މިނިސްޓަރ ޒަމީރު އިންޑިއާގައި ތިބި ދިވެހިންނާއި ބައްދަލު ކުރައްވައިފި

ފޮރިން މިނިސްޓަރު މޫސާ ޒަމީރު އިންޑިއާ އަށް ކުރައްވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން އިންޑިއާގެ ނިއު ދިއްލީގައި ތިބި ދިވެހިންނާ ބައްދަލުކުރައްވައިފިއެވެ.
ދިއްލީގެ ތާޖް ޕެލަސް ހޮޓެލްގައި އިންޑިއާގައި ހުންނަ ރާއްޖޭގެ ހައިކޮމިޝަނަރު ބޭއްވި މި ބައްދަލުވުމުގައި ޒަމީރު ވަނީ ދިއްލީގައި ތިއްބެވި ދިވެހިންނާ ބައްދަލުކުރައްވާފައެވެ. އަދި ހައި ކޮމިޝަނަރ ވަނީ މިނިސްޓަރުގެ އިތުރުން ދިވެހިންނަށް ރޭގަނޑުގެ ފަރިއްކޮޅުއްވުމެއް ދެއްވާފައެވެ.
މި ބައްދަލުވުމަށްފަހު ޒަމީރު "އެކްސް"ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ދިއްލީގައި ދިރިއުޅޭ ދިވެހިންނަށް ދިމާވާ ދަތިތަތަކާ ގުޅޭގޮތުން ކަމާބެހޭ ފަރާތްތަކާ މަޝްވަރާކޮށްގެން ހައްލު ހޯދާނެ ކަމަށެވެ.
މި ދަތުރުފުޅުގައި މިނިސްޓަރު ޒަމީރު ވަނީ އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ސުބްރަމާނިއަމް ޖައިޝަންކަރާއި ބައްދަލުކުރައްވާ ދެ ގައުމުގެ ގުޅުން ބަދަހިކުރުމާއި ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ. މިއީ މަގާމާ ހަވާލުވެވަޑައިގެންނެވި ފަހުން މިނިސްޓަރު ޒަމީރު އިންޑިއާ އަށް ކުރައްވާ ފުރަތަމަ ރަސްމީ ދަތުރުފުޅެވެ.
އިންޑިއާ އަކީ ދިވެހިން އެކިއެކި ބޭނުންތަކަށް ވަރަށް ގިނައިން ދަތުރުކުރާ ގައުމެކެވެ. އިންޑިއާއަކީ ރާއްޖެެއަށް އެންމެ ގިނަ ފަތުރުވެރިން އަންނަ ގައުމެވެ. ނަމަވެސް މި އަހަރުގެ ކުރީކޮޅު ދިވެހި ސަރުކާރުގެ ތިން އޮފިޝަލަކު އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ކުޑައިމީސްވާ ގޮތަށް ވާހަކަ ދެއްކެވުމާއި، ގުޅިގެން އެ ގައުމުގެ ފަތުރުވެރިން ރާއްޖެ ނާންނަން ގޮވާލައި އިންޑިއާގައި ކެމްޕޭނެއް ވެސް ކުރިއަށް ގެންދިޔައެވެ. އަދި އިންޑިއާ އިން ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު ވަނީ ދަށްވެފައެވެ. މި ސަރުކާރު އައި ފަހުން އިންޑިއާ ރާއްޖޭގެ ގުޅުމަށް ހީނަރުކަމެއް އައި ނަމަވެސް ދެ ގައުމުގެ ގުޅުން މިހާރު އަންނަނީ ރަނގަޅުވަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ