ކުޅިވަރުގައި މަނާބޭސް ބޭނުންކުރުން ހުއްޓުވުމާ ބެހޭ ސެމިނާރެއް ފަށައިފި

ކުޅިވަރުގައި މަނާބޭސް ބޭނުންކުރުން ހުއްޓުވުމާ ބެހޭ ސެމިނާރެއް ރާއްޖޭގައި މިއަދު ފަށައިފި އެވެ.
މޫކައިސުއިޓްސްގައި މިއަދު ފެށި އެސެމިނާރަކީ، ވޯލްޑް އެންޓިޑޯޕިން އެޖެންސީ ( ވާޑޯ) އާއި ޔުނެސްކޯގެ އެހީތެރިކަމާ އެކު ރާއްޖޭގެ ޔޫތު މިނިސްޓްރިއާއި ސައުތު އޭޝިއާ ރީޖަނަލް އެންޓިޑޯޕިން އޯގަނައިޒޭޝަން ( ސަރާޑޯ) ގުޅިގެން ބާއްވާ ސެމިނާރެކެވެ.
މާދަމާގެ ނިޔަލަށް ބާއްވާ އެސެމިނާރުގައި ސަރާޑޯގައި ހިމެނޭ ފަސްގައުމު ކަމަށްވާ ރާއްޖެއާއި ނޭޕާލާއި ސްރީލަންކާއާއި ބޫޓާނާއި ބަންގްލަދޭޝްގެ ސަރުކާރުތަކުގެ ވަފުދުތަކާއި އެގައުމުގެ އޮލިމްޕިކް ކޮމިޓީތައް ބައިވެރިވެ އެވެ. މި ސެމިނާރުގައި އޮންނާނީ ކުޅިވަރުގައި މަނާބޭސް ބޭނުންކުރުން ހުއްޓުވުމާ ބެހޭ ގޮތުން މަޝްވަރާކޮށް، ކުރާނެ މަސައްކަތްތަކެއް އެކަށައެޅު މެވެ.
ސެމިނާރު ހުޅުވުމަށް މޫކައިސުއިޓްސްގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ޔޫތު މިނިސްޓަރު މުހައްމަދު މަލީހު ޖަމާލު އެވެ. ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ވިދާޅުވީ، މަނާބޭސް ބޭނުން ކުރުމުގެ މައްސަލަ ބައެއް އެހެން ގައުމުތަކުގައި އޮތް މިންވަރަށް ރާއްޖޭގައި ނެތް ކަމަށެވެ. ނަމަވެސް އެމައްސަލައަށް އަވަހަށް އެޑްރެސްކޮށް ދިވެހި އެތުލީޓުންނަކީ އެކަމުގެ ނުރައްކަލުން ސަލާމަތްވެފައި ތިބޭ ބަޔަކަށް ހަދަން ސަރުކާރުން ބޭނުންވާ ކަމަށް ވެސް މަލީހު ވިދާޅުވި އެވެ.
މަލީހު އަދި ވިދާޅުވީ، ކާބިޔާބީ ހޯދުމަށްޓަކައި މަނާބޭސް ބޭނުންކުރުމަކީ ހަމައެކަނި އެހެންމީހުންނަށް ހެދޭ މަކަރެއް ނޫން ކަމަށާއި އެއީ އަމިއްލަ ނަފުސަށް ވެސް ހެދޭ މަކަރެއް ކަމަށެވެ.
" ... ކާމިޔާބަށްޓަކައި މަނާބޭސް ބޭނުންކުރުމަކީ އެހެންމީހުންނަށް އޮޅުވާލުމެއް ނޫން. އެއީ އަމިއްލަ ނަފުސަށް ވެސް އޮޅުވާލުން. އެއީ ހުރި ގާބިލުކަން ދެނެގަތުމުގައި ނާކާމިޔާބުވުން. އެއްވެސް ވައްތަރެއްގެ މަނާބޭސް ބޭނުންކުރުމާ ދުރުހެލިވެ ތިބުމަށް އަޅުގަނޑުމެންގެ އެތުލީޓުންނަށް ގޮވައިލަން. ހަގީގީ އެތުލީޓުންނަށް ވެވަޑައިގަންނަވާ،" މަލީހު ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ