ފީވަކަށް ހެނބަދޫ އިން ޖަނަރޭޓަރެއް ގެންދަން ހެނބަދޫ ރައްޔިތުން ދެކޮޅު

ށ. ފީވަކަށް ކަރަންޓުގެ މައްސަލަ ބޮޑުވެ ނ. ހެނބަދޫ އިން އެރަށަށް ޖަނަރޭޓަރެއް ގެންދަން ފެނަކައިން މަސައްކަތް ކުރަމުންދާތީ ހެނބަދޫ ރައްޔިތުން ކަންބޮޑުވެއްޖެ އެވެ.
އާބާދީގައި 757 މީހުން ދިރިއުޅެމުން އަންނަ ހެނބަދޫއަށް ކަރަންޓު ފޯރުކޮށްދެމުން އަންނަނީ 128 ކިލޯވޯޓާއި 100 ކިލޯވޯޓުގެ ޖަނަރޭޓަރު ބޭނުން ކޮށްގެން ނެވެ. އެކަމަކު، ސޯލާ ޕްރޮޖެކްޓުގެ ދަށުން ދާދިފަހުން ހެނބަދޫއަށް ތިން ޖަނަރޭޓަރު ގެންގޮސްފައިވާއިރު އެރަށު އާ އިންޖީނު ގޭގެ މަސައްކަތް އަދި ނިމިފައި ނުވާތީ އެ ތިން ޖަނަރޭޓަރުގެ ބޭނުން ނުކޮށް ހުރީ ބަހައްޓާފަ އެވެ.
މިދުވަސްކޮޅު ކަރަންޓުގެ މައްސަލަ ހެނބަދޫއަށް ކުރިމަތި ނުވި ނަމަވެސް މީގެކުރިން އެރަށަކީ ވެސް ކަރަންޓުގެ މައްސަލަ ބޮޑު ރަށެ ކެވެ. ސީއެންއެމްއާ ވާހަކަ ދައްކަވަމުން އެރަށު ކައުންސިލުގެ ނައިބް ރައީސް ހުސެއިން އަބޫބަކުރު ވިދާޅުވީ، މީގެ ދެ ތިން ދުވަސް ކުރިން ފީވަކަހަށް ގެންދަން މަސައްކަތް ކޮށްފައި ވަނީ އެރަށަށް އަލަށް ގެނެސްފައިވާ 160 ކިލޯވޯޓުގެ ޖަނަރޭޓަރު ކަމަ ށެވެ.
"ރައްޔިތުން ނުރުހުން ވެގެން އުޅޭތީ ނުގެންދެވިގެން އެ އުޅެނީ." ހުސެއިން ވިދާޅުވި އެވެ.
މީގެއިތުރުން ހުސެއިން ވިދާޅުވީ، ފީވަކަށް ޖަނަރޭޓަރު ގެންދަން އެރަށު ރައްޔިތުން ބޭނުން ނުވަނީ މީގެ ކުރިން ކަން ހިނގާފައިވާ ގޮތުން ކަމަ ށެވެ.
"އެންމެ ބޮޑަށް ކަރަންޓު މައްސަލަ ދިމާވާއިރު ނުހުރޭ ދެން އާއްމުންނަށް ކަރަންޓު ދެވޭނެ ގޮތެއް. އެހެންވެ، ރައްޔިތުން ބޭނުން ނުރުހުން ވެގެން އެއުޅެނީ." ކައުންސިލުގެ ނައިބް ރައީސް ވިދާޅުވިއެވެ.
ހުސެއިން ވިދާޅުވީ، އެމައްސަލައާ ގުޅިގެން ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ މަންދޫބެއްގެ ގޮތުގައި ރައީސް އޮފީހުގެ މިނިސްޓަރު އަހުމަދު ސަމީރު އެރަށަށް ވަޑައިގެން ރައްޔިތުންނާއި ބައްދަލުކުރައްވާފައިވާ ކަމަ ށެވެ.
"ވަރަށް ނަސޭހަތްތެރިވި ރައްޔިތުންނާއި، އެކަމަކު ރައްޔިތުން ދޫކުރާ ގޮތަކަށް ނޫން ތިބީ" ހުސެއިން ވިދާޅުވި އެވެ.
ކަރަންޓު ކެނޑޭ މައްސަލަ ބޮޑުވެ، މިދިޔަ ޖުލައި މަހުގެ ތެރޭގައި ހެނބަދޫ ރައްޔިތުން ވަނީ މުޒާހަރާ ވެސް ކޮށްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ