ދެ މަސްދޯންޏެއް ފަރަށް އަރައި ގެއްލުންވެއްޖެ

އަބްދުﷲ ޖަމީލު
ހަތާވީސް ފަޅުވެރިންނާ އެކު އިއްޔެ ފުވައްމުލަކުން މަހަށް ފުރި ދޯންޏަކާއި މާލެ އިން ފަރުމަހަށް ފުރި ދޯންޏެއް ރޭ ފަރަށް އަރައި ފުވައްމުލަކު ދޯނީގެ މީހެއްގެ އަތް ބިނދިއްޖެ އެވެ.
ފުވައްމުލަކުން ފުރައިގެން ގދ. އަތޮޅަށް ދަތުރުކުރަނިކޮށް، އެ އަތޮޅު ފަރަކަށް އެރީ، ފުވައްމުލަކު ނަސްފަރު ހަސަން ނަސީރުގެ "އަލިވިދުވަރު" އެވެ. އެ ދޯނި ފަރަށް އެރީ އެ އަތޮޅު ވެހެލީ ކަނޑު އޮޅިން ވަންނަނިކޮށް، މާތޮޑާ ކައިރީގައި އޮންނަ މައި ފަރަށެވެ.
ގއ. އަތޮޅާއި ގދ. އަތޮޅުގައި މަސްވެރިކަންކުރާ ދޯނީގެ ވެރިޔާ ހަސަން ނަސީރު މިއަދު ފޯނުން ބުނީ ދޯނި ފަރަށް އެރީ ފަޅުވެރިންގެ ފަރުވާކުޑަވުމުގެ ސަބަބުން ކަމަށެވެ.
"ދޯނި ފަރަށް އެރުމާއެކު ތިން މީހަކު ފިޔަވައި އެހެން އެންމެން ވަނީ ފިލައިގެން ގޮސްފައި. ގިނައީ ގދ. ތިނަދޫ މީހުން. އަހަރެން ރޭ މިތަނަށް އައިއިރު އެ މީހުން ވަނީ އެހީނުވެ ފިލާފައި. ދޯނި ފަރަށް އެރި ވަގުތަކީ މޫސުން ގޯސް ވަގުތެއް ވެސް ނޫން. އަދި ނެވިގޭޝަންގެ އެންމެ ފަހުގެ ސާމާނު ހުންނާނެ،" މާތޮޑާގައި ހުރެ ފޯނުން އޭނާ ބުންޏެވެ.
ހަސަން ބުނީ ދޯނި ފަރަށް އެރުމާ ގުޅިގެން ދޯންޏަށް ލިބުނު ގެއްލުމުގެ ތަފުސީލެއް އަދި ނޭނގުނު ނަމަވެސް ވަރަށް ބޮޑަށް ގެއްލުންވެފައިވާނެ ބެލެވޭ ކަމަށެވެ.
"ރާޅު ބިންދަމުން ދަނީ ދޯނި މައްޗަށް. ދޯނި ފުންކޮށްދިނުމަށް މިފްކޯގައި އެދުމުން ފޮނުވީ ދޯންޏަށް ވުރެ ކުޑަ ބޯޓެއް. އެހެންވެ އިތުރު ބޮޑު ބޯޓެއް ފޮނުވައިދުމަށް އެދިގެން މިއުޅެނީ،" އޭނާ ބުންޏެވެ.
ނުވަދިހަ އަށް ފޫޓުގެ ދޯނި ފަރަށްއެރުމާ ގުޅިގެން ދޯނި ފުންކުރުމަށް ކޯސްޓްގާޑުގެ ޑައިވަރުންނާ ގުޅިގެން ދޯނީގެ ފަޅުވެރިން ވަނީ ފީފާ ބަނދެފަ އެވެ.
"އަދިވެސް ނޭނގެ ދޯނި ފުންވާނެ އިރެއް. ދޯނި ފުންކޮށްދިނުމަށް މިފްކޯ އިން ވެސް ކިޔަނީ ވަރަށް ބޮޑު އަގެއް. މިއީ އަހަރެމެން އަމިއްލަ އަށް ކުރެވޭނެ ކަމެއް ނޫން،" ހަސަން ބުންޏެވެ.
މާލެ އަތޮޅު މަނިޔަފުށީކައިރީގައި ފަރުމަސްވެރިކަން ކުރަން އުޅުމަށް ފަހު މާލެ އަންނަނިކޮށް، 27 މީހުންނާއެކު ދަތުރުކުރި ހ. ދިޔަދޫގެ އަހުމަދު ރަޝީދުގެ "ދުވެލި" އެރީ ބޮލިފުށި ރިސޯޓުގެ ފަރަށެވެ.
ކޯސްޓްގާޑުން ވިދާޅުވީ އެ ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ނުލިބޭ ކަމަށެވެ.
އެ ދެ ހާދިސާގެ އިތުރުން އިތުރުން ބުދަ ދުވަހުގެ ރޭ ހަ މީހުންނާއެކު ރ. އުނގޫފާރުން ފުރައިގެން މާލެއަށް ދަތުރުކުރި ގއ. ދާންދޫ "މަސްކަނދު" ދޯންޏާއި 13 މީހުންނާ އެކު މާލެއިން ފުރައިގެން ރ. ކިނޮޅަހަށް ދަތުރުކުރި އެ ރަށު "ތަޖުރިބާ" ދޯނި އެކްސިޑެންޓްވެ ދެ ދޯންޏަށް ވަރަށް ބޮޑަށް ގެއްލުންވެފައި ވާކަމަށް ކޯސްޓްގާޑުން ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ