ރައީސް ޔާމީންގެ ބެންކް އެކައުންޓުތައް ފްރީޒް ކުރި މައްސަލަ މާދަމާ ސުޕްރީމް ކޯޓުގައި

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބުދުލްގައްޔޫމްގެ ބެންކް އެކައުންޓުތައް ފްރީޒު ކުރަން ކްރިމިނަލް ކޯޓުން ނެރުނު އަމުރުތައް ހައި ކޯޓުން ބާތިލް ކުރުމުން ދައުލަތުގެ ފަރާތުން އެ މައްސަލަ އިސްތިއުނާފު ކުރުމަށް މާދަމާ ސުޕްރީމް ކޯޓުގައި ތާވަލް ކޮށްފިއެވެ. މި މައްސަލަ ކޯޓުގައި ތާވަލްކޮށްފައިވަނީ މާދަމާ ހެނދުނު 10.15 އަށެވެ. ސުޕްރީމް ކޯޓުގެ ތާވަލްގައި ބުނެފައިވަނީ މި މައްސަލައަކީ، ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ހުށަހަޅާފައިވާ މައްސަލައެއް ކަމަށާއި މި މައްސަލަ ރައްދު ވަނީ ރައީސް ޔާމީންއަށް ކަމަށެވެ. އަދި މިއީ ކޯޓު އަމުރަކާ ގުޅޭ މައްސަލައެއް ކަމަށްވެސް ތާވަލްގައި ބުނެފައިވެއެވެ. މިކަމާ ގުޅޭގޮތުން ޗެނަލް ތާރޓީން އަށް މައުލޫމާތު ދެއްވަމުން ރައީސް ޔާމީންގެ ގާނޫނީ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ އާދަމް ޝަމީމް ވިދާޅުވީ މާދަމާ ސުޕްރީމް ކޯޓުގައި ތާވަލު ކުރެވިފައިވަނީ ރައީސް ޔާމީންގެ ބެންކް އެކައުންޓްތައް ފްރީޒު ކުރަން ކްރިމިނަލް ކޯޓުން ނެރުނު އަމުރުތައް ހައި ކޯޓުން ބާތިލްކުރުމުން ދައުލަތުގެ ފަރާތުން އެ މައްސަލަ އިސްތިއުނާފު ކުރުން ކަމަށެވެ. މި މައްސަލައިގެ ޝަރީއަށް ކުރިއަށްގެންދާނީ، އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު ޢަބްދުﷲ ދީދީ، އާއި ފަނޑިޔާރު އަލްއުސްތާޒު އަބްދުﷲ އަރީފް އާއި ފަނޑިޔާރު އަލްއުސްތާޒު އާދަމް މުހައްމަދު އަބްދުﷲ، އާއި ފަނޑިޔާރު އަލްއުސްތާޒު އަބްދުﷲ ދީދީ، އާއި ފަނޑިޔާރު އަލްއުސްތާޒު ޢަބްދުލްޣަނީ މުހައްމަދު ހިމެނިވަޑައިގަންނަވާ ބެންޗަކުން ކަމަށް ވެސް ސުޕްރީމް ކޯޓުން ކުރިން ބުނެފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ