ހިމަންދޫ މައްސަލާގައި ޓެރަރިޒަމްގެ ދަޢުވާކުރި ފަރާތެއްގެ މައްޗަށް އެތުހުމަތު ސާބިތުނުވާކަމަށް ކޯޓުން ކަނޑައަޅައިފި

އދ.ހިމަންދޫގައި 2007ވަނަ އަހަރު ފުލުހުންނާއި ސިފައިނާ ކުރިމަތިލައި ހަމަނުޖެހުން ހިންގި މައްސަލައިގައި ޓެރަރިޒަމްގެ ތުހުމަތުގައި ދަޢުވާ އުފުލާފައިވާ ފަރާތެއްގެ މައްޗަށް އެމައްސަލަ ސާބިތުނުވިއެވެ. މިމައްސަލާގައި ދަޢުވާ އުފުލާފައިވަނީ ހދ.ހިމެންދޫއަށް ނިސްބަތްވާ މީހެއްގެ މައްޗަށެވެ. މިދަޢުވާ ހުށަހަޅާފައިވަނީ 2010ވަނަ އަހަރުގައެވެ. މިދަޢުވާކޮށްފައިވަނީ މޫނު ނިވާކޮށްގެން ތިބެ ފުލުހުންނާއި ސިފައިންނާ ކުރިމަތިލައި، އެފަރާތްތަކަށް ގެއްލުންދީ އެފަރާތްތަކުން ގެންގުޅު ސާމާނަށް ގެއްލުންދީ، ފުލުހުންގެ ޤާނޫނީ ވާޖިބަށް ހުރަސްއެޅުމުގެ އިތުރަށް، ހިމެންދޫގައި ސިފައިންގެ ބޭކަލަކު ރަހީނުކޮށް އޭނާއާމެދު އަނިޔާވެރި ޢަމަލުތައް ހިންގުމުގައި ދަޢުވާ ރައްދުވާ ފަރާތުން ބައިވެރިވެފައިވާ ކަމުގައި ބުނެއެވެ. މިދަޢުވާއަށް ދަޢުވާރައްދުވާ ފަރާތުންވަނީ އިންކާރުކޮށްފައެވެ. އަދި އޭނާ ބުނެފައިވަނީ އެދުވަހު އެކަންކަން ހިނގި ތަނަށް އޭނާ ނުދާ ކަމުގައެވެ. ނަމަވެސް ދައުލަތުގެ ފަރާތުންވަނީ ހެކި ހުށަހަޅާފައެވެ. ދައުލަތުން ހުށަހަޅާފައިވާ ހެކިވެރިންނަކީ އެދުވަހު އެތަނުގައި ހަރަކާތްތެރިވެވަޑައިގެންނެވި ފުލުހުންނާއި ސިފައިންނެވެ. ދަޢުވާ ލިބޭ ފަރާތުން ހެކިވެރިންގެ ގޮތުގައި ހުށަހަޅާފައިވާ ދެހެކިންގެ ތެރެއިން އެއް ހެކިވެރިޔާ ބުނެފައިވަނީ ދަޢުވާ ލިބޭ ފަރާތް އެދުވަހު އުޅުނީ ދަޢުވާ ލިބޭ ފަރާތުގެ ގެ ކައިރީގައި ބަންނަމުން އައި އޮޑިއެއް ބަނުމުގައި އޭނާގެ އަތްދަށު ވަޑިއެއްގެ ގޮތުގައި ކަމުގައެވެ. އަދި އެދުވަހު ހަމަނުޖެހުންތައް ހިނގި ސަރަހައްދަށް ދަޢުވާ ލިބޭ ފަރާތް ނުދާ ކަމުގައިވެސް ބުނެފައިވެއެވެ. ޤާޒީގެ ނިންމެވުމުގައި ބެއްލެވި ކަންކަމުގެ ތެރޭގައި ދަޢުވާ ލިބޭ ފަރާތް ހާދިސާ ހިނގި ތަނުގައި ހުރިކަމަށް ދައުލަތުން ހުށަހެޅި ހެކިވެރިން ބުނެފައިވީނަމަވެސް އެފަރާތަކީ އެހެކިވެރިން ދެކެފަރިތަ ދަންނަ މީހެއް ނޫން ކަމުގައާއި ހެކިބަސްދީފައިވަނީ އެދުވަހުގެ ވީޑިޔޯއާއި ފޮޓޯތަކަށް ބަލައިގެން ކަމުގައި ހެކިވެރިން ބުނެފައިވާ ކަމުގައެވެ. އަދި ދައުލަތުން އެދުވަހުގެ ވީޑިޔޯ އަދި ފޮޓޯއެއްވެސް ހެކީގެ ގޮތުގައި ހުށަހަޅާފައިނުވާކަން ޤާޒީ ފާހަގަކުރައްވާފައިވެއެވެ. ހެކިބަސްދިން ފުލުހުންގެ ހެކިބަހަކީ ލޮލަށް ފެނުނު މަންޒަރެއްގެ މައްޗަށް ބިނާކޮށް ދީފައިވާ ހެކިބަހަކަށްވުރެ ބޮޑަށް އެއީ ވީޑީޔޯއާއި ފޮޓޯއަށް ބިނާކޮށް ދީފައިވާ ހެކިބަހަކަށްވާތީ،  އެހެކިބަހަށް މާބޮޑު ބުރަދަނެއް ދެވެން ނެތުމާއެކު، ދިފާޢީ ހެކިބަހުން ދަޢުވާ ލިބޭ ފަރާތް ހާދިސާ ހިނގި ތަނުގައި ނެތް ކަން ސާބިތުވާތީ އޭނާގެ މައްޗަށް ދަޢުވާ ސާބިތުނުވާ ކަމުގައެވެ. މިމައްސަލަ ބެއްލެވި ޤާޒީއަކީ ކުރިމިނަލް ކޯޓުގެ ޤާޒީ އަލްއުސްތާޛު ޢަލީ ރަޝީދެވެ. 
މިލިޔުން ކިޔާލުމުން
40 %
އުފާވި
0 %
ދެރަވި
60 %
ރުޅިއައި
0 %
މައުލޫމާތު މުއްސަނދިވި
ކިޔުންތެރިންގެ ހިޔާލު
ފޮނުވާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ