މ. ލާލްޕޫލްގެ އެއް ރުފިޔާއަށް ވިއްކާލައި އެގޭގެ މިލްކްވެރިކަން ބަދަލުކޮށް ސިވިލް ކޯޓުން ނެރުނު ހުކުމް ސުޕްރީމް ކޯޓުން މިއަދު ބާތިލްކޮށްފި އެވެ.
މ. ޕިންކް ފުލާވަރ، ހުސައިން މުހައްމަދުފުޅުގެ ނަމުގައި ރަޖިސްޓްރީ އޮތް 1102 އަކަފޫޓުގެ މ. ލާލްޕޫލް ހުރި ބިމާއި އެބިމުގައިވާ އެންމެހައި އިމާރާތަކާއި ނުއުފުލޭ މުދާ އީވް މޯލްޑިވްސް ޓްރެވަލް އެންޑް ޓްއާސް ޕްރައިވެޓް ލިމިޓެޑް ކިޔާ ކުންފުންޏަކަށް އެއް ރުފިޔާއަށް ވިއްކާލާފައިވާތީ އެގޭގެ މިލްކްވެރިކަން އީވް މޯލްޑިވްސް ބަދަލުކޮށް ސިވިލް ކޯޓުން މިމައްސަލަ ނިންމާފައިވަނީ މިދިޔަ ސެޕްޓެމްބަރު މަހުގެ ފަހު ހަފްތާ ތެރޭގަ އެވެ.
ސިވިލް ކޯޓުގެ މިހުކުމް ބާތިލްކޮށް ސުޕްރީމް ކޯޓުން މިރޭ ނެރުނު އަމުރުގައި ބުނެފައިވަނީ ސިވިލް ކޯޓުގެ މި ގަޒިއްޔާއަކީ އަދުލު އިންސާފުގެ ބޭނުން ނަހަމަ ގޮތުގައި ހިފުމަށް މަގުފަހިވާ ގޮތަށް ޝަރުއީ ގޮތުން އަގެއް ކަމަށް ނުބެލޭވޭ އަދި ފާޅުކަން ބޮޑު ގޮތެއްގައި މުދަލެއް އޭގެ ނުއަގުގައި ވިއްކުމަށް ހުކުމްކޮށްފައިވާ ގަޒިއްޔާއެއް ކަމަށެވެ. އެހެންކަމުން ސިވިލް ކޯޓުގެ މިގަޒިއްޔާ އަކީ ނިޒާމް އާންމާ ޚިލާފު، އަދި ތަންފީޒީ ބާރު ލިބިގެން ނުވާ ބާތިލް ގަޒިއްޔާއެއް ކަމަށް ކަނޑައަޅާ ކަމަށްވެސް ސުޕްރީމ ކޯޓުގެ އަމުުރުގައިވެ އެވެ.
މ. ލާލްޕޫލްގެ ވިއްކުމާއި ގޯތީގެ މިލްކުވެރިކަން ބަދަލުކުރުމަށް އެގޯތީގެ ވެރިފަރާތުން ސިވިލް ކޯޓަށް މައްސަލަ ހުށަހެޅުމުން އެކޯޓުން ކޮށްފައިވާ ހުކުމުގައި ބުނެފައިވަނީ އެ ގޯތި އީވް މޯލްޑިވްސް ޓްރެވަލް އެންޑް ޓްއާސްއަށް އެއް ރުފިޔާއަށް ވިއްކާލުމަށް ގޯތީގެ ވެރިފަރާތުން އެއްބަސްވާ ކަމަށާއި ގޯތި ވިއްކި އަގު ކަމަށްވާ އެއްރުފިޔާ ހަމައަށް ލިބި ހަލާސްކޮށްފައިވާ ކަމަށް ެގޯތީގެ ވެރިފަރާތުން ޝަރީއަތުގައި ބުނެފައިވާ ކަމަށެވެ.
މީގެއިތުރުން އެ ހުކުމުގައި ބުނެފައިވަނީ ދިރިއުޅުމަށް ދޫކުރެވޭ ބަންޑާރަ ބިމެއް އަމިއްލަ ކުރުމަށްފަހު އެބިން ވިއްކާ ހާލަތުގައި ރާއްޖޭގެ ބިމާއި ބެހޭ ގާނޫނުގެ 18 ވަނަ މާއްދާ މިހާރު އޮތް ގޮތުން އެ މާއްދާގެ (ރ)ގައި ބުނެފައިވާ ޓެކްސް ނެގޭނީ ބިން ވިއްކާ ފަރާތުން އެބިން ވިއްކުމަށް ކަނޑައެޅި އަގުގެ 15 ޕަސެންޓް ކަމަށް ހައިކޯޓުގެ ގަޒިއްޔާގައި ބުނެފައިވާ ކަމަށެވެ. އެހެންކަމުން ބިމުގެ އަގުން ސަރުކާރަށް ދައްކަންޖެހޭ ޓެކްސް ދައްކާފައިވާ ކަމަށް ގޯތީގެ ވެރިފަރާތުން ޝަރީއަތުގައި ބުނެފައިވާ ކަމަށާއި ބިމުގެ އަގުގެ 15 ޕަސެންޓް ޓެކްސްއަށްވާ 15 ލާރި ސަރުކާރަށް ދެއްކުމުން އެ ފައިސާ މީރާއިން ބަލައިގަނެފައިވާކަން ފައިސާގެ ރަސީދުން އިނގެން އޮތް ކަަމަށް ހުކުމުގައިވެ އެވެ.
މިހުކުމަށް ފަހު ބިމާ ބެހޭ ގާނޫނަށް މިހާރު ވަނީ އިސްލާހު ގެނެސްފަ އެވެ.
އެ ގޯތި ވިއްކި ފަރާތުން ޝަރުއީ ގޮތުން ބަލަންޖެހޭ އޭނާގެ ދެ ދަރިން ދިރިއުޅެވޭނެ އެހެން ގޯއްޗެއް ހުރުމާއެކެ އެއްވެސް ދައްޗެއް ނެތި އެ ދެ ދަރިންނަށް ދިރިއުޅެވޭނެ ކަމަށް ގޯތި ވިއްކި ފަރާތުންނާއި އޭނާގެ ދެ ދަރިންވެސް ޝަރީއަތުގައި ބުނެފައިވާ ކަމަށްވެސް ސިވިލް ކޯޓުގައި ހުކުމުގައިވެ އެވެ. މީގެއިތުރުން އެ ގޯތީގެ ބިމާއި އެބިމުގައިވާ އިމާރާތްތަކާއި ނުއުފުލޭ މުދަލުގެ މިލްކުވެރިކަމުގައި އެހެން ފަރާތެއްގެ ހައްގެއް ނުވަތަ ހައްގުގެ ބައެއްވިޔަސް ހިމެނިފައިވެގެން އެއްވެސް ފަރާތަކުން ދައުވާއެއް ނުވަތަ ޝަކުވާއެއްވިޔަސް ހުށަހެޅުމަށް ކޯޓުން އިިއުލާން ކުރުމުން އެއްވެސް ފަރާތަކުން އިޖާބަދީފައި ނުވާކަމަށްވެސް ހުކުމުގައިވެ އެވެ. އެހެންކަމުން މ. ލާލްޕޫލްގޭގެ މިހާރުގެ މިލްކުވެރި ފަރާތަކީ އީވް މޯލްޑިވްސް ޓްރެވަލް އެންޑް ޓްއާސް ޕްރައިވެޓް ލިމިޓެޑް ކަމަށް ސިވިލް ކޯޓުން ވަނީ ކަނޑައަޅާފަ އެވެ.
މާލެއިން ގޯއްޗެއް އެއް ރުފިޔާއަށް ވިއްކާލާ ސިވިލް ކޯޓުން ނިންމި މައްސަލަ ސުޕްރީމް ކޯޓުން ބާތިލްކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ