ޓީސީ ޓީމު ހިމެނޭހެން ލަންކާގައި ތިބި 100 ދިވެއްސަކު ރާއްޖެ ގެނެސްފި

ކޮވިޑް 19އާ ގުޅިގެން ސްރީލަންކާގައި ތާށިވެފައި ތިބި ޓީސީ ފުޓުބޯޅަ ޓީމުގެ ކުޅުންތެރިން ހިމެނޭހެން އެގައުމުގައި ތިބި 100 ދިވެއްސަކު މިއަދު ރާއްޖެ ގެނެސްފިއެވެ.
އެމީހުން މިރޭ ރާއްޖެ އައިސްފައިވަނީ މޯލްޑިވިއަންގެ ޗާޓަރު ފްލައިޓެއްގައެވެ.
ޓީސީ އަކީ އޭއެފްސީ ކަޕްގައި ބަޝުންދަރާ ކިންގްސްއާ ދެކޮޅަށް ކުޅުމަށް މިދިޔަ މަހު ބަންގުލަދޭޝްއަށް ދިޔަ ޓީމެކެވެ. މިދިޔަ މަހުގެ 11 ވަނަ ދުވަހުގެ މެޗު ކުޅުމަށް ފަހު އެޗްޕީއޭގެ އޭރުގެ އުސޫލުގައިވާ ގޮތުން ކަރަންޓީންގެ 14 ދުވަސް ފުރިހަމަކުރުމަށް ޓީސީ ދިޔައީ ލަންކާއަށެވެ. ނަމަވެސް ކަރަންޓީންގެ މުއްދަތު ހަމަވުމުގެ ކުރިން ލަންކާ ލޮކްޑައުން ކުރުމުގެ ސަބަބުން ޓީސީއަށް ވަނީ އެނބުރި ރާއްޖެ އާދެވޭ ގޮތް ނުވެފައެވެ.
ޓީސީއަށް ރާއްޖެ އާދެވޭނެ އިންތިޒާމު ހަމަޖައްސައިދިނުމުން ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ ރައީސް ބައްސާމް އަދީލް ޖަލީލު ވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހާއި ކުޅިވަރާ ބެހޭ ވަޒީރު އަހުމަދު މަހުލޫފަށް ޝުކުރު ދަންނަވައިފައެވެ.
މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކޮވިޑް 19ގެ މައުލޫމާތުދިނުމަށް ސަރުކާރުން ކަނޑައަޅައިފައި ހުންނަވާ ސަފީރު މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ، މިރޭ ރާއްޖެ އައި މީހުންގެ ތެރޭގައި އެގައުމުގައި ބޭސް ފަރުވާއަށް ގޮސް ތިބި ގިނަ ދިވެހިން ހިމެނޭ ކަމަށެވެ. އަދި އެކަމުގެ ތަފްސީލް މާދަމާ މޯލްޑިވިއަނުން ދޭނެ ކަމަށްވެސް މަބްރޫކް ވިދާޅުވިއެވެ.
ކޮވިޑް 19އާ ގުޅިގެން ސަރުކާރުން އަންނަނީ ބޭރު ގައުމުތަކުގައި ތިބި ދިވެހިން ރާއްޖެ ގެނައުމަށް މަސައްކަތް ކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ