ސޫރިއާ ރައްޔިތުން ފިނިން ސަލާމަތްކުރުމަށް ދިވެހިންގެ ފަރާތުން އެހީ ދީފި

ސޫރިޔާގެ އިދްލިބްގައި ޙާލުގައި ޖެހިފައިތިބި 250 ޢާއިލާއަކަށް ރާއްޖޭގައި ހިންގާ އިންޓަރނޭޝަނަލް އެއިޑް ކެމްޕޭނުން ޑީސަލް ބަހައިފިއެވެ. ސޫރިއާގެ ޙާލުގައި ޖެހިފައިވާ ޢާއިލާތަކަށް ދިވެހިންގެ ފަރާތުން އެހީ ދީފައިވަނީ އިންޓަރނޭޝަނަލް އެއިޑް ކެމްޕޭނުން ހިންގާ "ސަރވައިވިންގ ވިންޓަރ ވިތް ސީރިއާ" ގެ ނަމުގައި ހިންގާ ހަރަކާތްތަކުގެ ތެރެއިންނެވެ.
ސޫރިޔާގައި ހިނގަމުންދާ ހަނގުރާމައިގައި ހާލުގައި ޖެހިފައިވާ މީހުންނަށް އެހީވުމަށް، ރާއްޖޭގައި ހިންގަމުންދާ އިންޓަރނޭޝަނަލް އެއިޑް ކެމްޕޭންގެ ފަރާތުން މިދިޔައަހަރު ވަނީ ގިނަ ހަރަކާތްތަކެއް ހިންގާފައެވެ. މިކަމަށް ރާއްޖޭގެ އެކި ކަންކޮޅުތަކުން އެއްކުރި ފައިސާއިން އިދްލިބްގައި ހާލުގައި ޖެހިފައިވާ 128 ޔަތީމު ކުއްޖަކަށް ސްކޫލް ކިޓް ބަހާފައިވެއެވެ.
ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން އިންޓަރނޭޝަނަލް އެއިޑް ކެމްޕޭންގެ ވައިސް ޗެއަރމަން އާދަމް ނާއިފް ވިދާޅުވީ، 2018 ވަނަ އަހަރެކޭ އެއްފަދައިން 2019 ވަނަ އަހަރުވެސް އައިއޭސީއިން ސޫރިޔާ އަދި ޔަމަން ފަދަ ޤައުމުތަކަށް އެހީވުމަށް ގިނަ ހަރަކާތްތައް ހިންގާނެކަމަށެވެ. އެގޮތުން މިއަހަރުގެ ހަރަކާތްތައް ފެށުމުގެ ގޮތުން ސޫރިއާގެ ހާލުގައި ޖެހިފައިވާ 250 އާއިލާ ފިނިން ސަލާމަތްވުމަށް އެހީވުމަށްޓަކައި ޑީސަލް ބަހާފައިވާކަމަށް އޭނާ ވިދާޅިވިއެވެ. ނާއިފް ވިދާޅުވީ، މި ޑީސަލަކީ ފިނި މޫސުމުގައި އަލިފާން ރޯކޮށް، ފިނިން ސަލާމަތްވުމަށް ދިން އެހީއެއްކަމަށެވެ. އެގޮތުން މި އެހީ ތުރުކީގެ އީހާހާ ޖަމިއްޔާގެ މަދަދާއެކު ބެހުމުގެ މަސައްކަތް ފަށާފައިވާކަމަށް އިންޓަރނޭޝަނަލް އެއިޑް ކެމްޕޭން، އައިއޭސީން މަޢުލޫމާތުދެއެވެ.
އިންޓަރނޭޝަނަލް އެއިޑް ކެމްޕޭނަކީ 2016 ވަނަ އަހަރުން ފެށިގެން ދުނިޔޭގެ އެކިކަންކޮޅުތަކުގައި ހާލުގައި ޖެހެމުންދާ ފަރާތްތަކަށް އެހީވުމަށް ދިވެހިންގެ ބަޔަކު އިސްވެ ހިންގާ ހަރަކާތެކެވެ. މި ކެމްޕޭންގެ ތެރެއިން މީގެކުރިންވެސް ސޫރިޔާއާއި، މިޔަންމާއާއި ޣައްޒާ ފަދަ ސަރަހައްދުތަކުގައި ހާލުގައިޖެހިފައިވާ މުސްލިމުންނަށް އެހީ ހޯދުމަށް ތަފާތު ހަރަކާތްތައް ހިންގައި، އެ ޤައުމުތަކުގައިތިބި ހާލުގައިޖެހިފައިވާ މީހުންނަށް އެހީތެރިކަން ފޯރުކޮށްދީފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ