އެސްޓީއޯ އަށް ތެޔޮ ހިފައިގެން އައި ބޯޓުގެ މައްސަލަ: ޝަރީއަތުން ވަކި ގޮތެއް ނިންމަންދެން އެ ބޯޓު ނުފުރުމަށް ކޯޓުން އަންގައިފި

އެސްޓީއޯ އަށް ޖެޓް ފިއުލް ގެނައި ބޭރުގެ ބޯޓެއް ކަމަށްވާ އެމްވީ ވިންޓާގެ ކެޕްޓަނާ ދެކޮޅަށް އެސްޓީއޯ އިން ކުރަމުންދާ ދައުވާގެ ޝަރީއަތް ނުނިމެނީސް އެ ބޯޓު ރާއްޖެ އިން ނުފުރުމަށް ކޯޓުން އަންގައިފި އެވެ.
އެސްޓީއޯ އިން ބޯޓުގެ ކެޕްޓަން ޑަމްކޮނޮކްސް ވްލާޑިވްސްލަވްސްއާ ދެކޮޅަށް ދައުވާކުރަނީ ތަޣައްޔަރުވެފައިވާ ތެޔޮ ގެނައި ކަމަށް ބުނެ ކުންފުންޏަށް ލިބިފައިވާ ގެއްލުމުގެ ބަދަލު ހޯދުމަށެވެ. އެސްޓީއޯގެ ދައުވާގައި ބުނެފައި ވަނީ ދުބާއީގެ އެމިރޭޓްސް ނެޝަނަލް އޮއިލް ކޮމްޕެނީން (އިނޮކް) އިން އެ ކުންފުނިން އޯޑަރު ކުރި ތެޔޮ ގެނައުމަށްޓަކައި އެމްވީ ވިންޓާ ޗާޓަރު ކުރި ކަމަށާއި ބޯޓަށް ތެޔޮ އަރުވަން ފަށާފައި ވަނީ މިދިޔަ މަހު ފަހުކޮޅު ކަމަށެވެ. ބޯޓަށް ލޯޑް ކުރި ޖެޓް އޭ ވަން ފިއުލް ލޯޑްކުރަން ފެށުމުން ދެ ފަރާތުން އެއްބަސްވި މިނިވަން ސާވޭއަރެއް ތެލުގެ ކޮލެޓީ ބެލުމަށްޓަކައި ސާވޭ ކުރުމުން އެ ތެޔޮތައް ތަޣައްޔަރުވެފައިވާކަން އެނގުނު ކަމަށް އެ ދައުވާގައި ބުނެފައިވެ އެވެ.
އެ ތެލަކީ ވަރަށް ފަރުވާތެރިކަމާ އެކު ރައްކާކުރަންޖެހޭ ތެލެއް ކަމުން ބޯޓުގެ ޓޭންކުތައް ސާފު ކުރާނެ ގޮތުގެ ޕްރޮސީޖާއެއް ދީފައިވާނެ ކަމަށާއި ތެޔޮ ތަޣައްޔަރުވީ އެގޮތަށް އަމަލު ނުކުރުމުން ކަމަށް އެ ދައުވާގައި ބުނެ އެވެ. ތެޔޮ ތަޣައްޔަރުވެފައި ހުރުމުން އިތުރަށް ތެޔޮ ލޯޑްކުރުން ހުއްޓާލައި ބޯޓު މާލެ ގެނައީ ކަމަށް އެސްޓީއޯގެ ދައުވާގައި ބުނެ އެވެ. އަދި ތެލުގެ އަގު ދައްކައި ތެޔޮ ތަޣައްޔަރުވުމުން ލިބުނު ގެއްލުމަށް ޒިންމާވާންޖެހޭނެ ކަމަށް ބުނުމުން ކަސްޓަމްސްގެ ކްލިއަރެންސް ވެސް ނުހޯދައި ގެނައި ތެލާ އެކު ބޯޓު ފިލަން މަސައްކަތްކުރީ ކަމަށް ދައުވާގައި ބުނެ އެވެ. އެ ދައުވާގައި ބުނެފައިވާ ގޮތުން ނަމަ ބޯޓު ފިލައިގެން ދަނިކޮށް އަނބުރާ ގެނެސްފައި ވަނީ ސަލާމަތީ ބާރުތަކުންނެވެ.
އެ ދައުވާގައި އެދިފައި ވަނީ ތަޣައްޔަރުވި ތެލުގެ އަގަށްވާ 330،662 ޑޮލަރާއި ޑެޑް ފްރެއިޓަށް އެސްޓީއޯ އިން ދެއްކި 127،380 ޑޮލަރާއި އެހެން ބޯޓެއް ޗާޓަރު ކުރަންޖެހުމުން ހަރަދުވި 340،000 ޑޮލަރު (ގާތްގަނޑަކަށް 10،254،839ރ.)ޝަރީއަތުން ނަގައިދިނުމަށެވެ.
އެ މައްސަލައިގައި ބުދަ ދުވަހު ބޭއްވި ޝަރީއަތުގައި ގާޒީ އަލީ ނަސީރު ވިދާޅުވީ ޝަރީއަތުން ވަކި ގޮތެއް ކަނޑަނާޅަނީސް އެމްވީ ވިންޓާ އާއި އެ ބޯޓުގެ ކެޕްޓަން ޑަމްކޮނޮކްސް ވްލާޑިވްސްލަވްސް ނުފުރުމަށް އެންގުމަށް އެދި އެސްޓީއޯ އިން ވަގުތީ އަމުރަކަށް އެދިފައިވާ ކަމަށެވެ. ނަމަވެސް އެ ވަގުތީ އަމުރާ މެދު ގޮތެއް ނިންމޭނީ މައްސަލައިގެ ލިޔެކިޔުންތައް ދިރާސާ ކުރެއްވުމަށް ފަހު ކަމަށާއި އެކަމަކު މިހާރު ވެސް ވަގުތުން ޝަރީއަތުން އަޅަންޖެހޭ ފިޔަވަޅުތައް އަޅުއްވާފައިވާނެ ކަމަށެވެ. އެ ފިޔަވަޅަކީ ކޮބައިތޯ ދިފާއީ ވަކީލު ދީނާ ހުސެއިން އެއްސެވުމުން ގާޒީ ވިދާޅުވީ "ޝަރީއަތުން ގޮތެއް ކަނޑަޅާނީސް އެ ބޯޓު ނުފުރުމަށް އަންގާފައިވާނެ" ކަމަށެވެ.
އެސްޓީއޯ އިން އެދިފައިވާ ވަގުތީ އަމުރަށް ރައްދު ދެއްވަމުން ދީނާ ބުދަ ދުވަހު ވިދާޅުވީ ވިންޓާ ބޯޓުގެ ވެރިފަރާތަކީ ސެންޓެ ޝިޕް ހޯލްޑިންގްސް ކަމަށާއި އެ ކުންފުންޏާއި އެސްޓީއޯއާ ދެމެދު އެއްވެސް އެއްބަސްވުމެއް ނެތް ކަމަށެވެ. ބޯޓާ އެކު މި ވަގުތު އެއްބަސްވުމެއް ހަދާފައި ވަނީ ބޯޓު ޗާޓަރު ކޮށްފައިވާ ޔޫއޭއީގެ އޮލިމްޕިކް ޝިފިންގްއާ އެކު ކަމަށް ވަކީލާ ވިދާޅުވި އެވެ. އަދި އެ މައްސަލައިގައި އެމްޓީ ވިންޓާގެ މައްޗަށް ދައުވާ ނުއުފުލޭނެ ކަމަށް ވެސް ދީނާ ވިދާޅުވި އެވެ. ބޯޓާއި ކެޕްޓަން ހިފެހެއްޓުމަށް ކޯޓުން އަމުރެއް ނެރެންވާނީ ބޯޓުގެ އޯނަރާއި އެސްޓީއޯއާ ދެމެދު އެއްބަސްވުމެއް އޮތް ކަމަށް ކޮންމެވެސް ގޮތަކުން ކޯޓަށް ދޭހަވާ ނަމަ ކަމަށް ވެސް ދީނާ ވިދާޅުވި އެވެ.
އެސްޓީއޯއާ އެކު އެއްވެސް ސިފައެއްގައި އެއްބަސްވުމެއް އޮތީ އޮލިމްޕިކް ޝިޕިންގްއާ ކަމަށްވާތީ މި މައްސަލައިގައި ލިބުނު ގެއްލުމުގެ ބަދަލު ދައުވާ ކުރަންޖެހޭނީ އެ ފަރާތާ ކަމަށް ދީނާ ވިދާޅުވި އެވެ. ވަކީލާ ވިދާޅުވީ އެ މައްސަލައިގައި އޮލިމްޕިކް ޝިޕިންގްއާ ދެކޮޅަށް އެސްޓީއޯ އިން ދައުވާ ނުކުރަނީ އެ ކުންފުނީގެ އެއްވެސް އަގުހުރި މުދަލެއް ރާއްޖޭގައި ނެތިފައި ބޯޓު އޯނަރުންގެ މުދަލެއް ރާއްޖޭގައި އޮތުމުން ކަމަށެވެ. އަދި އެ މައްސަލައިގައި އެސްޓީއޯ އިން ދައުވާކުރަނީ ނުހައްގުން ކަމަށް ވެސް ދީނާ ވިދާޅުވި އެވެ.
ޗާޓާ ޕާޓީ އެގްރިމެންޓުގައިވާ ގޮތަށް ލަންޑަނުގައި ހިންގާ އާބިޓްރޭޝަންގެ (ކޯޓުން ބޭރުގައި މައްސަލަ ހައްލު ކުރުމުގެ އުސޫލުގެ) ދަށުން އެ މައްސަލަ ހައްލު ކުރުމަށް ބޯޓުގެ އޯނަރުން ތައްޔާރަށް ތިބި ކަމަށް ދީނާ ވިދާޅުވި އެވެ. އަދި އެފަދަ މައްސަލައެއް ކުރިއަށް ގެންދަން ބޭނުން ނަމަ ބޯޓުގެ އޯނަރުންގެ ފަރާތުން އޮލިމްޕިކް ޝިޕިން އަށް ސެކިއުރިޓީއެއް ދޭން ވެސް ތައްޔާރަށް ތިބި ކަމަށް އޭނާ ވިދާޅުވި އެވެ.
"އެހެނީ ބޯޓުގެ އޯނަރުންނާއި އެއްވެސް ސިފައެއްގައި ކޮންޓްރެކްޗުއަލް ރިލޭޝަންޝިޕެއް އޮތީ އޮލިމްޕިކް ޝިޕިންގްއާ އެކު ކަމަށް، އަދި މިހާރު ވެސް މިކަން ކުރިއަށް ގެންދިއުމަށްޓަކައި ފިޔަވަޅުތަކެއް އަޅަމުންދޭ،" ވަކީލާ ވިދާޅުވި އެވެ.
ދައުވާ ކުރާ ފަރާތުން އެދޭ ގޮތަށް ބޯޓާއި ކެޕްޓަން ހިފެހެއްޓުމުގެ ބަދަލުގައި ސެކިއުރިޓީއެއް ކޯޓަށް ހުށަހެޅޭނެ ގޮތަށް ހަމަޖައްސަން ބޭނުންވާ ކަމަށް ދީނާ ވިދާޅުވި އެވެ. އަދި ގެރެންޓީއެއް ދެވޭނީ ކޯޓަށް ކަމަށާއި ތެލަކީ އެސްޓީއޯގެ އެއްޗެއް ކަމަށް ސާބިތުކޮށް ނުދެވެނީސް އެ ފަރާތަށް ގެރެންޓީ ދިނުން ދަތިވާނެ ކަމަށް ވަކީލާ ވިދާޅުވި އެވެ.
ދީނާ ވިދާޅުވީ އެ ބޯޓުގައި ހުރި ޖެޓް ފިއުލަކީ އެސްޓީއޯގެ މުދަލެއް ކަމަށް ސާބިތުކޮށްނުދެވޭ ކަމަށެވެ. އެ ތެލަކީ އެސްޓީއޯގެ ތެލެއް ކަމަށް ބުނެ ކޯޓަށް މައްސަލަ ހުށަހަޅާފައިވާއިރު މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީން އެ ތެލަކީ އެ ކުންފުންޏަށް ގެނައި ތެލެއް ކަމަށާއި އެ ފަރާތުން ގަބޫލުކުރާ ގޮތަކަށް މައްސަލަ ނުނިމެނީސް ތެޔޮ އެއްވެސް ފަރާތަކަށް ދޫނުކުރުމަށް ކަސްޓަމްސް އަށް އަންގާފައިވާ ކަމަށް ދީނާ ވިދާޅުވި އެވެ.
ކްލިއަރެންސް ނުހޯދައި ބޯޓު ފުރި މައްސަލައިގައި ސަރުކާރުން ފިޔަވަޅު އަޅާފައިވާ ކަމަށް ވެސް ދީނާ ވިދާޅުވި އެވެ. އަދި ބޯޓު ފުރާފައި ވަނިކޮށް އަނބުރާ އައީ ބޯޓު އޯނަރުންގެ އެންގުމަކަށް ކަމަށާއި ދިފާއީ ބާރުތަކުން ނޫން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ