި ފިރިހެން ކުދިން ދޫކޮށްލުމަށް ވެސް އެއްބަސްވެފައިވެ އެވެ.
މި ހަނގުރާމައިގެ ސަބަބުން މެދުއިރުމަތީގެ ސަރަހައްދުގައި ހަމަނުޖެހުން އިތުރުވެ، އީރާނާއި، ލެބަނަންގެ ހިޒްބުއްލާ، ޔަމަނުގެ ހޫތީން އަދި އިރާގުގެ ހަތިޔާރުއެޅި ގްރޫޕްތަކާއި ވެސްޓް ބޭންކްގައި ހަރަކާތްތެރިވާ ގްރޫޕްތައް މި ހަނގުރާމައިގައި ބައިވެރިވެފައިވެ އެވެ. މި އެއްބަސްވުން ކާމިޔާބުވެއްޖެނަމަ މި ސަރަހައްދުގެ ހަލަބޮލިކަން ކޮންމެވެސް ވަރަކަށް މަޑުޖެހިގެންދާނެ ކަމަށް ބެލެވެ އެވެ.
ނަމަވެސް، މި އެއްބަސްވުން އިއުލާންކުރި ބުދަ ދުވަހުން ފެށިގެން ހޮނިހިރު ދުވަހާ ހަމައަށް އިސްރާއީލުގެ ހަމަލާތަކުގައި 116 ފަލަސްތީނު މީހުން މަރުވެފައިވާ ކަމަށް ފަލަސްތީނުގެ ސިވިލް ޑިފެންސްއިން ބުނެ އެވެ. މީގެ ތެރެއިން 60 އަކީ އަންހެނުންނާއި ކުޑަކުދިންނެވެ.
ގާޒާގައި ހަނގުރާމަ ހުއްޓާލުމަށާއި ހިފަހައްޓާފައިވާ މީހުން ދޫކުރުމަށް އިސްރާއީލާއި ހަމާސްއާ ދެމެދު ވެވުނު އެއްބަސްވުން އިސްރާއީލު ކެބިނެޓުން ފާސްކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ