އިންތިހާބުތަކުން ނާކާމިޔާބުވި ސަބަބުތައް ބަލަން އެމްޑީޕީން ދިރާސާ ކުރަނީ

އިދިކޮޅު އެމްޑީޕީ އިންތިހާބުތަކުން ނާކާމިޔާބުވި ސަބަބުތައް އެމްޑީޕީން ދިރާސާ ކޮށް، ރައްޔިތުން އެމްޑީޕީގެ ކުރިމަގަށް ދެކޭ ގޮތް ހޯދައި، ޕާޓީގެ މަގުޗާޓު އެކުލަވާލަން ފާސްކުރުމަށް އެމްޑީޕީގެ ޤައުމީ މަޖިލީހުން ފާސްކޮށްފިއެވެ.
އެމްޑީޕީގެ 4 ވަނަ ދަޢުރުގެ 9 ވަނަ ބައްދަލުވުމުގައި އެ މަޖލީހުގެ މެމްބަރުންގެ މެދުގައި ކުރެވުނު މަޝްވަރާތަކަށް ފަހު މިފަދައިން ނިންމާފައިވާއިރު، ނިމިދިޔަ ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބުގައި އެމްޑީޕީ އަށް ވަނީ ވަރަށް ބޮޑު ތަފާތަކުން ނާކާމިޔާބީ އާއި ކުރިމަތިލާން ޖެހިފައިކަން ފާހަގަކޮށްލަން ޖެހެއެވެ.
ރޭގައި ބޭއްވުނު އެ ޕާޓީގެ މަޖިލީހަށް ފަހު ނޫސްވެރިންނާއި ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުން ޕާޓީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް ވަނީ ޖެހިޖެޖިގެން ބޮޑު ދެ އިންތިހާބުން ވެސް ލިބުނު ނާކާމިޔާބީ އާއި ގުޅިގެން އެމްޑީޕީ ގެ ލީޑާޝިޕް އިސްތިއުފާ ދިނުމަށް ބައެއް ފަރާތްތަކުން ގޮވާލަމުންދާތީ އެކަމަށް ރައްދު ދެއްވާފައެވެ.
މިގޮތުން ފައްޔާޒު ވިދާޅުވީ، އެފަދަ ވިސްނުމެއް އަދި އެޕާޓީއަކު ނެތް ކަމަށާއި، ވިދާޅުވީ، ކުރިއަށް އޮތް މުސްތަގުބަލުގައި، އެ ޕާޓިގެ ލީޑާޝިޕު ބަދަލު ކުރުމަށް މެމްބަރުންނަށް ފެންނަ ނަމަ އެކަންވެސް ކުރާނެ ކަމަށާއި މިއީ އެވަގުތު ނޫން ކަމަށާއި، ޕާޓީ ނަގައި ކޮޅަށް ޖަހަން ޖެހޭ ކަމަށެވެ.
"އިންތިހާބުތައް ގެއްލިގެންދިޔަ ސަބަބުތައް ދިރާސާ ކުރުމަށް އަދި ދިވެހި ރައްޔިތުން, އެމްޑީޕީގެ ކުރިމަގަށް ދެކޭ ގޮތް ހޯދައި އަޅުގަނޑުމެންގެ ޕާޓީގެ ކުރިމަގު ބިނާކުރާނެ ގޮތްތަކަކާ މެދު ދިރާސާ ކުރުމަށް ފަހު މަގުޗާޓެއް އެކުލަވާލުމަށް,"
ފައްޔާޒު ވިދާޅުވިއެވެ.
ފައްޔާޒު އިތުރަށް ވިދާޅުވީ، 20 ވަނަ ރައްޔިތުންގެ މަޖިލީސްގެ ރަނގަޅު އަޣުލަބިއްޔަތެއް އެމްޑީޕީއަށް ލިބުނުނަމަ ކަންކަން ނިންމަން ފަސޭހަވާނެ ކަމަށާއި، އެންމެ ބޮޑު އިދިކޮޅު ސިޔާސީ ޕާޓީގެ ޙައިސިއްޔަތުން އަޑުއުފުލަން ޖެހޭ ހުރިހާ ކަމެއްގައި އަޑުއުފުލާނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ