އަބްދުﷲ ގާޒީ ހައްޔަރު ކުރި މައްސަލައިގެ ހުރިހާ ޝަރީއަތްތަކެއް މަޑުޖައްސާލައިފި

ހައިކޯޓުން ކުރި އަމުރާ އެކު ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ގާނޫނާ ޚިލާފައް ހައްޔަރު ކުރި މައްސަލާގައި ދައުވާ ކޮށްފައިވާ ހުރިހާ ބޭފުޅުންގެ ޝަރީއަތް ވެސް މެދުކަނޑާލައިފި އެވެ.
ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓުގެ މައްޗަށް ހައިކޯޓުން އިއްޔެ ކުރި އަމުރުގައި ބުނަނީ ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓުގެ ފަނޑިޔަރުންގެ ބެންޗަކީ ގާނޫނާ ޚިލާފަށް އެކުލަވާފައިވާ ބެންޗެއް ކަމަށް ކަނޑައަޅައި ދިނުމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު އެ ކޯޓަށް މައްސަލައެއް ހުށަހަޅާފައި ވާތީ އެ މައްސަލައާ މެދު ހައިކޯޓުން ވަކިގޮތެއް ކަނޑައަޅަން ދެން އެމަނިކުފާނުގެ ޝަރީއަތް ކުރިއަށް ނުގެންދިޔުމަށް އަމުރުކުރާ ކަމަށެވެ.
ސަން އަށް މައުލޫމަތު ދެއްވަމުން ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓުގެ އޮފިޝަލަކު ވިދާޅުވީ ހައިކޯޓުން އެ އަމުރު ނެރެފައި ވަނީ އެ ކޯޓުގެ ފަނޑިޔަރުންގެ ބެންޗުގެ ސައްޚަކަމާ މެދު ސުވާލު އުފައްދައި ހުށަހެޅި މައްސަލައަކާ ގުޅިގެން ކަމަށްވާތީ އެ ބެންޗުން ބަލަމުން ގެންދިޔަ ހުރިހާ މައްސަލަ އެއްވެސް މެދުކަނޑާލާފައިވާ ކަމަށެވެ.
އެ ބެންޗުން މީގެ ފަހުން އެއްވެސް މައްސަލައެއް ބައްލަވާނީ ހައިކޯޓަށް ހުށަހެޅިފައިވާ މައްސަލައިގައި އެ ކޯޓުން ނިންމާ ގޮތެއްގެ މަތިން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އަބްދުﷲ ގާޒީ ހައްޔަރު ކޮށް 22 ދުވަސް ވަންދެން ކ. ގިރިފުށީގައި ބެހެއްޓި މައްސަލައިގައި ރައީސް ނަޝީދުގެ އިތުރުން ދައުވާ ކޮށްފައި ވަނީ ކުރީގެ ޑިފެންސް މިނިސްޓަރު ތޮލްހަތު އިބްރާހީމް ކަލޭފާނައި ކުރީގެ ޗީފް އޮފް ޑިފެންސް ފޯސް މޫސާ އަލީ ޖަލީލު އާއި ކުރީގެ ސިފައިންގެ މާލޭ އޭރިއާ ކޮމާންޑަރު އިބްރާހީމް މުހައްމަދު ދީދީގެ އިތުރުން ކާނަލް މުހައްމަދު ޒިޔާދުގެ މައްޗަށެވެ.
ގާނޫނުލް އުގޫބާތުގެ 81 ވަނަ މާއްދާގެ ދަށުން އެ ހުރިހާ ބޭފުޅުންގެ މައްޗަށް ވެސް ކޮށްފައި ވަނީ ކުށް ނުކުރާ މީހަކު ގަސްތުގައި ހިފައި ހައްޔަރު ކުރުމުގެ ކުށުގެ ދައުވާ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ