ކުއްލި ހާލަތު އިއުލާން ކުރުމުން ފަތުރުވެރިކަމަށް އަސަރުކުރާނެ - އުމަރު

ދިވެހިރާއްޖޭގެ ހުރިހާ ކަންކޮޅުތަކަށް 30 ދުވަހުގެ މުއްދަތަށް ކުއްލި ހާލަތު އިއުލާންކުރުމާ ގުޅިގެން ރާއްޖޭގެ ފަތުރުވެރި ކަމަށް އަސަރުކުރާނެ ކަމާމެދު އެއްވެސް ޝައްކެއް ނެތް ކަމަށް ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.
އުމަރު ނަސީރު ދައުލަތުގެ މީޑިއާ ޕީއެސްއެމްއަށް ދެއްވި ބަސްދީގަތުމެއްގައި ވިދާޅުވީ ރާއްޖޭގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރުމާ ގުޅިގެން ރާއްޖޭގެ ފަތުރުވެރިކަމަށް އަސަރު ކުރާނެ ކަމަށާއި ފަތުރުވެރިކަަމަށް އަސަރު ކުރި ނަމަވެސް މި ފިޔަވަޅަކީ ކޮންމެހެން މިހާރު އަޅަން ޖެހިފައިވާ ފިޔަވަޅެއް ކަމަށެވެ.
"އަޅުގަނޑުމެން މި ފިޔަވަޅު ނާޅާ ތިއްބާ، ކަމެއް ވެއްޖެނަމަ ދެން ނިކުންނާނެ ނަތީޖާ މާ ގޯސް ވެދާނެ،" އުމަރު ވިދާޅުވިއެވެ.
އުމަރު ވިދާޅުވީ މި ކުއްލި ހާލަތީ އާންމު ގޮތެއްގައި ގައުމުތަކުގައި އިއުލާންކުރާ ކުއްލި ހާލަތެއް ނޫން ކަމަށާއި ކުއްލި ހާލަތުގެ ސަބަބުން ހިފެހެއްޓިފައިވަނީ ވަރަށް މަދު އަދަދެއްގެ ހައްގުތައް ކަމަށެވެ.
ޤަނޫނު އަސާސީގެ 253 ވަނަ މާއްދާގެ ދަށުން ލިބިވަޑައިގެންފައިވާ ބާރުގެދަށުން ރައީސުލްޖުމްޙޫރިއްޔާ ނެރުނު ޤަރާރު ނަންބަރު 2015/08 ގެ ދަށުން ރާއްޖެއަށް އެއްމަސް ދުވަސް ވަންދެން ކުއްލި ހާލަތު އިއުލާނުކޮށް ހައްގުތައް ހަނިކޮށްފައިވަނީ ސެޕްޓެމްބަރު 28 ވަނަ ދުވަހު ފިނިފެންމާ ލޯންޗުގައި އެއްޗެއް ގޮއްވާލި ހާދިސާގައި ތުހުމަތު ކުރެވޭ މީހުންނަށް އެކަންޏެވެ.
ކުއްލި ހާލަތާއި ގުޅޭގޮތުން އަަމަލުކުރުން ހުއްޓާލުމަށް ހަމަޖެހިފައިވާ ގާނޫނު ތަކުގެ ތެރޭގައި ހިމެނެނީ ގާނޫނު ނަމްބަރު 1/2013 ގެ ދަށުން ސުލްހަވެރިކަމާއެކު އެއްވެ އުޅުމުގެ މިނިވަން ކަމުގެ ގާނޫނަށެވެ.
ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކުރި ކަމުގައިވިޔަސް ގާނޫނު އަސާސީގެ 255 ވަނަ މާއްދާގެ ދަށުން ލިބިދޭ ހައްގުތައް އެންމެންނަށްވެސް ހަމަހަމައަށް ލިބިގެންވެއެވެ. މި މާއްދާތަކުގެ ތެރޭގައި ހިމެނެނީ ގާނޫނު އަސާސިގެ 21 ވަނަ މާއްދާގެ ދަށުން ދިރިހުރުމުގެ ހައްގާއި ގާނޫނު އަސާސީގެ 25 ވަނަ މާއްދާގެ ދަށުން އަޅުވެތި ނުކުރުމާއި ގަދަކަމުން މަސައްކަތް ނުކުރުވުމުގެ ހައްގާއި، ގާނޫނު އަސާސީގެ 27 ވަނަ މާއްދާގެ ދަށުން ހިޔާލު ފާޅުކުުރުމުގެ މިނިވަންކަމާއި، ގާނޫނު އަސާސީގެ 28 ވަނަ މާއްދާގެ ދަށުން ނޫސްވެރިކަމުގެ މިނިވަންކަމާއި ގާނޫނު އަސާސީގެ 42ވަނަ މާއްދާގެ ދަށުން އަދުލުވެރިކަމާއި ހާމަކަމާއެކު ޝަރީއަތް ކުރުމެވެ.
މިއީ މުޅި ރާއްޖެއަށް ކުއްލި ނުރައްކަލުގެ ހާލަތު އިޢުލާނުކުރި ފުރަތަމަ ފަހަރެވެ. އަދި ކުއްލި ހާލަތު އިއުލާނުކުރި ނަމަވެސް ރާއްޖޭގައި ކާފިއު ހިންގާފައެއް ނުވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ