ފަސް މިލިއަން ގަސްއިންދުމުގެ ޕްރޮގްރާމުގެ ދަށުން ހުޅުމާލޭގައި ގަސްއިންދަން ފަށައިފި

ސަރުކާރުގެ މެނިފެސްޓޯގައި ހިމެނޭ މުހިންމު ރިޔާސީ ވައުދެއްކަމުގައިވާ، ފަސް މިލިއަން ގަސްއިންދުމުގެ ޕްރޮގްރާމްގެދަށުން، ހުޅުމާލޭގައި ގަސް އިންދައި ފެހިކުރުމުގެ މަސައްކަތް ފަށައިފިއެވެ.
މި ޕްރޮގްރާމް ހުޅުމާލޭގައި ފެށީ ތިމާވެށީގެ ދެމެހެއްޓުމަށް މަސައްކަތްކުރާ އަމިއްލަ ޖަމިއްޔާއެއްކަމަށްވާ ކްލީން މޯލްޑިވްސްއިން އިސްނަގައިގެން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން، އެޗްޑީސީއާ ގުޅިގެންނެވެ.
"ގޯ ގްރީން"ގެ ނަމުގައި ހުޅުމާލޭގައ ގަސް އިންދުމުގެ ޕްރޮގްރާމް ފައްޓަވައިދެއްވީ މޫސުމީ ބަދަލުތަކާ ތިމާވެއްޓާއި ހަކަތައާ ބެހޭ ވަޒީރު ޠާރިޤު އިބްރާޙިމްއެވެ. ހުޅުމާލޭގައި ގަސް އިންދުމުގެ ޕްރޮގްރާމް ފެށީ ހުޅުމާލެ ދެވަނަ ފިޔަވަހީގައެވެ.
މިހަރަކާތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިފްތިތާޙުކޮށްދެއްވި "މުޅި ރާއްޖޭގައި 5 މިލިޔަން ގަސް އިންދުން" މި ޝިޢާރުގެ ދަށުން ހުޅުމާލޭގައި ވަނީ 1000 ގަސް އިންދާފައެވެ. މި ހަރަކާތުގައި 350އަށްވުރެ ގިނަ މީހުން ގަސް އިންދާފައިވާއިރު، ގިނަ އަދަދެއްގެ ކުޑަކުދިން މިކަމުގައި ބައިވެރިވިއެވެ.
ހުޅުމާލޭގައި މި ޕްރޮގްރާމް ފައްޓަވައިދެއްވާ ފުރަތަމަ ގަސް އިންދެވީ ވަޒީރު ޠާރިޤް އިބްރާޙިމްއެވެ.
ގަސް އިންދުމުގެ ޕްރޮގްރާމް ފައްޓަވައިދެއްބާ ވާހަކަފުޅުދައްކަވަމުން ވަޒީރު ޠާރިޤު އިބްރާޙިމް ވަނީ ރާއްޖެ ފަދަ ހޫނު ގަދަ، ގަސް މަދު ޤައުމެއްގައި ހިތްހަމަ ޖައްސާލުމަށް ހިޔާ ލިބޭނެ ގަހެއް ހުރުމަކީ އެންމެންނަށް ވެސް ލިބޭނެ ފައިދާއެއް ކަމުގައި ފާހަގަކުރައްވާފައެވެ. އެއާއެކު ހުޅުމާލޭގައި ފެށިގެންދިޔަ "ގޯ ގްރީން" މަޝްރޫޢަކީ 5 މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމަށް ބާރުއަޅާނެ ފުރިހަމަ ޕްރޮގްރާމެއް ކަމުގައި ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ ވެށި ޙިމާޔަތްކޮށް ފެހި ކުރުމަށް ގަސް އިންދުމަކީ ފަރުދީ ޒިންމާއެއް ގޮތުގައި ދެކިގެން މަސައްކަތްކުރަންޖެހޭ ކަމަށެވެ. އަދި އެންމެން ގުޅިގެން ގަސް އިންދުމުގެ ޕްރޮގްރާމް ކާމިޔާބުކުރުމަށް ވަޒީރު ގޮވާލެއްވިއެވެ.
"ގޯ ގްރީން" ގަސް އިންދުމުގެ ޕްރޮގްރާމްގައި ގިނަ އަދަދެއްކެ ކުޑަކުދިން ބައިވެރިވިއިރު، ވަޒީރު ވަނީ ކޮންމެ ކުއްޖަކުވެސް މަންމައާއި ބައްޕަގެ ނަމުގައި ގަހެއް އިންދުމަކީވެސް، ގަސް އިންދުމުގެ ޕްރޮގްރާމަށް ދެވޭނެ އިތުރު ބާރެއް ދެވޭނެ ކަމެއްކަމުގައި އެމަނިކުފާނު ވިދާޅުވެފައެވެ.
މި ހަރަކާތް އިފްތިތާޙުކުރުމުގެ ރަސްމިއްޔާތުގައި މިނިސްޓްރީގެ އިސްވެރިންގެ އިތުރުން ކްލީން މޯލްޑިވްސްގެ ބާނީއާއި އިވެންޓްގެ ސްޕޮންސަރުންގެ އިސް ބޭފުޅުންނާއި ސްކޫލު ދަރިވަރުންނާއި އެކި އެކި ޖަމްޢިއްޔާ ޖަމާޢަތްތަކުން ބައިވެރިވިއެވެ.
5 މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމް މުޅި ރާއްޖޭގައި ކުރިއަށްގެންދާއިރު، މިއީ 5 އަހަރަށް ބަހާލައިގެން ގެންދާ މަޝްރޫޢުއެކެވެ.
މިއަހަރު ފާހަގަކުރި ދުނިޔޭގެ ތިމާވެށީގެ ދުވަހު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިފުތިތާހުކޮށްދެއްވި މި ޕްރޮގްރާމުން ރާއްޖޭގެ ނާޒުކު ތިމާވެށީގެ ނިޒާމުތައް ހިމާޔަތްކުރުމަށާއި، މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން މިހާރުގެ ޖީލުތަކާއި، އަންނަން އޮތް ޖީލުތަކުގެ ލާބައާއި މަންފާއަށްޓަކައި މޫސުމަށް އަންނަ ބަދަލުތަކުންކުރާ ނޭދެވޭ އަސަރުތަކުން އަރައިގަތުމަށް ސަރުކާރުން ކުރަމުން ގެންދާ މަސައްކަތްތައް ފެނިގެންދެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ