އިއްޔެ ބޭއްވި ލޯކަލް ކައުންސިލް އިންތިހާބަކީ އެމްޑީޕީ އުފެދުނީއްސުރެ މިހާތަނަށް އެ ޕާޓީ އަށް ލިބުނު އެންމެ ބޮޑު ކާމިޔާބީ ކަމަށް އެމްޑީޕީގެ ލޯކަލް އިންތިހާބުގެ ކެމްޕޭން ޓީމުގެ ސްޕޯކްސްޕާސަން އަދި ކުރީގެ ފޮރިން މިނިސްޓަރު ޑރ. އަހުމަދު ޝަހީދު ވިދާޅުވެއްޖެ އެވެ.
އެމްޑީޕީ އޮފީހުގައި މިއަދު މެންދުރުފަހު ބޭއްވި ނިއުސް ކޮންފަރެންސެއްގައި ޑރ. ޝަހީދު ވިދާޅުވީ އިންތިހާބުން މިހާތަނަށް ލިބިފައިވާ ކާމިޔާބީން އެމްޑީޕީން "އަނެއް ދިވެހިރާއްޖެ ރަށަށް" ގެންދިއުމަށް ކުރަމުން އަންނަ މަސައްކަތް ވަރަށް ބޮޑަށް ކުރިއަށް ހިނގައްޖެ ކަމަށާއި އިއްޔެގެ އިންތިހާބަކީ ލާމަރުކަޒީ ނިޒާމު ގާއިމުކުރުމުގެ މަސައްކަތައް ހުޅުވުނު ދޮރެއް ކަމަށެވެ.
"މި ވޯޓުގައި އަސްލު ބައްލަވަންވީ މަންޒަރު. ކޮންމެ ގޮނޑިއެއް ވެސް މުހިންމު. އެހެންނަމަވެސް ލިބޭ ގޮނޑީގެ އަދަދަށްވުރެ މުހިންމު އެހެން ކަމެއް އެބައޮތް. އެއީ ރައްޔިތުންގެ ތާއީދު [ސަރުކާރަށް] އޮތް މިންވަރު ހާމަވެގެން ދިއުން،" ޑރ. ޝަހީދު ވިދާޅުވި އެވެ. "ކެމްޕޭން ފެށިގެން ދިޔައިރު ބައެއް ފަރާތްތަކުން ވިދާޅުވި މި ވޯޓަކީ ސަރުކާރު ވައްޓާލުމަށް އޮތް ޗާންސެކޭ. އެ ބޭފުޅުން ވިސްނަމުން ގެންދިޔައީ ޕޮޕިއުލާ ވޯޓަކީ ވެސް ބަލަންޖެހޭ އެއްޗެކޭ. އަޅުގަނޑު ދަންނަވާނީ ރަނގަޅަށް ބައްލަވާށޭ، ކޮބާތޯ ދައްކާ ގޮތަކީ. މި ސަރުކާރު ވައްޓާލުމުގެ ޖާގައެއް ނެތްކަން ރައްޔިތުން ވަރަށް ރަނގަޅަށް ހާމަކޮށްދެއްވައިފި އިއްޔެ ދެއްވި ވޯޓުން."
ޑރ. ޝަހީދު ވިދާޅުވީ މިއަދުގެ ވަގުތެއްގައި ރައީސް މުހައްމަދު ނަޝީދު ޑީއާރުޕީގެ ލީޑަރު އަހުމަދު ތަސްމީން އަލީއާ ގުޅުއްވި ކަމަށާއި، އެމްޑީޕީ އާއި ޑީއާރުޕީއާ ގުޅިގެން ރާއްޖޭގެ ތަރައްގީއަށްޓަކައި މަސައްކަތް ކުރުމުގެ މައްޗަށް ވާހަކަދެއްކެވި ކަމަށެވެ.
އެމްޑީޕީގެ ޅ. ނައިފަރު ދާއިރާގެ ރައީސްކަން ވެސް ކުރައްވާ ޑރ. ޝަހީދު ވިދާޅުވީ ދުނިޔޭގެ އެހެން ގައުމުތަކަށް ބަލާއިރު ދައުރެއްގެ މެދުތެރެއިން ބާއްވާ އިންތިހާބުތަކުގައި ގިނަފަހަރަށް ސަރުކާރު ނާކާމިޔާބުވާ ކަމަށެވެ.
"ނަމަވެސް [އެމްޑީޕީ އަށް] މި ލިބުނު ކާމިޔާބީއަކީ ވަރަށް ބޮޑު ކާމިޔާބީއެއް، ވަރަށް ފުރިހަމަ ކާމިޔާބީއެއް،" ޑރ. ޝަހީދު ވިދާޅުވި އެވެ.
ޑރ. ޝަހީދު ވިދާޅުވީ ބޮޑެތި އާބާދީތައް ހިމެނޭ ދާއިރާތަކުން ޑީއާރުޕީ އަށް ނާކާމިޔާބު ލިބުމުގައި ތަފާތު ސަބަބުތައް އެބަހުރި ކަމަށާއި، މީހުންނަށް ޑީއާރުޕީ ސިފަކުރެވެނީ ކުރީ ޒަމާނެއްގެ ޕާޓީއެއް ކަމަށެވެ.
"އެބޭފުޅުންގެ މެދުގައި ވިސްނުން ހުރީ ވެސް އެކަހަލަ ގޮތަކަށް. އަޅުގަނޑު ފާހަގަކޮށްލަން ބޭނުންވަނީ މި އިންތިހާބުގައި ބޮޑެތި އާބާދީތަކުން އެހާ ބޮޑަށް އެމްޑީޕީ އަށް ތާއީދު ލިބިގެން އެ ދިޔައީ އަދިވެސް ދިވެހި ރައްޔިތުންގެ ހިތްޕުޅުގައި ޑިމޮކްރެސީ އާއި ހެޔޮވެރިކަމާ ގުޅުވާ ޕާޓީއަކީ އެމްޑީޕީ ކަމުގައިވާތީ،" ޑރ. ޝަހީދު ވިދާޅުވި އެވެ.
މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި އެމްޑީޕީން ބުނީ އިންތިހާބަށް ކުރިމަތިލީ ރައީސް ހަމަޖައްސަވާފައިވާ ކައުންސިލަރުން މަގާމުން ވަކިކުރުމަށްފަހު ކަމަށާއި، އިންތިހާބުގެ ތެރޭގައި ދިމާވި މައްސަލަތައް ކުރިމަތިވީ ކުރީގެ ކަތީބުން ޒިންމާދާރު ވެރިންގެ ގޮތުގައި ތިބެގެން އިންތިހާބަށް ނުފޫޒު ފޯރުވުމަށް ކޮންމެވެސް ކަހަލަ މަސައްކަތްތަކެއް ކުރުމާ ގުޅިގެން ކަމަށެވެ.
ކައުންސިލް އިންތިހާބުގެ ދެ ދާއިރާ ފިޔަވައި ހުރިހާ ދާއިރާއެއްގެ ވަގުތީ ނަތީޖާ އިއުލާންކޮށްފައިވާ އިރު އެމްޑީޕީން ވަނީ މާލޭ ސިޓީ ކައުންސިލުގެ 11 ގޮނޑީގެ ތެރެއިން ނުވަ ގޮނޑި ކާމިޔާބުކޮށް އައްޑޫ ސިޓީ ކައުންސިލުގެ ހުރިހާ ގޮޑިއެއް ހޯދައިފަ އެވެ. މީގެ އިތުރުން ވެސް، އާބާދީ ބޮޑެތި ރަށްރަށުގެ ގޮތުގައި ފާހަގަކުރެވޭ ފުވައްމުލަކާއި ދިއްދޫގެ ވެސް އަގުލަބިއްޔަތު ހޯދާފައިވަނި އެމްޑީޕީންނެވެ.
ކައުންސިލް އިންތިހާބަކީ މިހާތަނަށް އެމްޑީޕީއަށް ލިބުނު އެންމެ ބޮޑު ކާމިޔާބީ: ޑރ. ޝަހީދު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ