ސްޕެއިންގެ ފުޓްބޯޅަ މުބާރާތްތައް މުއްދަތެއް ނެތި މެދުކަނޑާލަނީ

ޓީވީ ރައިޓްސް ދިނުމާއި އަދި އެނޫންވެސް ލިބޭ އާމްދަނީއާއި ގުޅޭ ކަންކަމުގައި ސްޕެއިންގެ ސަރުކާރާއި އެގައުމުގެ ފުޓްބޯޅަ ފެޑެރޭޝަނާ ދެމެދު އުފެދިފައިވާ ދެބަސްވުންތަކަށް ހައްލެއް ލިބިފައި ނުވާތީ، ޑޮމެސްޓިކް ހުރިހާ ފުޓްބޯޅަ މުބާރާތެއް މެދުކަނޑާލުމަށް ސްޕެއިންގެ ފުޓްބޯޅަ ފެޑެރޭޝަނުން ނިންމައިފި އެވެ. ސްޕެނިޝް ފުޓްބޯޅަ ފެޑެރޭޝަނުން ނެރުނު ބަޔާނެއްގައި ވަނީ، ޕޫލްސް ރެވެނިއުގެ ގޮތުގައި މިހާރު އެންމެ 4.55 ޕަސެންޓް ލިބޭގޮތަށް އޮންނަ އޮތުމާ ދޭތެރޭގައި އެ ފެޑެރޭޝަނުން ހިތްހަމަ ނުޖެހޭ ކަމަށެވެ. ފުޓްބޯޅަ ސީޒަން ގާތްގަނޑަކަށް ނިމުމަކާ ގާތްވެފައި ވަނިކޮށް ސްޕޭންގެ ފުޓްބޯޅައިގެ މައި އިދާރާއިން މިހާރު ނިންމާފައިވަނީ މިމަހުގެ 16 ވަނަ ދުވަހުން ފެށިގެން ހުރިހާ ފުޓްބޯޅަ މުބާރާތްތައް ވަކި މުއްދަތެއް ނެތްގޮތަށް ސަސްޕެންޑް ކުރުމަށެވެ. އޭގެ ތެރޭގައި ސްޕެނިޝް ލީގުގެ ބާކީ ހުރި މަދު މެޗުތަކާއި ސްޕެނިޝް ކަޕްގެ ފައިނަލް ވެސް ހިމެނެއެވެ. ސްޕެނިޝް ލީގުގައި ކޮންމެ ޓީމަކަށް ވެސް ބާކީ ތިންވަރަކަށް މެޗު އޮތް އިރު، ދެ ޕޮއިންޓުގެ ތަފާތަކުން ވާދަވެރި ރެއާލް މެޑްރިޑްގެ މައްޗަށް ކުރިހޯދައި ލީގު ތާވަލުގެ އެއްވަނައިގައި މިވަގުތު އޮތީ ބާސެލޯނާއެވެ. ސްޕެނިޝް ފުޓްބޯޅަ ފެޑެރޭޝަންގެ ބަޔާނުގައި ބުނެފައިވަނީ، މުބާރާތްތައް ސަސްޕެންޑުކުރަން ނިންމީ، ތިން މަސްދުވަސް ވަންދެން ސަރުކާރާއެކު ކުރިއަށް ގެންދިޔަ މަޝްވަރާތައް ނާކާމިޔާބުވުމުން ކަމަށެވެ. މިކަމާ ގުޅިގެން ސްޕެއިންގެ ސަރުކާރުން އަދި މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނުވެއެވެ. ފުޓްބޯޅައިގެ ތަޖްރިބާކާރުން ދެކޭ ގޮތުގައި ސްޕެއިންގެ ފުޓްބޯޅަ ފެޑެރޭޝަނުން މިފަދަ ފިޔަވަޅެއް އަޅަން ނިންމާފައި މިވަނީ، ހަފްތާ ބަންދާ ދިމާކޮށް ފުޓްބޯޅަ ކުޅުންތެރީން ވަރުގަދަ އިހްތިޖާޖަކަށް ނުކުތުމަށްވެސް ތައްޔާރުވެފައިވާތީ އެވެ. ކުޅުންތެރީން ގަބޫލުކުރާ ގޮތުގައި، މިހާރު އޮންނަގޮތުން ޓީވީ ރައިޓްސް ދިނުމުގައި ކުދި ކްލަބްތަކާއި ބޮޑެތި ކްލަބްތަކާ ދެމެދު ބޮޑެތި ތަފާތުކުރުންތަކެއް ގެންގުޅެއެވެ. އެގޮތުން ރެއާލް އަދި ބާސާއަށް ޓީވީ ރައިޓްސް ދިނުމުގައި އެހެން ކްލަބްތަކާ ދެމެދު ބޮޑެތި ތަފާތުކުރުންތަކެއް ގެންގުޅޭކަމަށް ބުނެއެވެ. ފެޑެރޭޝަންގެ ބަޔާނުގައި ވަނީ، ސަރުކާރާއެކު މަޝްވަރާކޮށްގެން ކަންކަން ހައްލުކުރުމަށް އެ އިދާރާއިން އަދިވެސް ތައްޔާރަށް އޮތްކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ