ޖުމްހޫރީ ޕާޓީގެ ޖަލްސާ ހިތަދޫގައި ކުރިއަށް ދަނިކޮށް ބަޔަކު ފުރާޅަށް ގާއުކައި، ހޯލުން ކަރަންޓް ކަނޑާލައި ހަމަނުޖެހުންތަކެއް ހިންގައިފި

ސ. ހިތަދޫން އަހުމަދު އަދުޝަން
ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހީމް ބުރާސްފަތި ދުވަހު ކެމްޕޭން ކުރެއްވުމަށް އައްޑު އަށް ވަޑައިގެން މި ރޭ ހިތަދޫ ސްކޫލުގައި ބޭއްވި ޖަލްސާ ކުރިއަށް ދަނިކޮށް އެ ސްކޫލްގެ ގޯތިތެރޭގައި ބަޔަކު އަޑުގަދަކޮށް، ފުރާޅަށް ގާ އުކައި، ހޯލުން ކަރަންޓް ކަނޑާލައި ހަމަނުޖެހުންތަކެއް ހިންގައިފި އެވެ.
މިރޭ 9.30 އެހާކަށްހާއިރު ފެށި ޖަލްސާ ކުރިއަށް ދިޔަ ހޯލުގެ ކައިރިއަށް ބަޔަކު އެއްވެ އަޑުގަދަކޮށްފައިވެ އެވެ. ޖަލްސާ ނިމެންދެން ވެސް އެއްވެފައި ތިބި މީހުން ހަޅޭއްލަވަމުން ދިޔަ އެވެ. އަދި އެ މީހުން ބޯޑުތަކެއްގައި ލިޔެގެން އެ ޕާޓީގެ އިސް ވެރިންނާ ދެކޮޅަށް ނުރުހުން ފާޅުކޮށްފައިވެ އެވެ. އެ މީހުން ގެންގުޅުނު ބޯޑުތަކުގައި "ގައުމުން ވައްކަން ހުއްޓުވޭނީ ވިޔަފާރިވެރިން ސިޔާސީ ކަންތައްތަކާ ދުރުވެގެން" ފަދަ އިބާރާތްތައް ލިޔެފައިވެ އެވެ. އަދި އަޑުގަދަކުރި މީހުން ހުތުރު ބަހުން ވެސް އަޑުގަދަކޮށް އެ މީހުންގެ ޝުއޫރުތައް ފަޅުކޮށްފައިވެ އެވެ.
މި ރޭގެ ޖަލްސާގައި އަޑުގަދަކޮށްފައި ވަނީ މިދިޔަ މަހު އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް މުހައްމަދު ނަޝީދު(އަންނި) ކެމްޕޭންކުރެއްވުމަށް ހިތަދޫގައި ބޭއްވި ޖަލްސާގައި ވެސް އަޑުގަދަކުރި ބައެއް މީހުން ކަން ފާހަގަކުރެވިފައިވެ އެވެ.
ޖަލްސާ ފެށުނުތަނާހެން އަޑުގަދަކޮށް، އަދި ހޯލުގެ ފުރާޅު މައްޗަށް ބޮޑެތި ގާބުރިތައް އުކަމުން ދިޔަ އެވެ. އަދި ޖަލްސާގެ ނިމެން ވަރަށް ކައިރިވެފައި ވަނިކޮށް ހޯލުން ވަނީ ކަރަންޓް ވެސް ކަނޑާލައިފަ އެވެ. ބަޔަކު އަޑުގަދަކޮށް ހަމަނުޖެހުން އުފެއްދި ނަމަވެސް އެޖެންޑާކޮށްފައިވާ ގޮތަށް ވަނީ ކުރިއަށް ގެންގޮސްފަ އެވެ.
ޖުމްހޫރީ ޕާޓީ އަށް ސަޕޯޓުކުރާ ގިނަ އަދަދެއްގެ ބަޔަކު ހާޒިރުވި މި ޖަލްސާގައި ވާހަކަ ދައްކަވަމުން ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހީމް ވިދާޅުވީ އޭނާ ވެރިކަމަށް ހޮވިއްޖެނަމަ ރާއްޖޭގެ ރައްޔިތުންނަށް ފާގަތި ދިރިއުޅުމެއް ހޯދައި ދެއްވާނެ ކަމަށާއި އައްޑު އަތޮޅުގެ ތަރައްގީ އަށް ވެސް ގިނަ ކަންތައްތަކެއް ކޮށްދެއްވާނެ ކަމަށެވެ.
މި ރޭގެ ޖަލްސާގައި ގާސިމްގެ އިތުރަށް އަދާލަތު ޕާޓީގެ ރައީސް ޝޭހު ހުސެން ރަޝީދާއި އިލްމުވެރިންގެ މަޖަލީހުގެ ރައީސް ޑރ. އަބްދުލް މަޖީދު އަބްދުލް ބާރީ ވެސް ވާހަކަ ދެއްކެވި އެވެ. މީގެ އިތުރުން އެމްއެންސީގެ ލީޑަރު މުހައްމަދު ނައީމާއި ޖުމްހޫރީ ޕާޓީގެ ނާއިބް ޒައީމް އަބްދުﷲ ޖާބިރު ވެސް ވާހަކަ ދެއްކެވި އެވެ. އެބޭފުޅުންގެ ވާހަކައިގައި، ޖަލްސާ ކުރިއަށް ދިޔަ އިރު ހަމަނުޖެހުން އުފެއްދި މީހުންނަށް އިޝާރާތްކޮށް ވަރަށް ބޮޑަށް ވާހަކަ ދެއްކެވި އެވެ. އަދި އެބޭފުޅުން ވިދާޅުވީ ޖުމްހޫރީ ޕާޓީ އަށް އައްޑު އަތޮޅުން 90 ޕަސެންޓް ލިބޭނެ ކަމަށް ޔަގީންކުރާ ކަމަށާއި ރިޔާސީ އިންތިހާބު ކާމިޔާބުކޮށް ނޮވެމްބަރު މަހުގެ 11 ވަނަ ދުވަހު ހުވާކުރައްވާނީ އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ކަމަށެވެ.
ޖަލްސާ ނިންމަވާލައްވައި ގާސިމް ވަޑައިގެންނެވި އިރު ވެސް ސްޓާ ފޯސް ސްކޫލު ކައިރީގައި ހަރަކާތްތެރިވަމުން ދިޔަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ