ތިލަފުއްޓާއި ގިރާވަރު އަދި އުތުރުތިލަފަޅު ގުޅާލަން އަޅާ ދެ ބުރިޖްގެ މަސައްކަތް 2026ގައި ފަށަނީ

އަމާޒަކީ ތިލަފުއްޓާއި ގިރާވަރު އަދި އުތުރުތިލަފަޅު ގުޅާލަން އަޅާ ދެ ބުރިޖްގެ އަމަލީ މަސައްކަތް 2026ގައި ފަށުންކަމަށް ރައީސުލްޖުމްޙޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ އެކަން ޢިއުލާންކުރެއްވީ މިނިވަންދުވަހުގެ ރަސްމީ ޖަލްސާގައި އެމަނިކުފާނުގެ އިޤްތިޞާދީ ސިޔާދަތާ ގުޅޭގޮތުން ދެއްކެވި ވާހަކަފުޅުގައެވެ.
ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ މާލެއިން ފެށިގެން ތިލަފުއްޓާ ހަމައަށް ގުޅާލުމަށް މިހާރު ބުރިޖް އަޅަމުންދިޔަ ނަމަވެސް ތިލަފުށިން ގިރާވަރަށް އަދި ގިރާވަރުން އުތުރު ތިލަފަޅަށް ބްރިޖެއް ނެތްކަމަށެވެ. އެހެންކަމުން ދާދިފަހުން ރާއްޖޭގެ ތިން ވަޒީރުން ޗައިނާއަށް ކުރެއްވި ދަތުރުފުޅުގައި އެ ޤައުމުގެ އޭޝިއަން އިންފްރާސްޓްރަކްޗަރ އިންވެސްޓްމަންޓް ބޭންކު، އޭއައިއައިބީގެ ރައީސާ ބައްދަލުކުރައްވާއި ބްރިޖް މަސައްކަތުގެ ޕްރޮޕޯޒަލް ހުށަހެޅުމަށް ހުޅުވާލާފައިވާކަމަށް ރައީސް ވިދާޅުވިއެވެ.
"އަޅުގަނޑުމެންގެ އަމާޒަކީ 2026 ގައި މި ދެ ބްރިޖްގެ އަމަލީ މަސައްކަތް ފެށުން. 2026 ގައި އަމަލީ މަސައްކަތްފަށައި ގިނަވެގެން 3 އަހަރުގެ ތެރޭގައި، އެއީ 2029 ނިމެންވާއިރަށް އުތުރު ތިލަފަޅާހަމައަށް ބްރިޖް ނިންމާލުން އިރާދަކުރެއްވިއްޔާ އެކަން ކުރާނަން" ރައީސް ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ އުތުރުތިލަފަޅާ ހަމައަށް ބްރިޖްއަޅަނީ ރާއްޖޭގެ އިޤްތިޞާދު ކުރިއަރުވައި ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ކުރިއަށްގެންދާ އެގްރިކަލްޗަރ އިކޮނަމިކް ޒޯންގެ މަޝްރޫޢު އެތަނުގައި ކުރިއަށްގެންދާތީކަމަށެވެ. އެމަޝްރޫއު ކުރިއަށްގެންދިއުމަށް އުތުރު ތިލަފަޅުގެ ބިންހިއްކުމުގެ މަސައްކަތް މިއަހަރު ފަށާނެކަން ފާހަގަކުރައްވައި އެކަމުގެ މުހިއްމުކަން ރައީސް ވަނީ ފާހަގަކުރައްވާފައެވެ.
މީގެ އިތުރުން އުތުރުތިލަ ފަޅުގެ ބިމުގެ ބައެއް އެހެން ބޭނުންތަކަށްވެސް ޚާއްސަކުރާނެކަމަށާއި އެހެންކަމުން އެފަޅުގައި ބިންހިއްކައި ބްރިޖަކުން ގުޅާލުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއްކަމަށް ރައީސް ވިދާޅުވިއެވެ.
ގިރާވަރުފަޅު ސަރުކާރުން ތަރައްޤީކުރަމުންދަނީ މާލެ ސަރަހައްދުގެ ބޯހިޔާވަހިކަމުގެ ދަތިކަމަށް ހައްލެއް ހޯއްދަވައިދެއްވުމުގެ ގޮތުންނެވެ. އުތުރުތިލަފަޅު ސަރުކާރުން ޚާއްސަ ކޮށްފައިވަނީ ދަނޑުވެރިކަމުގެ ސިނާޢީ ރަށެއްގެ ގޮތުގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ