ނިމިގެންދިޔަ ރިޔާސީ އިންތިހާބާއި ގުޅޭ މައްސަލަތައް ޖުމްހޫރީ ޕާޓީން މިއަދު ހައި ކޯޓަށް ހުށަހެޅި ނަމަވެސް ޖުމްހޫރީ ޕާޓީން ހުށަހެޅި މައްސަލަ ބަލައި ނުގަތުމަށް ހައި ކޯޓުން މިއަދު ނިންމައިފި އެވެ.
ހައި ކޯޓުން ނެރެފައިވާ ބަޔާނެއްގައި ބުނެފައި ވަނީ މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ރިޔާސީ އިންތިޚާބުގައި ވޯޓު ލާފައިވާ މީހުންގެ ލިސްޓާއި، ވޯޓު ފޮށިތަކުގެ ޝީޓްތައް ހޯދުމަށް އިލެކްޝަން ކޮމިޝަންގެ މައްޗަށް އަމުރެއް ނެރެދިނުމަށް އެދި ޖުމްހޫރީ ޕާޓީން ހުށަހެޅި މައްސަލަ އަކީ އިންތިހާބުތަކާ ބެހޭ އާންމު ގާނޫނުގެ 64 ވަނަ މާއްދާގައި ބުނެފައިވާ ހާލަތްތަކުގެ ތެރެއިން ހާލަތަކަށް ފެތޭގޮތަށް ހުށަހަޅާފައިވާ މައްސަލައަކަށް ނުވާ ކަމަށެވެ.
މި މައްސަލަ ކޯޓަށް ހުށަހެޅުއްވީ އެ ޕާޓީގެ ޑެޕިއުޓީ ލީޑަރު އަދި ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހިމްގެ ކެމްޕޭން އެޖެންޓް އަދި ގެމަނަފުށި ދާއިރާގެ މެންބަރު އިލްހާމް އަހްމަދެވެ.
ކުނޫޒުގައި ނޫސްވެރިންނަށް މައުލޫމާތުދެއްވަމުން އިލްހާމް ވިދާޅުވީ މަރުވެފައި ތިބި 500 އަށް ވުރެ ގިނަ މީހުން ލިސްޓުގައި ރަޖިސްޓްރީކޮށްފައިވާ ކަމަށާއި އޭގެތެރޭގައި ހިމެނެނީ މީގެ 10 އަހަރު ކުރިންނާއި 20 އަހަރު ކުރިންނާއި 30 އަހަރު ކުރިން ނިޔާވެފައިވާ މީހުން ކަމަށެވެ.
އޭނާ ވިދާޅުވީ ޖުމްހޫރީ ގުޅުމަށް މިހާރު އެއްކޮށްލެވިފައިވާ މައުލޫމާތުން މަރުވެފައި ތިބި 500 އަށް ވުރެ ގިނަ މީހުންގެ ނަން ލިސްޓުގައި އޮތް ނަމަވެސް ސީދާ އަދަދެއް އަދިވެސް ނޭންގޭ ކަމަށެވެ.
މީގެއިތުރުން ރިޕީޓްކޮށް ރަޖިސްޓްރީކޮށްފައި ތިބި މީހުން ވެސް ވޯޓާސް ލިސްޓުގައި އޮތް ކަމަށާއި އޭގެ އަދަދު 140 އަށް ވުރެ ގިނަ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށާއި ނަމަވެސް މި އަދަދު އިތުރުވާނެ ކަމަށް ބެލެވޭ ކަމަށް އޭނާ ވިދާޅުވި އެވެ.
އަދި އަމިއްލަ ގޭގައި ނޫން އެހެން ގެތަކުގައި 1168 މީހުން ރަޖިސްޓްރީކޮށްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
ވޯޓާއި ގުޅިގެން ޖުމްހޫރީ ޕާޓީން ހުށަހެޅި މައްސަލަ ހައި ކޯޓުން ބަލައިނުގަތް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ