ކުރީ ސަރުކާރުން ހޯރަފުށީ އެއާޕޯޓަށް ހޯދި ފަޔާ ޓްރަކަކީ 25 އަހަރުވީ ބާ މުދަލެއް: މުބީން

ހޯރަފުށީ ފަޅުން ބިން ހިއްކައިގެން އެމްޓީސީސީން ހެދި އެއާޕޯޓަށް 198 މިލިއަން ރުފިޔާ، ސަރުކާރުން ހޭދަކުރި އެވެ.
ކުރީގެ ސަރުކާރުން ހޯރަފުށީ އެއާޕޯޓަށް ގެންގޮސްފަައިވާ ފަޔާ ޓްރަކަކީ އުފެއްދިތާ 25 އަހަރުވެފައިވާ ބާ ފަޔާ ޓްރަކެއް ކަމަށް ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީ (އާރްއޭސީއެލް) އިން ޔަގީން ކޮށްދީފި އެވެ. 
ހޯރަފުށީ އެއާޕޯޓްގެ ފަޔާ ޓްރަކްގެ މައްސަލަތައް ދިމާވެ އެ އެއާޕޯޓްގެ އޮޕަރޭޝަންތަކަށް ބުރޫއަރާ ކަމަށް ބުނާ މައްސަލައާ ގުޅިގެން އާރްއޭސީލްގެ މެނޭޖިން ޑިރެކްޓް އަހުމަދު މުބީން އާ "މިރާ" އިން ސުވާލު ކުރުމުން އޭނާ ވިދާޅުވީ ކުރީގެ ސަރުކާރުން ހޯރަފުށި އެއާޕޯޓްގައި ބޭނުން ކުރަން ފަޔާޓްރަކް ގެނެސްފައި އޮތީ ހަނިމާދޫގެ ނަމުގައި ކަމަށެވެ. އަދި އެހެން ގެނެސްފައިވާއިރު ހޯރަފުށީ އެއާޕޯޓަށް ގެންގޮސް ބޭނުން ކުރާ ފަޔާ ޓްރަކަކީ 25 އަހަރުވެފައިވާ ބާ އެއްޗެއް ކަމަށެވެ. "އެއީ ތެދެއްގެ އޭގެ ސަބަބުން އޮޕަރޭޝަނަށް ބޮޑެތި ބުރޫތައް އަރާ، ވަރަށް ތަކުލީފުތައް އުފުލަންޖެހޭ، އަޅުގަނޑަކަށް ނޭނގޭ މި ކޮން އަގެއް ޖަހައިގެން ހޯދާފައި އޮތް އެއްޗެއް ކަން ސީދާ ދަންނަވާކަށް، އެ މައުލުމާތު ފިނޭންސްގައި އޮންނާނެ. އެކަމަކު އަޅުގަނޑުމެން ބެލިބެލުމުން އެނގުނު މީ 25 އަހަރުވީ ބާ މުދާގަނޑެއްކަން،" މުބީނު ވިދާޅުވި އެވެ. "މައްސަލަތައް ދިމާވެ އަބަދުވެސް ތަކުލީފު އުފުލަންޖެހިފައި މި އޮންނަނީ، މިއީ ވަރަށް ބޮޑެތި ގެއްލުން،" އޭނާ އަދި ވިދާޅުވީ ދެކުނުގެ ފަރެސްމާތޮޑާ އެއާޕޯޓަށް ވެސް ހޯދާފައި އޮތީ ބާ ޓްރަކެއް ކަމަށާއި އޭގެ ސަބަބުން އެ އާޕޯޓްގެ އޮޕަރޭޝަންތަކެއް ވެސް ދަތިތަކާ ދިމާވެފައިވާ ކަމަށެވެ.އެމްޑީ މުބީނު އެހެން ވިދާޅުވި އިރު މީގެ ކުރީން ހޯރަފުށީ އެއާޕޯޓްގެ ފަޔަ ޓްރަކް ހަލާކުވެ، އެ އެއާޕޯޓުގެ ދަތުރުތައް ކުއްލިގޮތަކަށް ހުއްޓާލަން ވެސް ޖެހިފައި ވެއެވެ. ރަނގަޅު ފެންވަރުގެ ފަޔާ ޓްރަކެއް ގާތްގަނޑަކަށް 1.1 މިލިއަން ޑޮލަރަށް ލިބެ އެވެ. ބާ ފަޔާ ޓްރަކެއް ހޯރަފުށީ އެއާޕޯޓަށް ގެނެސްފައިވާ އަގު ސާފެއް ނުވެ އެވެ. ހޯރަފުށީ އެއާޕޯޓް ރަސްމީކޮށް ހުޅުވީ ނޮވެމްބަރު 19، 2020ގަ އެވެ. ހޯރަފުށީ އެއާޕޯޓުގައި 1،200 މީޓަރުގެ ރަންވޭއަކާއި 8،635 އަކަމީޓަރުގެ އޭޕްރަންއަކާއި ޓެކްސީވޭއެއް ވަނީ ތަރައްގީކޮށްފަ އެވެ. މީގެ އިތުރުން ޓާމިނަލް ކުރިމަތީގެ މަގުތައް ތަރައްގީ ކުރުމާއި 9473 އަކަމީޓަރުގެ ޕާކިން އޭރިއާއަކާއި، 1718 އަކަމީޓަރުގެ ފަޔާ އެކްސެސް މަގެއްގެ އިތުރުން 720 މީޓަރުގެ އެއާޕޯޓް ސެކިއުރިޓީ އަދި ބީޗް ފެންސެއް ވަނީ ހަދައިފަ އެވެ. ހޯރަފުށީ ފަޅުން ބިން ހިއްކައިގެން އެމްޓީސީސީން ހެދި އެއާޕޯޓަށް 198 މިލިއަން ރުފިޔާ، ސަރުކާރުން ހޭދަކުރި އެވެ.
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ