ރައްޔިތުން ނިކުމެ ރައީސް އަބްދުﷲ ޔާމީން މިހާރުން މިހާރަށް ހައްޔަރު ކުރަން ޖެހޭ ކަމަށް އިލެކްޝަންސް ކޮމިޝަނުން ގޮނޑި ގެއްލިފައިވާ ކަނޑައަޅާފައިވާ ތިމަރަފުށީ ދާއިރާގެ މެމްބަރު، މުޙައްމަދު މުސްތަފާ ވިދާޅުވެއްޖެއެވެ.
މުސްތަފާ މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ރައީސް ޔާމީނަކީ ތާރީޚުވެސް ނުދެކޭ ފަދަ ލަދުވެތިކަމެއް ނެތް، ގޮތެއް ނެތް ވެރިއެއް ކަމަށެވެ.
"ރައީސް ޔާމީން އަކީ ވެރިއެއް ކަމަށް ގަބޫލުކޮށްގެން ރައްޔިތުން ތިބުމަކީވެސް ބޮޑު ގޯހެއް. ރައްޔިތުން ނިކުމެ ރައީސް ޔާމީން މިހާރުން މިހާރަށް ހައްޔަރު ކުރަން ޖެހޭ" މުސްތަފާ ވިދާޅުވިއެވެ.
މުސްތަފާ މިގޮތަށް ވިދާޅުވެފައި މިވަނީ، މިދިޔަ މަހު ބޭއްވި ރިޔާސީ އިންތިޚާބު ބާތިލްކޮށް އަލުން ރިޔާސީ އިންތިޚާބު ބޭއްވުމަށް އަމުރު ކޮށްދިނުން އެދި ރައީސް ޔާމީން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައިގެ ޝަރީޢަތް ސުޕްރީމް ކޯޓުގައި މިއަދު 13:00 ގައި ފަށާފައިވަނިކޮށެވެ.
ރިޔާސީ އިންތިހާބު ބާތިލްކުރުމަށް އަބްދުﷲ ޔާމީން ސުޕްރީމް ކޯޓަށް މައްސަލަ ހުށަހެޅުއްވީ މިމަހުގެ 10 ވަނަ ދުވަހު އެވެ.
އިންތިޚާބު ބާތިލް ކުރަން ސުޕްރީމް ކޯޓަށް ހުށަހެޅީ އިންތިހާބުގައި ހަރަކާތްތެރިވި އޮބްޒާވަރުންނާއި މޮނިޓަރުންނާއި އަދި އެހެނިހެން ފަރާތްތަކުން އެ ޕާޓީއަށް ހުށަހެޅި ޝަކުވާތައް، ޕީޕީއެމްގެ ފަރާތުން ފުލުހުންނަށް ހުށަހެޅުމުން އެ އިދާރާ އިން ދީފައިވާ ޖަވާބަށް ރިއާޔަތް ކުރުމަށްފަހު ކަމަށް ޕީޕީއެމް އިން ވަނީ ބުނެފައެވެ.
އިންތިހާބާއި ގުޅޭ މައްސަލައެއް ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާއިރު، ރައީސް ޔާމީންއާ ވާދަކޮށް މިދިޔަ މަހުގެ 23 ވަނަ ދުވަހު ބޭއްވި ރިޔާސީ އިންތިހާބު ކާމިޔާބުކުރެއްވީ އިދިކޮޅު އިއްތިހާދުގެ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) އެވެ. އެގޮތުން އިބޫ އަށް ވަނީ 134،705 ވޯޓު (58.4 ޕަސެންޓް) ލިބިވަޑައިގެންފައެވެ. ރައީސް ޔާމީނަށް ލިބިވަޑައިގެންފައިވަނީ 96،052 ވޯޓެވެ. އެއީ 41.6 ޕަސެންޓެވެ.
ރައްޔިތުން ނިކުމެ ރައީސް ޔާމީން ހައްޔަރު ކުރަން ޖެހޭ - މުސްތަފާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ