މުލީއާގެ ކައިރީގައި ބޮން ގޮއްވަން ރޭވީ ރައީސް އަވަހާރަކޮށްލަން: އުމަރު

މުލިއާގެ ކައިރީގައި އޮތް ވެހިކަލެއްގައި ގޮއްވާލަން ތައްޔާރުކޮށް ބާއްވާފައި އޮތް އައިޑީއަކީ ސީދާ ރައީސް އަބްދުﷲ ޔާމިން އަވަހާރަކޮށްލުމުގެ ނިޔަތުގައި ބާއްވާފައި އޮތް އެއްޗެއް ކަމަށް ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެ އެވެ.
މިނިސްޓަރު އުމަރު މިހެން ވިދާޅުވީ މިއަދު ފާހަަގަކުރާ ނަސްރުގެ ދުވަހުގެ މުނާސަބަތުގައި މިރޭ ހދ. ކުޅުދުއްފުށީގައި ބޭއްވި ހާއްސަ ޖަލްސާ ޝަރަފުވެރިކޮށްދެއްވާ ދެއްކެވި ވާހަކަފުޅުގަ އެވެ.
އުމަރު ވިދާޅުވީ މުލިއާގެ ކައިރީގައި އައިއީޑީ އެއް ބޭއްވީ ރައީސް ކޮންމެ ދުވަހަކުވެސް އެ މަގުން ދަތުރުކުރައްވާކަން އިނގޭތީ އެމަނިކުފާނު އެ ހިސާބަށް އަރާހަމަވުމުން ގޮއްވާލަން އަމާޒުކޮށްގެން ކަމަށެވެ.
"އެމަނިކުފާން ގެއަށް ވަޑައިގަތުމަށްޓަކައި މި މަގުން ވަރަށް ގިނައިން ދަތުރު ކުރައްވާ. އެހެންވީމާ މި ދަންނަވާ ބޮން އެ މަނިކުފާން ދަތުރު ކުރައްވާ މަގުގައި އޮތް ވެހިކަލެއްގެ ތެޔޮ ތާންގީގެ މަތީގައި ބާއްވާފައި އެ މަނިކުފާނުގެ ކާރު އަރާ ހަމަވީމާ އޭތި ގޮއްވާލުމުގެ މަގުސަދުގައި ކޮށްފައި އޮތް ކަމެއް އަޅުގަނޑުމެންނަށް ގަބޫލުކުރެވޭ،" މިނިސްޓަރު ވިދާޅުވި އެވެ.
އުމަރު ވިދާޅުވީ ރައީސްގެ ކާރުކޮޅަށް ހަމަލާ ދެވުނު ނަމަ ކާރުކޮޅު ވަރަށް ދުރަށް ވިއްސައިގެން ދާނެ ކަމަށާއި އަދި އެ ސަރަހައްދުގެ ގެތަކަށް ވަރަށް ބޮޑެތި ގެއްލުންތައްވެ އެތައް ބައެއްގެ ފުރާނަ ދިއުމަކީވެސް ހަމަ ގާތް ކަމެއް ކަމަށެވެ. އަދި ވިދާޅުވީ ގޮއްވާލަން އުޅުނު ޑައިނަމައިޓަކީ ފަރުތަކާއި ފަރުބަދަ ފަދަ ތަންތަން ގޮއްވާލަން ބޭނުން ކުރާ ޒާތުގެ ބާރުގަދަ އެެއްޗެއް ކަމަށެވެ.
ނޮވެމްބަރު ތިނެއްގެ ހާދިސާ ހިނގި ދުވަސްވަރު ސިފައިންގޭގައި މަސައްކަތް ކުރެއްވި ހޯމް މިނިސްޓަރު އުމަރު އެ ހާދިސާގެ ހަނދާންތައް އާކުރައްވަމުން ވިދާޅުވީ މިފަދަ އުދުވާނީ ހަމަލާތައް ދެނީ ރާއްޖޭގެ ވެރިކަމަށް ދަހިވެތިވެގެން އުޅޭ ހާއިނުން ކަަމަށެވެ. ރިޔާސީ ލޯންޗްކޮޅަށް ހަމަލާދިނީ ވެސް ވެރިކަމުގެ ދަހިވެތި ކަމުގައިވެސް ވިދާޅުވި އެވެ.
އުމަރު ނަސީރު އިތުރަަށް ވިދާޅުވީ ވެރިކަމުގެ ދަހިވެތި ކަމުގައި ހަމަލާދޭން މަަސައްކަތް ކުރި ނަމަވެސް ދިވެހި ރައްޔިތުންގެ ސަލާމަތާ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އަބަދުވެސް ސަލާމަތީ ބާރުތަކުން މަސައްކަތް ކުރާނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ