ކުރިއަށް އޮތް 3 ދުވަހުވެސް އުތުރާއި މެދުރާއްޖެތެރޭގެ އަތޮޅުތަކަށް މޫސުން ގޯސްވާނެ

ކުރިއަށް އޮތް 3 ދުވަހުވެސް އުތުރާއި މެދުރާއްޖެތެރޭގެ އަތޮޅުތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާކޮށް މޫސުމަށް ސަމާލުވުމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން އިލްތިމާސްކޮށްފިއެވެ.
މޫސުމާ ބެހޭ އިދާރާއިންވަނީ ހއ.އަތޮޅުން ފެށިގެން ތ.އަތޮޅު ހިމެނޭ ސަރަހައްދަށް 10:30 އާއި ހަމައަށް ރީނދޫ ސަމާލުވެސް ނެރެފައެވެ. އެއިދާރާއިން ހާމަކުރި ގޮތުގައި މިސަރަހައްދަށް ބޯކޮށް ވާރޭވެހުމާއެކު ގުގުރާނެ ކަމަށާއި، އަދި ވިލާގަނޑުގައި 50 މޭލަށް ވައިގަދަވާނެ ކަމަށް ލަފާ ކުރެވެއެވެ.
މޫސުމާ ބެހޭ އިދާރާއިން ހާމަކުރިގޮތުގައި، ކުރިއަށް އޮތް 3 ދުވަހު، އުތުރާއި މެދުރާއްޖެތެރެއަށް ވައިގަދަވެ ކަނޑުތައް ވަރަށް ގަދަވާނެއެވެ. އަދި ބައެއް ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހުން އެކަށީގެންވާކަމަށްވެސް އެއިދާރާއިން ލަފާކޮށްފައިވެއެވެ.
މޫސުމާބެހޭ ޤައުމީ އިދާރާއިން ކުރިއަށް އޮތް 24 ގަޑިއިރަށް މޫސުން ލަފާކޮށްފައިވާ ގޮތަށް ބަލާއިރު
މެދުރާއްޖެތެރޭގައި، ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު 17 މޭލާއި 27 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެއެވެ. އަދި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 45 މޭލާއި 55 މޭލާ ދެމެދުގެ ބާރުމިނަށް ވައިގަދަވުން އެކަށީގެންވެއެވެ. ދެކުނު އަތޮޅުތަކަށް ވައިޖެހޭނީ ހުޅަނގު ދެކުނާއި، ހުޅަނގުން ގަޑިއަކު 13 މޭލާއި 23 މޭލުގެ ބާރުމިނުގައިކަމަށާއި، ދެކުނުގެ ބައެއް ރަށްތަކަށް ކެރީގެ އަސަރު ފޯރާނެ ކަމަށް އެއިދާރާއިން ހާމަކުރެއެވެ.
އުތުރާއި މެދު ރާއްޖެތެރޭގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެކަމަށާއި، ރާޅުގެ އުސްމިން ހުންނާނީ 6 ފޫޓާ 9 ފޫޓާއި ދެމެދުގައިކަމަށްވެސް މޫސުމާ ބެހޭ އިދާރާއިން ހާމަކުރެއެވެ.
ބޯކޮށް ވާރޭވެހި، ވައިގަދަވެ އަދި ކަނޑުތައް ގަދަވެ އުދައަރާނެ ކަމަށް ލަފާކުރެވޭތީ ހުރިހާ ފަރާތްތަކުން، ޚާއްސަކޮށް ކަނޑުދަތުރު ކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް މޫސުމާ ބެހޭ އިދާރާއިންވަނީ އިލްތިމާސްކޮށްފައެވެ.
މޫސުމާބެހޭ އިދާރާއިން ހާމަކުރި ގޮތުގައި މިއަންނަ ހޮނިހިރު ދުވަހުން ފެށިގެން ދެކުނުގެ ރަށްތަކަށް ކަނޑު މަޑުވެ މޫސުން މިހާރަށްވުރެ ރަނގަޅުވާނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ