އިގުތިޞާދީ ތައުލީމީ ދާއިރާގައި އަޅުގަނޑު ފަހަތައް ޖައްސާލާފަ ދާނެ މީހަކު ނުހުންނާނެ - ގާސިމް

ރާއްޖޭގެ އިގުތިޞާދީ ތައުލީމީ ދާއިރާގައި ފަހަތަށް ޖައްސާލާފަ ދާނެ އެހެން މީހަކު ނުހުންނާނެ ކަމަށް ޖުމްހޫރީ ގުޅުމުގެ ރިޔާސީ ކެންޑިޑޭޓު އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.
ޖުމްހޫރީ ގުޅުމުގެ ކެމްޕޭން ރަސްމީކޮށް ފެށުމަށާއި މެނިފެސްޓޯ އިއުލާންކުރުމަށް އދ.މާމިގިލީގައި މިހާރު ބާއްވަމުންދާ ޖަލްސާގައި ވާހަކަދައްކަވަމުން ގާސިމް ވިދާޅުވީ " އަޅުގަނޑު ދެރަވޭ އަމިއްލައަށް މިވާހަކަ ދައްކަން ވެސް. އެކަމަކު ކާކުތޯ ހުރީ، ދައްކަން." މިހެންނެވެ.
"ދިވެހި ރާއްޖޭގެ ތައުލީމީ އަދި ސިއްހީ ދާއިރާއަށް އަޅުގަނޑު ކޮށްދިން މަސައްކަތް ކޮށްދިނީ ކާކު ތޯ؟ ދައްކަބަލަ. އަޅުގަނޑު ލެޔާއި ދާ އޮހޮރުވައިގެން ކޮށްފަ ވާނީ. އަޅުގަނޑުގެ ދުޝްމަނުން ވެސް އެކަން ގަބޫލު ކުރޭ." ގާސިމް ވިދާޅުވިއެވެ.
ގާސިމް ވިދާޅުވީ ވެރިކަމަށް ކުރިމަތިލީ ދިވެހި ރައްޔިތުންނާއި ގައުމަށްޓަކައި ހިދުމަތްކޮށްދިނުމަށް ކަމަށާއި އެ ނޫން އިތުރު ބޭނުމަކު ނޫން ކަމަށެވެ. އަދި މިހާތަނަށް ވެސް ދިވެހި ރައްޔިތުނަށްޓަކައި ގިނަ ގުނަ ހިދުމަތަކެއް ކޮށްދެއްވާފައިވާނެ ކަން ގާސިމް ފާހަގަކުރެއްވި އެވެ.
"ދިވެހި ރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާ ކަމަށް ކުރިމަތި ލައްވާފައިވާ ބޭފުޅުން މައިކްރޯ ލެވެލް ނުވަތަ އެއަށް ވުރެ އާދައިގެ ލެވެލް އެއްގައި މަތި މަތިން ބަލާލާއިރު އަޅުގަނޑާއި ވާދަ ކުރެވޭނެ މީހަކު ނެތް ނިކުމެ. އަޅުގަނޑަށް 99 ޕަސެންޓް ލިބެންޏާ އެމީހުންނަށް 10 ޕަސެންޓް ވެސް ނުލިބޭނެ." ގާސިމް ވިދާޅުވިއެވެ.
ގާސިމް ވިދާޅުވީ އޭނާ އާއި ރަނިންމޭޓް ޑރ. ޙަސަން ސައީދަކީ ގައުމަށް ގިނަ ހިދުމަތްތަކެއް ކުރައްވާ ގިނަ ތަޖުރިބާ ތަކެއް ލިބިފައިވާ ދެ ބޭފުޅުން ކަމަށާއި އެހެން ކެންޑިޑޭޓުންނަށް އެ ދެބޭފުޅުންނާއި ހިދުމަތުގެ ގޮތުން އަޅާ ނުކިޔޭނެ ކަމަށެވެ.
" ހުރިހާ ރަށެއްގައި ސުކޫލް އެބަހުރި ކަމަށާއި ނަމަވެސް ޖީސީ އޯލެވެލް ނަތީޖާއަށް ބަލާއިރު ކަރުނަ ނާޅާ ކޮން މައިންބަފައެއްތޯ ހޫރީ؟" ގާސިމް ސުވާލު ކުރެއްވެވިއެވެ. އަދި ގާސިމް ވިދާޅުވީ މިކަންކަން އެބޭފުޅާގެ ވެރިކަމެއްގައި ބަދަލު ކުރާނަން ކަމަށެވެ. " އަޅުގަނޑުމެން ގައުމިއްޔަތު ބިނާ ކުރާނަން" ގާސިމް ވިދާޅުވިއެވެ.
ކޮންމެ އަހަރަކު ސަތޭކަ މަސްދޯނި ދެއްވާނެ ކަމަށް ގާސިމް ވެވަޑައިގެންފައިވާ ވައުދަށް އިޝާރަތް ކުރައްވާ ގާސިމް ވިދާޅުވީ "ބައެއް މީހުން އެބަބުނޭ އަހަރަކު 100 ދޯނި މާގިނައޭ، ގިނަ އެއްނޫން. ރަށަކަށް ދެދޯންޏާއި ފަޅިއެއް ޖެހެނީ." ކަމަށެވެ.
ގާސިމް ވިދާޅުވީ އޭނާގެ ވެރިކަމެއްގައި މާލެއެކޭ އެއްފަދައިން އެއް އަގެއްގައި ފެނާއި، ކަރަންޓާއި، ހަނޑުލާއި، ފުށާއި، ހަކުރު ލިބޭނެ ގޮތް ހައްދަވައި ދެއްވާނެ ކަމަށެވެ.
ޖުމްހޫރީ ގުޅުމުގެ ސަރުކާރެއްގައި މިހާރު ރިސޯޓް ހަދަން ދޫކޮށް ނުހެދި ހުރި ރަށްތައް ހެދުމަށް ފައިސާގެ އެހީ ފޯރުކޮށްދޭނަން ކަމަށް ގާސިމް ވިދާޅުވިއެވެ.
ގާސިމް ވިދާޅުވީ އޭނާގެ ވެރިކަމެއްގައި ބޮޑު ބައްޔެއް ޖެހިގެން ބޭސް ނުކުރެވިގެން މީހަކު މަރުވެގެންދާން ނުޖެހޭނެ ކަމަށެވެ. އަދި އާސަންދަ ހުސް ނުވާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ރާއްޖޭގައި މިހާރު އޮތް ޓެކްސް ނިޒާމަށް ބަދަލުތަކެއް ގެންނަވާ މުއްސަނދިންގެ އަތުން އިންކަމް ޓެކްސް ނަގާނެ ކަން ހާމަކުރައްވާ ގާސިމް ވިދާޅުވީ އެމްޑީޕީގެ ވެރިކަމުގައި ޓެކްސް ނަގަން މަސައްކަތް ފެށުމުން ބައެއް ވިޔަފާރިވެރިން އެކަމާއި ދެކޮޅަށް ތެދުވުމުން އޭރުގެ ސަރުކާރަށް އޭނާ އެކަމުގައި އެހީތެރިވެދީފައިވާނެ ކަމަށެވެ.
ގާސިމް އިތުރަށް ވިދާޅުވީ މުއްސަނދިންގެ އަތުން ލިބެން ޖެހޭ ޓެކްސް ގަވައިދުން ލިބުމުން މިއަދު 11 ނުވަތަ 11.5 ބިލިއަން ރުފިޔާގެ ދައުލަތުގެ އާމްދަނީ 20 ބިލިއަން ރުފިޔާ އަށް ޖެއްސޭނެ ކަމަށެވެ.
"އަޅުގަނޑުމެން ބޭނުންވަނީ ވަށާޖެހޭ ޓެކްސްގެ ނިޒާމެއް. އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންގެ ވެރިކަމެއްގައި އެކަން ކުރާނަން" ގާސިމް ވިދާޅުވި އެވެ.
ޖުމްހޫރީ ގުޅުމުގެ ސަރުކާރެއްގައި ރާއްޖެ އަންނަ ބޭރުގެ އިންވެސްޓްމަންޓްތައް އިތުރުކުރާނެ ކަމަށާއި، ދިވެހިންނާއި ބޭރުގެ އިންވެސްޓަރުންގެ ވިޔަފާރިތައް ހިމާޔަތްކޮށްދިނުމުގެ އިތުރަށް ދައުލަތުގެ ދަރަނި ކުޑަކުރުމަށްޓަކައި ބަޖެޓް މެނޭޖްކުރާނެ އާ ގޮތްތަކެއް ހޯއްދަވާ ހަރުދަނާ ފިޔަވަޅު ތަކެއް އަޅުއްވާނެ ކަމަށްވެސް ގާސިމް ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ