ޕާޓީގެ ލީޑަރުކަމުން އިސްތއުފާ ދެއްވުމަށް ރާހުލް ގާނދީ ހުށަހެޅުއްވުމުން ކޮންގްރެސް ޕާޓީން އެކަން ގަބޫލެއްނުކުރި

ނިމިގެންދިޔަ އާންމު އިންތިޚާބުގައި ޕާޓީއަށް ލިބުނު ބޮޑު ނާކާމިޔާބީއާ ގުޅިގެން ޕާޓީގެ ލީޑަރުކަމުން އިސްތިއުފާ ދެއްވުމަށް ރާހުލް ގާނދީ ހުށަހެޅުއްވި ހުށަހެޅުއްވުމާ ކޮންގްރެސް ޕާޓީން ދެކޮޅު ހަދައި، އެ ހުށަހެޅުއްވުން އަނބުރާ ރައްދުކޮށްފިއެވެ.
ޕާޓީގެ ލީޑަރުކަމުން އިސްތިއުފާ ދެއްވުމަށް ރާހުލް ގާނދީ ހުށަހެޅުއްވީ، ވެރިރަށް ނިއުދިއްލީގައި މިއަދު ބޭއްވި ޕާޓީގެ އެންމެ އިސް ގުނަވަން ކަމުގައިވާ ކޮންގްރެސް ވޯކިންގ ކޮމިޓީގެ ބައްދަލުވުމުގައި ކަމަށް އިންޑިއާގެ މީޑިއާއިން ބުނެއެވެ.
މި ކޮމިޓީގައި، ކޮންގްރެސް ޕާޓީގެ ކުރީގެ ރައީސާ އަދި ރާހުލް ގާނދީގެ މަންމާފުޅު ސޯނިއާ ގާނދީވެސް އިންނަވައެވެ. އަދި ކުރީގެ ބޮޑުވަޒީރު ޑރ. މަންމޯހަން ސިންހްވެސް އިންނަވައެވެ.
އިންޑިއާގެ އާންމު އިންތިޚާބު ބޮޑު ތަފާތަކުން ކާމިޔާބު ކޮށްފައިވަނީ، ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ބީޖޭޕީ ކޯލިޝަނުންނެވެ.
އިންޑިއާގެ އިލެކްޝަން ކޮމިޝަނުން ހާމަކޮށްފައިވާ ނަތީޖާ ބުނާގޮތުން ބީޖޭޕީން އެކަނިވެސް 303 ގޮނޑި ކާމިޔާބު ކޮށްފައި ވެއެވެ. ބީޖޭޕީ އިސްވެ އޮވެ އުފައްދާފައިވާ ނޭޝަނަލް ޑިމޮކްރަޓިކް އެލަޔަންސްގައި ހިމެނޭ އެހެން ޕާޓީތަކަށް ލިބުނު ގޮނޑިއާއެކު ބީޖޭޕީ ކޯލިޝަންއަށް ޖުމްލަ 353 ގޮނޑި ކާމިޔާބު ކުރެވިފައި ވެއެވެ.
އިދިކޮޅު އެންމެބޮޑު ޕާޓީ، ކޮންގްރެސް ޕާޓީއަށް 52 ގޮނޑި ކާމިޔާބު ކުރެވިފައި ވާއިރު، އެޕާޓީ ހިމެނޭ ކޯލިޝަނަށް ޖުމްލަ 102 ގޮނޑި ލިބިފައި ވެއެވެ. 2014 ވަނަ އަހަރުގެ އާންމު އިންތިޚާބުގައި ކޮންގްރެސްއަށް ލިބުނީ 44 ގޮނޑިއެވެ. އެހެންނަމަވެސް، މިފަހަރުގެ އިންތިޚާބުގައި އެ މިންވަރު މިވަނީ އިތުރުވެގެން ގޮސްފައެވެ.
އެކަމަކު މިފަހަރުގެ އިންތިޚާބުގައި ރާހުލް ގާނދީ، ފާއިތުވެދިޔަ ތިންދައުރު ފުރުއްވަމުން ގެންދެވި އަމެތީ ދާއިރާގެ ޕާލަމެންޓްގެ ގޮނޑިވެސް ރާހުލް ގާނދީއަށް ވަނީ ގެއްލިވަޑައިގެންފައެވެ. މިއީ، ޒަމާނުއްސުރެ ގާނދީ އާއިލާއިން ދަމަހައްޓަމުން އައި ގޮނޑިއެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ